ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

2021 ށް ޔޫރޯ ފަސް ކުރިޔަސް ނަން ބަދަލު ނުވާނެ

މި އަހަރު ޖޫން ޖުލައިގައި ބާއްވަން ތާވަލު ކުރި، ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސް ކުރި ނަމަވެސް މުބާރާތުގެ ނަން ބަދަލު ނުވާނެ ކަމަށް، ޔޫއެފާއިން ބުނެފި އެވެ.

ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާއިން މިދިޔަ މަހު ވަނީ، މިއަހަރު ޖޫން 12 އިން ޖުލައި 12 އަށް ބާއްވާ ޔޫރަޕިއަން ޗެމްޕިއަންޝިޕް އަންނަ އަހަރުގެ ޖޫން ޖުލައި އަށް ފަސް ކޮށްފަ އެވެ. އެ ބައްރުގެ 12 ގައުމުގައި އެއް ފަހަރާ ބާއްވާ މުބާރާތް ދެން އޮންނާނީ އަންނަ އަހަރުގެ ޖޫން 11 އިން ޖުލައި 11 އަށެވެ.

މުބާރާތް، ފަސް ކުރަން މިދިޔަ މަހު ނިންމި ނަމަވެސް، ޔޫއެފާއިން އޭރު އޮތީ މުބާރާތުގެ ނަމާ މެދު ރަސްމީ ނިންމުމެއް ނުނިންމަ އެވެ. އެހެންވެ ބައެއް ފަރާތްތަކުން "ޔޫރޫ 2021" ނަމުން ވެސް މުބާރާތަށް ނަން ދިނެވެ.

މިދިޔަ ހަފުތާގައި ބޭއްވި ވީޑިއޯ ކޮންފަރެންސް ބައްދަލުވުންތަކަށް ފަހު ޔޫއެފާއިން ވަނީ އަންނަ އަހަރު މުބާރާތް ބޭއްވި ނަމަވެސް މުބާރާތުގެ ނަމަކީ "ޔޫރޫ 2020" ކަމަށް ކަނޑައަޅާފަ އެވެ.

"ޔޫއެފާ ޔޫރޯ 2020 އަންނަ އަހަރުގެ ހޫނު މޫސުމަށް ފަސް ކުރުމަށް ފަހު ޔޫއެފާއިން ވަނީ އިންޓާނަލް ރިވިއުއެއް ހެދުމަށް ފަހު މުބާރާތުގެ އެކިއެކި ބައިވެރިންނާއެކު ގިނަ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފަ،" ޔޫއެފާއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. "މި މަޝްވަރާތަކަށް ބިނާކޮށް އެގްޒެކެޓިވް ކޮމިޓީން ނިންމާފައި ވަނީ މުބާރާތުގެ ނަމެއްގެ ގޮތުގައި އޮތް ޔޫރޯ 2020 އެގޮތުގައި ދެމެހެއްޓުމަށް، މިގޮތަށް ނިންމުމުން މުބާރާތުގެ މަގުސަދު ކަމަށްވާ ޔޫރޯ އަށް 60 އަހަރު ފުރުން ފާހަގަ ކުރުމުގެ މުނާސަބަތުގެ މަގްސަދު ހާސިލު ވޭ."

ޔޫރޯ ފުޓްބޯޅަ މުބާރާތް ބާއްވަން ފެށިތާ މި އަހަރަށް 60 އަހަރު ފުރޭނެ އެވެ. ޔޫރަޕްގެ 12 ގައުމެއްގައި މިފަހަރުގެ މުބާރާތް ބާއްވަން ޔޫއެފާއިން ނިންމީވެސް އެ މުނާސަބަތާ ގުޅުވުމުގެ ގޮތުންނެވެ.