ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ދުވަސް ނުފުރާ ވިހޭ ކުއްޖަކު ކޮވިޑް ބަލިން ފަސޭހަވެއްޖެ

ސްކޮޓްލެންޑްގައި މިހާތަނަށް ކޮވިޑް-19 ޖެހުނު އެންމެ ހަގު ކުއްޖާ އެ ބަލިން ސަލާމަތް ވެއްޖެ އެވެ. މި ތުއްތު ކުއްޖާ އަށް ބަލި ޖެހުނުއިރު އޭނާއަށް އެންމެ ތިން ހަފުތާ އެވެ.

ޕޭޓަން މެގުއާ ނަމަކަށް ކިޔާ މި ތުއްތު ކުއްޖާ އުފަންވެފައި ވަނީ ވެސް ދުވަސް ނުފުރަ އެވެ. އޭނާ އުފަންވީއިރު އަދި ބާކީ އަށް ހަފުތާ އޮތެވެ. މާޗް 26، 2020 ގައި އުފަންވީއިރު ޕޭޓަންގެ ބަރުދަނުގައި ހުރީ އެންމެ ތިން ޕައުންޑް ފަސް އައުންސެވެ.

ޕޭޓަންގެ މަންމައަށް ބަލިވެ އިނުމާ ގުޅިގެން ދިމާވި ސިއްހީ ބޮޑެތި މައްސަލަތަކެއްގެ ސަބަބުން އިމަޖެންސީގެ ސިޒޭރިއަން ހަދަން ޖެހުނީ އެވެ. ޔުނިވަސިޓީ އޮފް ވިޝާވޯގެ ނިއޯ-ނެޓަލް ޔުނިޓުގެ އިންކިއުބޭޓަރެއްގައި ތުއްތު ޕޭޓަން ގިނަ ދުވަސްތަކަކު އޮތެވެ.

ނަމަވެސް ކޮވިޑް-19ގެ މާ ބޮޑު އަލާމާތެއް ނުފެނި ތިން ހަފުތާ ފުރުނުތަނާ އެ ތުއްތުކުއްޖާ ކޮވިޑް-19 އަށް ޕޮޒިޓިވް ވީ އެވެ. އޭނާގެ ކިބައިން ފެނުނުހާ ވެސް އަލާމާތަކީ ކުޑަކޮށް ކެއްސުމެވެ.

ޕޭޓަންގެ މަންމަ ޓްރޭސީ ބީބީސީ އަށް ކިޔައިދިން ގޮތުގައި އޭނާގެ ދަރިފުޅުގެ ލޮލުން ކަރުނަ އަންނަތަން އޭނާއަށް ފެނުނީ ކޮވިޑް-19 އަށް ޓެސްޓްކުރަން ވެގެން ޑޮކްޓަރުން އޭނާގެ ނޭފަތަށް ކަފަބުރު ކޮއްޕިއިރު އެވެ. ތުއްތު ބޭބީ ރޯތަން ފެނިފައި އޭނާއަށް ވެސް ރޮވުނު ކަމަށް ޓްރޭސީ ބުންޏެވެ.

ޕޭޓަންގެ ޓެސްޓް ޕޮޒިޓިވްކަން އެނގުނީ އޭޕްރީލް 15 ވަނަ ދުވަހު އެވެ. އެހިސާބުން އޭނާގެ މައިންބަފައިންނަށް ހޯމް އައިސޮލޭޝަނަށް ދާން އެންގި އެވެ.

"މަގޭ ތުއްތު ދަރިފުޅު ގައިގައި ކޮރޯނާވައިރަސް ހުރިކަން އަހަންނަށް އެނގުމުން ވަރަށް ބިރުގަނެ ދެރަވި. އެ ތުއްތު ބޭބީއަށް ނޭވާލާން ދަތިވެދާނެތީ އަދި އޭނާގެ ފުއްޕާމެއަށް މި ވައިރަހުން ސަބަބުން ވާނެ ގޮތަކާ މެދު ވިސްނި ވަރަށް ރޮވުނު،" ޓްރޭސީ ބުންޏެވެ.

ވަރަށް އާދޭސްކޮށްގެން ޓްރޭސީ އަށް އޭނާގެ ދަރިފުޅު ކައިރީގައި ހޮސްޕިޓަލުގައި ހުރުމުގެ ހުއްދަ ލިބުނެވެ.

ޓްރޭސީ ބުނީ އޭނާގެ ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އެތާ ތިބި ޑޮކްޓަރުންނާއި ނަރުހުން އެމީހުންގެ ފުރާނައަށް ބެލުމެއް ނެތި ކުރި ހިތްވަރުގަދަ މަސައްކަތަށް ތައުރީފު ހައްގު ކަމަށެވެ. ދަރިފުޅަށް ބުއްފުޅި ދިނުމާއި އަދި މާ ބޮޑަށް ރޮވޭއިރު ނަގާ ބައްދާލައިގެން މަސަލަސްކުރަން އެމީހުން މަސައްކަތް ކުރީ ބަލި އަރާފާނެތީ އޮތް ބިރަށް ނުބަލާ ކަމަށް ވެސް ޓްރޭސީ ބުންޏެވެ. ސިއްހީ ޚިދުމަތްތެރިން ތިބީ ޕީޕީއީގައި ނަމަވެސް އެމީހުންނަށް ކުރެވުނު ހުރިހާ މަސައްކަތެއް ދަރިފުޅަށް ފަރުވާ ދިނުމުގައި ކޮށްދިންކަން އޭނާ ފާހަގަ ކުރި އެވެ.

މިދިޔަ ހޯމަ ދުވަހު ޕޭޓަން ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ. އެއީ އޭނާގެ ފަހުން ހެދި ދެ ޓެސްޓް ނެގެޓިވް ވުމުންނެވެ.

މި ތުއްތުކުއްޖާ ފަސޭހަވެގެން ގެއަށް ދިއުމަކީ މެޑިކަލް ސްޓާފުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ކިތަންމެ ތުއްތު ކުއްޖަކަށް ވެސް ރަނގަޅަށް ފަރުވާ ދެވިއްޖެނަމަ ކޮވިޑް-19 އިން ސަލާމަތް ކުރެވިދާނެކަމުގެ ހިތްހަމަޖެހުމެވެ.