ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ނަރޫދޫގައި އޮތީ ކޮމިޔުނިޓީ ޓްރާންސްމިޝަނެއް

Apr 28, 2020

ށ. ނަރުދޫއިން ކޮވިޑް-19 އަށް މިހާތަނަށް އަށް މީހަކު ޕޮޒިޓިވްވެފައިވާއިރު، އެ ރަށުގައި މިހާރު އޮތީ ކޮމިޔުނިޓީ ޓްރާންސް މިޝަނެއްކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

ނަރުދޫއިން އަށް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިމިވަނީ އެ ރަށުގަައި ދުއްވާ އަމާޒު ބޯޓްގެ ކެޕްޓަން ޕޮޒިޓިވް ވެފައިވަނިކޮށެވެ. އޭގެ އިތުރުން، އަމާޒު ބޯޓުގައި ދަތުރުކުރި އެ އަތޮޅު މިލަންދޫ މީހަކުވެސް ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފަ އެވެ.

އެންއީއޯސީގައި މިރޭ ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ނަރުދޫގައި އޮތީ ކޮމިޔުނިޓީ ޓްރާންސްމިޝަނެއް ކަމަށާއި، ނަމަވެސް، އޭގެ ތެރޭގައި ހިމެނެނީ އެއް ކްލަސްޓާއެއްގެ މީހުން ކަމަށެވެ.

އެ ބޯޓާ ގުޅިގެން ޖުމްލަ 113 ކޮންޓެކްޓެއް ހޯދިފައިވީ ނަމަވެސް، ހައި ރިސްކުގެ ގޮތުގައި ކަނޑައެޅިފައިވަނީ 35 މީހެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ. އަދި ހައި ރިސްކު މީހުންގެ ތެރެއިން 11 މީހެއްގެ ކިބާގައި ބަލީ އަލާމްތައް ހުރި ކަމަށާއި، އޭގެ ތެރެއިން ޕޮޒިޓިވްވެފައިވާ ނުވަ މީހުންނަކީވެސް އޭގެ ތެރޭގައި ހިމެނޭ މީހުން ކަމަށެވެ.

މިއީ މާލެއިން ބޭރުން މި ބަލި މުޖުތަމައުގެ ތެރޭގައި ފެތުރުނު ފުރަތަމަ ފަހަރެވެ.

އަމާޒު ބޯޓު މާލެއިން ފުރީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެ ބޯޓް 16 ވަނަ ދުވަހު ގިނަ ރަށްތަކަކަށް ދަތުރު ކޮށްފައިވެއެވެ. އެގޮތުން ޖުމްލަ 13 ރަށަކަށް ބޯޓް ދަތުރުކޮށްފައި ވެއެވެ.

އޭގެ ތެރޭގައި ނ. މާފަރާއި އެ އަތޮޅު ހެނބަދޫ އާއި މިލަދޫ އާއި ކެނދިކުޅުދޫ އާއި ވެލިދޫ އާއި ހޮޅުދޫ އަށް ދަތުރު ކޮށްފައި ވެއެވެ. މީގެ އިތުރުން ށ. އަތޮޅުން ނަރުދޫ އާއި ފުނަދޫ އާއި މިލަންދޫ އާއި ފީވަކާއި މާއުނގޫދޫ އަށް ވެސް އަމާޒު ދިޔަ އެވެ. މީގެ އިތުރުން ހއ. ދިއްދޫ އާއި އުތީމަށްވެސް އަމާޒު ބޯޓު ވަނެވެ.

ކޮވިޑަށް ޕޮޒިޓިވްވީ "އަމާޒް" ބޯޓްގެ ކެޕްޓަނަކީ އުމުރުން 49 އަހަރުގެ ދިވެއްސެކެވެ.