ކުޅިވަރު

ފްރާންސް ލީގް ކެންސަލްކޮށްފި

ސެޕްޓެމްބަރު މަހާ ހަމައަށް، ކުޅިވަރުގެ ހުރިހާ ހަރަކާތެއް ފަސް ކުރަން ފްރާންސްގެ ބޮޑު ވަޒީރު އެޑްއާޑް ފިލީޕްގެ ގަރާރު ނެރުއްވުމުން، މި ސީޒަންގެ ފްރާންސް ލީގް ނިންމާލިކަން ފްރާންސްގެ ފެޑްރޭޝަނުން އިއުލާން ކޮށްފި އެވެ.

ކޮވިޑް-19 އިން ރައްކާތެރި ވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ކުރިއަށް އޮތް ހަތަރު މަހު ކުޅިވަރުގެ ހުރިހާ ހަރަކާތެއް ފަސް ކުރުމަށް އެންގެވި ގަރާރުގައި ފިލީޕް ވަނީ ވަކިން ހާއްސަ ކޮށް ފުޓްބޯޅަ ލީގްގެ ވާހަކަ ފާހަގަ ކުރައްވާފަ އެވެ.

އެ ގަރާރު ނެރެއްވުމުން ފްރާންސްގެ ފުޓްބޯލް ފެޑްރޭޝަނުން ވަނީ، ފުރަތަމަ ޑިވިޝަނާއި ދެ ވަނަ ޑިވިނަ ޑިވިޝަންގެ ސީޒަން ނިމިފައިވާކަން އިއުލާން ކޮށްފަ އެވެ.

ފްރާންސް ލީގްގެ އެއް ވަނައިގައި އޮތީ ޕއެސްޖ އެވެ. ލީގް ނިންމާލި ނަމަވެސް އެ ޓީމަށް ލީގް ލިބުނުކަން ހާމަކޮށްފަ އެއް ނުވެ އެވެ. އަންނަ ސީޒަންގެ ޗެމްޕިއަންސް ލިގުގެ ޖާގަ ލިބެނީ ޕީއެސްޖީގެ އިތުރުން ދެ ވަނައިގައި އޮތް މާސޭ އާއި ތިން ވަނައިގައި އޮތް ރެންސް އަށެވެ.

ޑޮމެސްޓިކް ފުޓްބޯޅަ ސީޒަން ނިންމާލި ނަމަވެސް، ޕީއެސްޖީ އާއި ލިއޯން އަށް ޔޫއެފާ ޗެމްޕިއަންސް ލީގް އެބައޮތެވެ. ޕީއެސްޖީ ވަނީ ކްއާޓާ ފައިނލުން ޖާގަ ހޯދާފަ އެވެ. ދެ ވަނަ ބުރުގެ ދެ ވަނަ ލެގް މެޗްގައި ލިއޯން އާ ޔުވެންޓަސް ކުޅެން ޖެހޭނެ އެވެ.

ލީގް ކެންސަލް ކުރުމުން، ފްރާންސްގެ އެންމެ ބޮޑު ކުލަބު ޕީއެސްޖީން ވަނީ އެ ޓީމުގެ މުސާރަތައް ދަށް ކުރުމަށް ވާހަކަ ދައްކާފަ އެވެ.