ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފީފާ

ސީޒަން ކުރިއަށްގެންދަން ދުނިޔެ ތައްޔާރެއް ނޫން

ކޮވިޑް-19 ގެ ބަލި މަޑުކަމުގެ ސަބަބުން ހުއްޓާލާފައިވާ، ފުޓްބޯޅަ ސީޒަން ކުރިއަށް ގެންދިއުމަށް ދުނިޔެ ތައްޔާރު ނުވާ ކަމަށް ފީފާގެ މެޑިކަލް ކޮމިޓީގެ ޗެއާމަން ވިދާޅުވެއްޖެ އެވެ.

ބައެއް ގައުމުން ތަކުން ވަނީ، މެއި މަހު ކުރީ ކޮޅު ސީޒަން އަލުން ފަށަން ތައްޔާރު ކަމަށް ބުނެފަ އެވެ. ޔޫރަޕްގެ ބައެއް ގައުމުތަކުން ވަނީ އެ ގައުމުތަކުގެ ފުޓްބޯޅަ ސީޒަން އިތުރަށް ކުރިއަށް ނުގެންދެވޭނެކަން ކަށަވަރު ވުމުން ސީޒަން ނިންމާލާފަ އެވެ. ލީގް ނިންމާލީ، ސެޕްޓެމްބަރު މަހާ ހަމައަށް ކުޅިވަރުގެ ހުރިހާ ހަރަކާތްތަކެއް ފަސް ކުރަން ގައުމުތަކުގެ ސަރުކާރުތަކުން އެންގުމުންނެވެ.

ފީފާގެ މެޑިކަލް ކޮމިޓީގެ ޗެއާމަން، މިޝޭލް ޑޫގޭ، ވެސް ވިދާޅުވީ ސެޕްޓެމްބަރު މަހާ ހަމައަށްވެސް ފުޓްބޯޅަ ސީޒަން އަލުން ފެށޭނެ ހާލަތެއް އަންނާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

"އަހަރެންގެ ހުށަހެޅުމަކީ އެކަން ކުރެވެން އޮތް ކަމުގައި ވާނަމަ ކުރިއަށް ހަފުތާތަކުވެސް ފުޓްބޯޅަ މެޗުތައް ނުފެށުން،" ޑޫގޭ ވިދާޅުވި އެވެ. "މި ސީޒަން އޮތްގޮތަށް ބާއްވާފައި އަންނަ ސީޒަނަކީ ރަނގަޅު ސީޒަނަކަށް ހެދުމަށް ތައްޔާރުވުން."

އޭނާ ވިދާޅުވީ ލީގް އަލުން ފަށަން ޕްލޭން ކުރާއިރު އެކަމާ ދެ ވަނަ ފަހަރަށް ވިސްނާލަން ޖެހޭ ކަމަށެވެ. އަދި ފުޓްބޯޅަ ސީޒަން މިހާލަތުގައި ފެށުމަކީ ބޮޑު ރިސްކެއް ކަމަށް ވިދާޅުވި އެވެ.

"އަހަރެން މި ވާހަކަ ދައްކަނީ މެޑިކަލް ޑޮކްޓަރެއްގެ ހައިސިއްޔަތުން، މިހާލަތުގައި ފުޓްބޯޅަ ސީޒަން ފެށުމަކީ ބޮޑު ރިސްކެއް،" ބީބީސީ އަށް ދިން އިންޓަވިއުގައި އޭނާ ވިދާޅުވި އެވެ. "އެ ރިސްކު ގުޅިފައި ވަނީ މަރު ނުވަތަ ދިރިހުރުމާ."