މާލެ ލޮޮކްޑައުން ކޮށްފައި ވަނިކޮށް މާލެއަަށް އެރުމުގެ ހުއްދަ މެންބަރު އަބްދުﷲ ރިޔާޒަށް ދިނުމުން އެކަމާ އޭނާއަށް ފާޑުކީ ނަމަވެސް ރަށުގެ ރައްޔިތުންނަށް ދެރަ ބަސް ބުނެ ފުރައްސާރަ ނުކުރުމަށް ރިޔާޒް އެދިވަޑަައިގެންފި އެވެ.
މެންބަރު ރިޔާޒަށް ބައެއް މީހުން ފާޑުކިޔަމުން ދަނީ މާލެ ލޮޮކްޑައުން ކޮށްފައި ވަނިކޮށް އެޗްޕީއޭއާ ފުލުހުން ހުއްދަ ދިނުމުން މާލެ އެރުމާއި ގުޅިގެންނެވެ.
ރިޔާޒަށާއި އޭނާ ނިސްބަތްވާ ތިމަރަފުށީގެ ރައްޔިތުންނަށް ނިސްބަތްކޮށް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ވަނީ "ރިޔާޒް މާލެ އެރީ ފަސް ތިމަރަ ގޮވައިގެން" ކަމަށް ބުނެ ޓްވީޓެއް ކޮށްފައެވެ.
"އެންމެ ތިމަރައެއް ނޫން. ފަސް ތިމަރަ ގޮވައިގެން މާލެ އެރީ،" ރިޔާޒާއެކު މާލެ އެެރި ތިމަރަފުށީގެ ރައްޔިތުންނަށް އަމާޒުކޮށް ނާޒިމް ކުރި ޓްވީޓްގައި ބުނެފައި ވެއެވެ.
ނާޒިމްގެ ބަސްމަގާމެދު ހިތްހަމަޖެހިވަޑަައިނުގެން ރިޔާޒް ވަނީ ތިމަރަފުށީ ރައްޔިތުންނަށް އިހުތިރާމް ކުރަން އެދި ވަޑައިގެންފަ އެވެ. އަދި ވިދާޅުވީ އޭނާއަށް އޮތް ފާޑުކިޔުމެއް ތިމަރަފުށީ ރައްޔިތުންނަށް އަމާޒު ނުކުރުމަށެވެ. ދާއިރާގެ ރައްޔިތުންނަށް ފުރައްސާރައާ މަލާމާތް ރައްދުކޮށް ވާހަކަ ނުދެއްކުމަަށްވެސް އޭނާ ވަނީ އެދި ވަޑައިގެންފަ އެވެ.
ރިޔާޒް ވިދާޅުވީ އޭނާ މާލެ ވަޑައިގެންނެވީ ގަވާއިދާ އެއްގޮތަށް ކަމަށާއި އޭނާ ވަޑައިގެންނެވިއިރު ތިމަރަފުށީގެ އިތުރު ބަޔަކުވެސް ހުއްދަ ހޯދައިގެން މާލެ އައި ކަމަށެވެ. އަދި ވިދާޅުވީ މާލެ އައުމުގެ ހުއްދައަށް އެދި ވަޑައިގަތީ ތިމަރަފުށީގައި 15 ދުވަހު ހުންނެވުމަށްފަހު ކަމަށެވެ.