ހަބަރު

ރިޔާޒަށް މާލެ އާދެވުނު ގޮތް ސާފުކުރަން މަޖިލީހަށް

Apr 30, 2020
4

މާލެ ލޮކްޑައުން ކޮށްފައި އޮތްވާ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒަށް މާލެ ވަޑައިގެންނެވުމުގެ ގޮތް ސާފު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވައި މައްސަލަ ހުށަހަޅުއްވާފައިވަނީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ.

ރިޔާޒު މާލެ ވަޑައިގެންފައިވަނީ ތިމަރަފުށީގައި އުޅުއްވުމަށްފަހު އެވެ. ރިޔާޒު މާލެ ވަޑައިގެން ޓްވީޓެއް ކުރެއްވި އެވެ. އެ ޓްވީޓާއެކު ގިނަ ބަޔަކު ކަންބޮޑުވުންތައް ފާޅުކުރި އެވެ. މާލެ ލޮކްޑައުންގައި އޮތުމުން މާލެ ނާދެވިފައިވާ ގިނަ ބަޔަކު ތިބިއިރު ރިޔާޒަށް ހުއްދަ ލިބުނު ގޮތަކާމެދު ސުވާލު އުފެއްދި އެވެ.

ސިރާޖު ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ ރިޔާޒުގެ އެ ޓްވީޓާ ގުޅިގެން ރައްޔިތުންގެ މެދުގައި މަޖިލިސް މެންބަރުންނާމެދު ނަފުރަތު އުފެދި، މެންބަރުންނަކީ ނުފޫޒުން ކަންކަން ކުރާ ބައެއްގެ ގޮތުގައި ލޭބަލްވެފައިވާ ކަމަށެވެ.

މިހާރު ވެސް އެމްޑީޕީއަށް ނިސްބަތްވާ ތިން މެންބަރަކު ވެސް ދާއިރާތަކުގައި މާލެ ވަޑައިނުގެންނެވިފައި އެބަތިބި ކަމަށާއި އެ ފަރާތްތަކަށް ވެސް ހުއްދަ ލިބިފައިނުވާ ކަމަށެވެ.

އެހެންކަމުން ރިޔާޒަށް މާލެ ވަޑައިގެންނެވުމަށް ހުއްދަ ދެވިފައިވޭތޯ އާއި ދެވިފައިވާނަމަ، އެއީ ކޮން ސަބަބެއް މެދުވެރިގެން ދިން ހުއްދައެއްތޯ ކަމާ ބެހޭ ކޮމިޓީއަކުން ބަލައިދިނުމަށް ވަނީ ސިރާޖު އެދިވަޑައިގެންފަ އެވެ. އަދި މިކަމަކީ ރިޔާޒުގެ ސުލޫކާ ގުޅޭ މައްސަލައެއް ކަމަށް ފެންނަ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ފާޑުކިޔުންތަކާއެކު ރިޔާޒު ވަނީ މާލެ ވަޑައިގެންނެވީ ފުލުހުންނާއި އެޗްޕީއޭގެ ހުއްދަ ލިބިގެން ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެކަން އެޗްޕީއޭއިން ކަށަވަރެއް ނުކޮށްދެ އެވެ. ފުލުހުން ބުނެފައިވަނީ ފުލުހުން ރިޔާޒަށް ހުއްދަ ދިނީ އެޗްޕީއޭއިން ހުއްދަ ދީފައިވާތީ ކަމަށާއި ރިޔާޒަށް ވަކި ހާއްސަ ގޮތެއް ގެންގުޅިފައިނުވާނެ ކަމަށެވެ.