އަބްދުﷲ ރިޔާޒް

ގެސްޓްހައުސްގެ ފުރަތަމަ މެހުމާނަކަށް ރައީސް ވަޑައިގަތުމަކީ ލިބުނު އުފަލެއް: ރިޔާޒު

Aug 18, 2021
1

ތ. އަތޮޅަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ތިމަރަފުށީގައި ހަދާފައިވާ ގެސްޓްހައުސް އަށް ވަޑައިގެން އެތަނުގައި މަޑުކުރެއްވި ފުރަތަމަ މެހުމާނަކަށް ރައީސް ސޯލިހް ވެވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ފަހުރެއް ކަމުގައި ގެސްޓްހައުސްގެ ވެރިޔާ އަދި މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް ރޭ ތިމަރަފުށްޓަށް ވަޑައިގެން މަޑުކުރެއްވީ ރިޔާޒުގެ އަމިއްލަ ގޭގައި "ސްޓޭ މިކާޑޯ"ގެ ނަމުގައި ހަދާފައިވާ ތިންބުރީގެ ގެސްޓްހައުސްގަ އެވެ.

ގެސްޓްހައުސް އަށް ނަން ދީފައިވަނީ ތިމަރަފުއްޓާ ވަރަށް ކައިރީގައި އޮންނަ ސާފިން ޕޮއިންޓަކަށް މިކާޑޯ ކިޔާތީވެ އެ ނަމާ ގުޅުވައިގެންނެވެ.

ރިޔާޒު ވިދާޅުވި ގޮތުގައި ރައީސް ސޯލިހް އެ ގެސްޓްހައުސްގައި ހުންނެވުމަށް ރައީސް އޮފީހުން އެދުނީ ތަނުގެ މަސައްކަތް މުޅިން ނުނިމެނީސް ކަމަށްވީ ނަމަވެސް އެތަނުގައި މަޑުކުރެއްވި ފުރަތަަމަ މެހުމާނަކަށް ރައީސް ވެވަޑައިގަތުމަކީ ފަހުރެއް ކަމަށެވެ.

ރިޔާޒުގެ އުފަން ރަށުގައި ގާތްގަނޑަކަށް އަށް މިލިއަން ރުފިޔާ ހަރަދުކޮށްގެން 12 ކޮޓަރީގެ ގެސްޓްހައުސްއެއް އޭނާ އިމާރާތް ކުރީ ތިމަރަފުށީގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށެވެ.

ތިމަރަފުށީގައި ރިޔާޒުގެ ހަދާފައިވާ ގެސްޓްހައުސްގެ އިތުރުން އަދި އެހެން ގެސްޓްހައުސް އެއްވެސް ހަދާފައިވެ އެވެ. ނަމަވެސް އެ ރަށަށް އާންމުކޮށް ގެސްޓުން ގޮސް ނުހަދާ ކަމަށް ރަށު ކައުންސިލުން ވަނީ މައުލޫމާތު ދީފަ އެވެ.

ރައީސް ސޯލިހް ތިމަރަފުށްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ އަދި ދައުލަތުގެ އިދާރާތަކުގެ އިސް ބޭފުޅުންނާއި މުވައްޒަފުންނާ އެކު ބޭއްވި ބައްދަލުވުންތަކުގައި ވެސް ރިޔާޒު ބައިވެރިވެވަޑައިގެންފައިވެ އެވެ.

ރިޔާޒު މިހާރު ގެންދަވަނީ އޭނާގެ އެންމެ ގާތް ރަހްމަތްތެރިޔާ އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާ ގުޅިގެން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.