އަބްދުﷲ ރިޔާޒް

ކޮންމެ މީހަކު އިންތިހާބުކުރިޔަސް ޕްރޮޖެކްޓްތައް ހިނގާނެ

ކޮމަންޑޫ ދާއިރާގެ މަޝްރޫއުތައް ހިންގޭނީ އެ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީ ކެންޑިޑޭޓް ހޮވައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ވިދާޅުވުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނާއިބު ރައީސް އަބްދުﷲ ރިޔާޒު ރައްދު ދެއްވައިފި އެވެ.

އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް އެ ދާއިރާގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫއަށް އިއްޔެ ވަޑައިގެން ރައީސް ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓް އިހްތިޔާރު ކުރަންވީ ތަރައްގީ ހޯދަން އެދޭތީ ކަމަށެވެ. އެ ކެންޑިޑޭޓަށް ވޯޓްލައިގެން ދެރަ ގޮތެއް ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަދި މިހާރު ހިނގާ މަޝްރޫއުތަކާއި ތަރައްގީގެ އިތުރު ކުރިއެރުން އެދޭނަމަ އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދެއްވުމަށް ރައީސް އެދިވަޑައިގަތެވެ.

"ކޮމަންޑޫގެ ރައްޔިންތުން ކުރިއަށް ވަޑައިގަންނަވާ. ތަރައްގީ އާއި ކުރިއެރުން އޮންނާނީ އޭރުން" ރައީސް ވިދާޅުވިއެވެ.

އެކަމަށް އިޝާރާތް ކުރައްވާ ރިޔާޒް ވިދާޅުވީ ތަފާތު ކުރުމެއްނެތި ހުރިހާ ރަށެއްގަވެސް މަޝްރޫއުތައް ހިންގަވާނެ ކަމަށް މީގެ ކުރިން ރައީސް ވިދާޅުވެފައިވާ ކަމަށެވެ. އަދި ކޮންމެ މީހަކު އިންތިހާބު ކުރި ނަމަވެސް ޕްރޮޖެކްޓްތައް ކުރިޔަށްދާނެ ކަމަށް ވިދާޅުވިއެވެ.

"އެއްވެސް ޕްރޮޖެކްޓެއް ހުއްޓައިފިނަމަ 2023 ރިޔާސީ އިންތިހާބުގަ ރައްޔިތުން އެެމްޑީޕީ އަށް ބޮޑުތަނުން ނޫނެކޭ ބުނާނެ," ރިޔާޒް ވިދާޅުވިއެވެ.