ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޑެލިވަރީ ހުއްދަތައް ބާތިލްކޮށް އަލުން ދޫކުރަނީ

Apr 29, 2020

ވިޔަފާރީގެ އުސޫލުން އެކި ހިދުމަތްތައް ދިނުމަށް ދޫކޮށްފައިވާ ހުއްދަތައް ބާތިލުކޮށް އަލުން އެ ހުއްދަ ދޫކުރަން ނިންމާފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މާލެ ވަނީ ލޮކްޑައުންކޮށްފައެވެ. އެހެން ކަމުން ވިޔަފާރީގެ އުސޫލުން އެކި ހިދުމަތްތައް ދިނުމަށް އެތައް ވިޔަފާރިތަަކަކަށް ވަނީ ފާސްތައް ދޫކޮށްފައެވެ. ނަމަވެސް އެ ފާސްތަކުގެ ބޭނުން ނާޒާއިޒް ގޮތުގައި ހިފަަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިރޭ ފުލުހުންގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސެންޓް ކޮމިޝަނަރު އަބްދުﷲ ފައިރޫޝް ވިދާޅުވީ ޑެލިވަރީ ކުރުމަށް ދީފައިވާ ހުއްދަތަކަކީ މާބޮޑު އިންތިޒާމެއްގެ ތެރެއިން ދޫކޮށްފައިވާ ހުއްދަތަކެއް ނޫން ކަމަށެވެ. އެކަން އެހެން ދިމާވީ ކުއްލިއަކަށް ލޮކްޑައުންއަށް ދާން ޖެހުމުން އާންމުންނަށް ދިމާވެދާނެ ދަތިތަކުން ސަލާމަތްކޮށް ދޭން އުޅުމުގެ ތެރޭގައި ކަމަށެވެ.

ފައިރޫޝް ވިދާޅުވީ އެ ފާސްތައް އެއީ ސައްހަ ފާސްތަކެއްކަން ނުވަތަ ކޮން ބަޔަކަށް ދޫކޮށްފައިވާ ފާސްތަކެއްކަން ވެސް މިހާރު ނޭންގޭ ކަމަށެވެ. އެހެން ކަމުން އިންތިޒާމެއްގެ ތެރެއިން އެކަން ކުރުމަށްޓަކައި މާދަމާ މެންދުރު 12:00 ފެށިގެން ހުއްދަތައް ބާތިލު ކުރަން ފަށާނެ ކަމަށެވެ.

"މި ބަދަލާއެކު މިހާރު ދޫކޮށްފައިވާ ހުރިހާ ހުއްދަތަކެއް ބާތިލުވާނެ 48 ގަޑިއިރަށްފަހު. އަޅުގަނޑުމެން މި ދެނީ މިހާރު ހުއްދަ ދެވިފައިވާ ފަރާތްތަކުން އަލުން އެޕްލައި ކޮށްގެން މަސައްކަތަށް ހުއްޓުމެއްނެތި ރައްޔިތުންނަށް ދެވޭ ހިދުމަތްތައް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް"

ފައިރޫޝް ވިދާޅުވީ އަލަށް ހުއްދައަށް އެދޭ ވިޔަފާރިތަކުގެ ތެރެއިން ހުއްދަ ދެވޭ ވިޔަފާރިތަކަށް ދޫކުރެވޭ ފާހުގައި ކިއުއާރު ކޯޑެއް ހިމަނާފައި ވާނެ ކަމަށެވެ. އަދި ހުއްދަ ނެތި އޭގެ ފަހުން ޑެލިވަރީގެ ހިދުމަތް ނުދެވޭނެ ކަމަށް ވެސް ފައިރޫޝް ވިދާޅުވި އެވެ.