ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރޭގަނޑު އަށަކުން ފެށިގެން ވެހިކަލް ދުއްވުން މަނާކޮށްފި

ރޭގަނޑު އަށަކުން ފެށިގެން ފަތިހު ފަހަކަށް މާލެ ސިޓީގައި ވެހިކަލް ދުއްވުން މަނާކޮށްފި އެވެ.

މިއީ ކޮވިޑް ބަލިމަޑުކަމާއި ގުޅިގެން ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅެކެވެ. މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ރޭގަނޑު އަށަކުން ފެށިގެން ފަތިހު ފަހަކަށް މާލެ، ވިލިމާލެ، ހުޅުމާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފައިވާ ކަމަށެވެ.

މާދަމާ ރެއިން ފެށިގެން އެކަން ތަންފީޒު ކުރާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"އެކަން ތަންފީޒުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން ގެންދާއިރު ފުރަތަމަ ފަހަރުގައި ނަސޭހަތްތެރިވާނަން. ދެވަނަ ފަހަރަށް މަނާ ގަޑީގައި އެ ވެހިކަލް ޗެކްކުރެވިއްޖެނަމަ ޖޫރިމަނާ ކުރާނަން. އަދި އެކަން ތަކުރާރުވާނަމަ އެ ވެހިކަލެއް އަޅުގަނޑުމެން ޓޯ ކުރާނަން. އޭގެ ފަހުގައި އެ އުޅަދެއް ދޫކުރެވޭނީ އެ ޖޫރިމަނާ ދެއްކުމަށްފަހު،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ވެހިކަލް ޖޫރިމަނާ ކުރާނީ 1000 ރުފިޔާއިން ކަމަށެވެ.

ރޭގަނޑު އަށަކުން ފެށިގެން ވެހިކަލް ދުއްވުން މަނާކުރި ނަމަވެސް ދިހައެއް ޖެހުމާއި ހަމައަށް މަގުމަތީގައި އުޅެވޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް އަށަކުން ދިހައަކަށްވެސް ވެހިކަލް ދުއްވާތޯ ބެލުމަށް ފުލުހުން ހަރަކާތެރިވާނެ ކަމަށެވެ.

"އަޅުގަނޑު މީގައި ފާހަގަކޮށްލަން ބޭނުން އެ ވެހިކަލެއް ދުއްވަނީ ވެހިކަލްގެ ވެރި ފަރާތް ނޫން ނަމަވެސް އެ ވެހިކަލް ޖޫރިމަނާ ކުރާނަން. އެހެންވީމަ ވެހިކަލްތަކުގެ ވެރިން އެކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ،"

ނުވަގަޑި ތިރީހުގައި ފިހާރަތައް ބަންދުކުރުން

ޝަރީފް ވަނީ ހުރިހާ ވިޔަފާރިވެރިންވެސް 9:30 ގައި ފިހާރަތައް ބަންދު ކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި 10 ޖެހުމުގެ ކުރިން ފިހާރަތަކުގެ ސްޓާފުންނަށް ގެއަށް ދެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

"އެ ވަގުތު ފިހާރަތައް ބަންދުކުރުމަށްފަހު ގެއަށް ވަޑައިގަންނަވަން ޖެހޭނީ ހިންގަވާފައި،"

ޝަރީފް ވިދާޅުވީ ހަމަޖެހިފައިވާ ވަގުތަށް ފިހާރަތައް ބަންދުކުރޭތޯވެސް ފުލުހުން ބަލާނެ ކަމަށެވެ. ރޭގަނޑު 9:30 ގެ ފަހުންވެސް އޮންލައިންކޮށް ބައެއް މީހުން ވިޔަފާރި ކުރާ ކަމުގެ ޝަކުވާ ލިބޭ ކަމަށާ އެކަން އެގޮތަށް ނުކުރުމަށްވެސް ޝަރީފް ވަނީ އިލްތިމާސްކޮށްފައެވެ.

"އަށެއް ޖެހުމުގެ ކުރިން ހުރިހާ ޑެލިވަރީތައް ނިންމާލެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައިވެސް ފާހަގަކުރަން،"