ކާނާ

އިސްރާފު ކުޑަކުރަން ދަސްވާނެ ރޯދަމަހެއް!

އެކަކުވެސް މި ރޯދަ މަހާ ކުރިމަތިލީ ކުރިން ހިތަށް ވެސް ގެނެވިފައި ވާނެ ހާލަތެއްގައެއް ނޫނެވެ. ކޮވިޑް-19 އިގެ ބަލާއާފާތުގައި ޖެހި ހުރިހާ އެންމެން ވެސް މި ތިބީ ހަތަރު ފާރުގެ އެތެރޭގައި ތަޅުލެވިގެނެވެ. މިސްކިތުގައި ގިނަ ވަގުތު ހޭދަ ކުރަން އަޒުމް ކަނޑައަޅައިގެން ތިބި އެތައް ބަޔަކަށް އެ ފުރުސަތެއް ނުލިބުނެވެ. މީހުން އެއްވުން މަދު ކުރުމުގެ ގޮތުން މިސްކިއްތައް ވެސް ލައްޕަން މަޖުބޫރުވީ އެވެ. އާންމު ދިރިއުޅުމުގެ ހުރިހާ ކަމަކާއި ވިޔަފާރި ވެސް ހުއްޓިފަ އެވެ.

އެހެންނާ ރޯދައަށް ތައްޔާރުވާން ގޭގައި ކުލަ އާ ކުރެ އެވެ. ސޯފާ ސެޓާއި އެހެން ފަރުނީޗަރު ބަދަލު ކުރެ އެވެ. ރޯދަ ވީއްލާ ވަގުތަށް ގޭގައި އުޅޭ މީހަކަށް މަދުވެގެން ދެ ބާވަތަކުން ފަންޏާއި ހެދިކާތައް އަޅާނެ ތަށިތައް ހޯދަ އެވެ. މިއީ ރޯދައަށް ތައްޔާރުވާން ކުރަމުން އައި ކަންކަމެވެ. އެކަމަކު ޔަގީނަށް ވެސް މި ރޯދަ މަހާ ގިނަ ބަޔަކު ކުރިމަތިލީ އެއިން ކަމަކާ ނުލަ އެވެ. ހިތް އެދުނަސް ހާލަތު އެ ކަމަށް ތަނެއް ނުދިނެވެ.

މިއީ ވިސްނާލަން ލިބޭނެ މުހިންމު ވަގުތު ކޮޅެކެވެ. ކުރިންސުރެ ރޯދަ މަސް އަންނާތީ ކުރާ ބޭކާރު ހަރަދުތަކާއި ރޯދަ މަހުގެ ތެރޭގައި ކުރާ ބޭނުމެއް ނެތް ހަރަދުތަކާމެދު ވިސްނާލައި ހަޔާތަށް ބަދަލެއް ގެންނަން ދަސްކުރަން މިއީ ލިބޭނެ ފުރުސަތެކެވެ.

އާންމު ގޭބިސީއެއްގެ ރޯދަ ވީއްލާ ސުފުރާމަތި ފަޅު ފިލުވަން ވަރަށް ގިނަ ބާވަތްތައް ތައްޔާރު ކުރެ އެވެ. މެންދުރު ނަމާދުން އަވަދި ވެގެން ބަދިގެއަށް ވަންނަ ގޮތަށް މަޣުރިބަށް ގޮވުމާ ހަމައަށް ދާއިރު އަންހެން ވެރީންނަށް ކިރިޔާ ބަދިގޭން ސަލާމަތް ވެވޭނީ އެވެ. މުޅި ދުވަސް ދަނީ ގޭތެރޭގެ އެކި މީހުނަށް މީރު އެކި އެއްޗެހި ތައްޔާރު ކުރުމަގަ އެވެ. އެކަކަށް ރިހައާ ރޮއްޓާ ހެދިއްޔާ އަނެކަކަށް ގުޅައާ ކަވާބެވެ.

ސިއްހަތަށް ފައިދާހުރި ގޮތަކަށް ކާނަމޭ ހިތާ ބަޖިޔާ ފިހަން އަވަނަށް ލާން ތައްޔާރުވާ ތަނުން ތެލުލި ބަޖިޔާ ކާން ބޭނުން ވެގެން ގޭތެރެއިން އެހެން މީހަކު ގޮވާލައިފާނެ އެވެ. އަނެއްކާ އެ ޖެހުނީ ތާހަށް ތެޔޮގަނޑު ހެޔޮވަރު ކޮށް ބަޖިޔާ ތެލުލާށެވެ. އެވަރުން ވެސް ނުފުދޭނެ އެވެ. ރޯސްޕާނާއި ޗޮކްލެޓް ފަޖް ނުވަތަ ކޮންމެވެސް ވައްތަރެއްގެ ކޭކެއް ނަމަވެސް ސުފުރާ މަތިން ފެންނަން އެބަޖެހެވެ. އިތުރަށް ފުރިހަމަ ކޮށްލަން ދެ ވައްތަރު ފަނި ވެސް ސުފުރާ މައްޗަށް އަރަން ޖެހޭނެ އެވެ.

ރޯދައަށް ހުންނައިރު ހައިހޫނުކަން އިހްސާސް ވާވާރުން ހިތުގައި އޮންނަނީ ރޯދަ ވީއްލައިގެން ގަދަޔަށް ކާލާ ނަމެވެ. އެކަމަކު ބަންގި ގޮވުމާއެކު އަނގައަށްލާ ކަދުރާއި ބޯލާ ފެންތައްޓާ ހަމައިން ކާ ހިތް ފިލައިގެން ދެއެވެ. ކާން ބޭނުން ވިޔަސް ހަށިގަނޑު އެކަމަކަށް ތަނެއް ނުދެ އެވެ. އެހެންވެ އަންހެން ވެރިންގެ ބުރަ މަސައްކަތުން ތައްޔާރުކުރި ބާވަތްތަކުގެ ބޮޑު ބައި ދަނީ އިސްރާފަށެވެ. ބޭކާރު ވަނީ ހަމަ އެކަނި ކާ ތަކެއްޗެއް ނޫނެވެ. އެތައް ވަގުތެއް ވެސް އިސްރާފުވީ އެވެ.

ކޮވިޑް ލޮކްޑައުންގައި ގެއިން ބޭރަށް ނުނުކުމެވޭތީ ފިހާރައަށް އޯޑަރު ދީ، ދެތިން ދުވަހުގެ އިންތިޒާރަށްފަހު އަގު ވެސް ބޮޑުކޮށް ގެޔަށް ލިބޭ ކާއެތިކޮޅުން ބޮޑު ބައެއް އިސްރާފު ވީއެވެ. އެތަކެތި ގެއަށް ވެއްދުމަށް ފަހު ދޮވެ ސާފު ކުރުމަށް ކުރި މަސައްކަތާ ހޭދަވި ވަގުތު ވެސް މި އިސްރާފުގެ ލިސްޓަށް އަރާނެ އެވެ.

ދުނިޔެ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި އޮތް އިރު ލިބޭ އެއްޗަކުން ފުއްދުމާއި ހަރަދު ކުޑަ ކުރުމާއި ސިއްހަތަށް ފައިދާ ހުރި ގޮތަށް ކާނާ ތައްޔާރު ކުރުމަށް ވަރަށް ބޮޑަށް މި ހާލަތުގައި ވިސްނަން މިއީ ރަނުގެ ފުރުސަތެކެވެ.

އިސްރާފާ ނުލައި ހަރަދުވެސް ކުޑަކޮށްލައިގެން ރޯދަ މަހާއެކު ކުރިޔަށް ދާނީ ކިހިނެއް ހެއްޔެވެ؟

ރަނގަޅު ގޮތެއް އެބައޮތެވެ؛ މީގެ އެތަކެއް އަހަރުތައް ކުރީން ރޯދަ ވީއްލަން ތައްޔާރު ކުރަމުން އައި ތަކެއްޗަކީ ކޮބައިތޯ ބަލާލައި އޮގޮތަށް މިހާރު ކެއުން ބައްޓަން ކޮށްލެވޭތޯ މަސައްކަތް ކުރުން ބުއްދި ވެރިއެވެ. ކުރިން ދިވެހީންގެ ތެރޭގައި ހާއްސަކޮށް ރޯދަ މަހު ފެންފޮޅި އާއި ބަތްޕެނަކީ ނަންހިނގި ދެ ބާވަތެވެ. ތެޔޮ އަޅައިގެން ތައްޔާރު ކުރާ ރޮށީގެ ބަދަލުގައި ފެންފޮޅި ހަރަދު ކުޑަވެފައި ރޮއްޓަށްވުރެ ހަށިގަނޑަށް ވެސް ރަނގަޅުވާނެ އެވެ. ނުބައެއް ވެސް ނުވާނެ އެވެ.

ތެޔޮ ހެދިކާތައް ކެއުމުގެ ބަދަލުގައި ރޯދަ ވީއްލާ ގަޑިޔަށް ބަތްޕެން ވެސް ތައްޔާރު ކޮށްލެވިދާނެ އެވެ. ފިހުނު މަސްކޮޅެއް ނުވަތަ މަސް ކުރޮޅި ކޮޅެއް މިއާއެކު ކެއުމަށް ތައްޔާރު ކޮށްލުމުން މި ކެއުމަށް އިތުރު ފުރިހަމަކެއް އަންނާނެ އެވެ.

ބަތްޕެނަކީ ހަށިގަނޑު ބެލެންސް ކޮށްލައިދޭ ބުއިމެކެވެ. ބަތްޕެން ބުއިން ބޮޑަށް ރަނގަޅީ ރޯދަ ވީއްލާ ގަޑިއާއި ތަރާވީސް ގަޑީގައި ކަމަށް ސިއްހީ ދާއިރާގެ ބޭފުޅުން ވިދާޅުވެ އެވެ.

މީގެ އިތުރުން ހާރަށް ބަތާއި ރޮށި ކެއުމުގެ ބަދަލުގައި އޯޓްސް ވެސް ހިމެނި ދާނެ އެވެ. ފޮނިކޮށް އޯޓްސް ތައްޔާރު ކޮށްގެން ކަމު ނުދާނަމަ ކުޅިކޮށް ވެސް ތައްޔާރު ކޮށްލެވިދާނެ އެވެ. މި ދެ ގޮތަށް ތައްޔާރު ކުރުމަށް ވެސް މާގިނަ ވަގުތުތަކެއް ވެސް ހޭދަވާ ކަމެއް ވެސް ނޫނެވެ. އަދި ހަށިގަނޑަށް ފައިދާ ވެސް ހުރި ކެއުމެކެވެ.

ހަރަދު ކުޑަ އިސްރާފު ނެތް ރޯދަ މަހަކަށް ވިސްނާއިރު ދެން ވިސްނަންވީ ކެއުމަށް ބޭނުންކުރާ އެކި ބާވަތްތަކުން އެއްލައިލަން ނަގާ -- މޭވާ ނުވަތަ ތަރުކާރީގެ ތޮށ -- ބައިތަކުގެ ބޭނުން ކޮށްގެން ކޮންމެވެސް ކާ އެއްޗެއް ތައްޔާރު ކޮށްލާށެވެ.

ބަރަބޮލާއި ކަރަލުގެ ތޮށި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވޭ ސައިޑް ޑިޝްތައް ހުރެ އެވެ.

އެފަދަ ތަކެތި ފިޔާ އާއި ލޮނުމެދާއި އިނގުރުގެ އިތުރުން ހިކި މިރުސްކޮޅަކާއި ކުޑަ ވަޅޯމަސް ކޮޅެއް ބޭނުން ކޮށްލައިގެން އަނގަޔަށް މީރުކޮށް ތައްޔާރު ކޮށްލެވޭނެ އެވެ.

ފަނި ގިރަން ފަޅާލާ ކަރައިން އެންމެ އެތިކޮޅެއް ވެސް އިސްރާފަށް ދޫކޮށް ނުލައި އެވެސް ބޭނުން ހިފޭނެ އެވެ. ރޯމިރުސް ރަނަށްވެ އޭގެ އަގު އަތް ނުފޯރާ ހިސާބުގައި ހުންނަ އިރު ގޭގައި ތައްޔާރު ކުރާ ކާތަކެއްޗަށް ހިކި މިރުސް ބޭނުން ކޮށްލުމުން ހަރަދަކުން ސަލާމަތް ކުރެވުނީ އެވެ.