ދީން

ރޯދަވެރިޔާ ލޭ ދިނުމާއި ހިޖާމާޖެހުން ކޮންކަހަލަ ކަމެއް؟

ލޭ ހަދިޔާ ކުރުމަކީ ހެޔޮ ވެގެންވާ ރަނގަޅު އަމަލެކެވެ. މީހެއްގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް ވެވޭ މަތިވެރި ގުރްބާނީ އެކެވެ. މި ދުވަސްވަރަކީ ވެސް ލޭ ލިބުން ދަތިވެފައިވާ ދުވަސްވަރެކެވެ. އެހެން ކަމުން ތެލެސީމިއާ ކުދިންނާއި އެ ނޫން ވެސް ލޭ ބޭނުންވާ ހާލަތްތަކުގައި ބޭނުން ކުރާނެ ލޭ ހަދިޔާ ކުރުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ.

ސިއްހަތު ތަނަވަސް އަދި ކުޅަދާނަ ވެގެންވާ މީހުން ލޭ ހަދިޔާ ކުރަން ޖެހެ އެވެ. މީގެ އިތުރުން ހިޖާމާ ނުވަތަ ކަވާ ޖެހުމަކީވެސް ސިއްހީ ގޮތުން ވަރަށް ރަނގަޅު ފަރުވާ އެކެވެ. އެއީ ސުންނަތުން ސާބިތު ފަރުވާއެކެވެ. ތަފާތު ބަލިމަޑުކަމަށް ހިޖާމާއިން ފަރުވާ ހޯދައި އުޅެއެވެ.

ނަމަވެސް މިއީ ރޯދަ މަސް ކަމުން ރޯދައަށް ހުރެ ލޭ ހަދިޔާ ކުރެވިދާނެތޯ އާއި ހިޖާމާ ޖެހިދާނެތޯ ބައެއް މީހުން ސުވާލު ކުރެ އެވެ. އަދި އެއިން ކަމެއް ކޮށްފިނަމަ ރޯދަ ގެއްލޭނެތޯ ވެސް އެއީ ބައެއް މީހުނަށް އުފެދޭ ސުވާލެކެވެ.

މި މައްސަލާގައި އިލްމުވެރިންގެ މެދުގައި ކޮންމެވެސް މިންވަރެއްގެ އިހުތިލާފެއް އުފެދިފައި ވެއެވެ. އެހެން ކަމުން މި ބަލައިލާނީ ގިނަ އިލްމުވެރިން ބުރަވާ އަދި ވިސްނާލަންޖެހޭ މުހިންމު ކަންކަމުގެ މައްޗަށެވެ.

ރޯދަ ވެރިޔާ ރޯދައަށް ހުރެ ލޭ ހަދިޔާ ކުރުން، ނުވަތަ ލޭގެ ޓެސްޓެއް ހެދުމަށްޓަކައި ލޭ ނެގުންފަދަ ކަންކަމުގެ ހުކުމް ބިނާވެފައި ވަނީ މި އަންނަ ހަދީސްގެ މައްޗަށެވެ.

ޝައްދާދު ބުނު އައުސް رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ހަދީސް ކުރެއްވި އެވެ. "ހިޖާމާ ޖަހާމީހާ އާއި ހިޖާމާ ޖަހައިދޭ މީހާގެ ރޯދަ ގެއްލޭނެތެވެ." ރިވާ ކުރެއްވީ އަބޫ ދާއޫދާއި އަލްއިމާމު އަހްމަދެވެ.

ހިޖާމާ ޖެހުން ނުވަތަ ދިވެހިން ކިޔާ ގޮތަށްނަމަ ކަވާ ޖެހުމަކީ ހަކީމީ ބޭސް ފަރުވާގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެއީ އެކަމަށް ބޭނުންކުރާ ހާއްސަ އާލާތްތަކަކުން ހަށިގަނޑުގެ އެކި ތަންތަނުން ލޭ ނެގުމެވެ.

ހިޖާމާ ޖެހުމަކީ ރޯދަ ގެއްލޭ ކަމެއްކަމުގައި އިމާމު އަހްމަދާއި އިމާމު އިބްނު ތައިމިއްޔާ رحمه الله ގެ އިތުރުން ފަހުގެ ބޮޑެތި ދަންނަ ބޭކަލުން ވެސް ވިދާޅު ވެއެވެ. އަދި ސައުދީ އަރަބިޔާގެ ފަތުވާ މަޖިލިހުން ވެސް އެފަދައިން ފަތުވާ ދެއްވާފައި ވެއެވެ. އެހެން ކަމުން ރޯދައަށް ހުރެ ހިޖާމާ ޖެހުމުން އެއްކިބާވާން ޖެހެ އެވެ.

ރޯދައަށް ހުރެ ލޭ ނެގުން

ދެން އޮތީ މި ޒަމާނުގައި، ޑޮކްޓަރީ ބޭސް ފަރުވާއަށް އެކިއެކި ބޭނުންތަކަށް ލޭ ނެގުމާއި ލޭ ހަދިޔާ ކުރުމުގެ ހުކުމެވެ.

ސައުދިއަރަބިއްޔާގެ މަޝްހޫރު އިލްމުވެރިއެއް ކަމަށްވާ ޝައިހް ސާލިހުލް ފައުޒާނު ވިދާޅުވެފައިވާ ގޮތުގައި ރޯދައަށް ހުރެ މީހަކު އޭނާގެ ގައިން ލޭ ހަދިޔާ ކުރުމަށް ލޭ ނަގައިފިނަމަ ރޯދަ ގެއްލޭނެ އެވެ. އެއީ ހިޖާމާ ޖެހުމުން ރޯދަ ގެއްލޭނެ ކަމަށް ސައްހަ ހަދީސް ފުޅުތަކުގައި ވާރިދުވެފައި ވާތީ ކަމަށް އެ ޝައިހް ދެކެ ވަޑައިގަންނަވަ އެވެ.

އެ ގޮތަށް ވަރަށް ގިނަ އެހެން ބޭކަލުން ވެސް ފަތުވާ ދެއްވާފައި ވެއެވެ. އަދި ރާއްޖޭގެ މަޝްހޫރު ގިނަ އިލްމުވެރިންގެ ފަތުވާތައް ވެސް ވަނީ އެފަދައިންނެވެ.

ލޭގެ ޓެސްޓެއް ހެދުން

އިބްނު އުސައިމީން ވިދާޅުވެފައިވާ ގޮތުގައި ލޭ ހަދިޔާ ކުރުމަށް ގިނަ އަދަދެއްގެ ލޭ ނެގުމުން ރޯދަ ގެއްލޭނެ އެވެ. ނަމަވެސް ލޭގެ ޓެސްޓެއް ހެދުމަށްޓަކައި ލޭ ނެގުމަކުން ރޯދައެއް ނުގެއްލޭނެ އެވެ.

އެހެން ކަމުން ޒަރޫރީ ހާލަތެއްގައި މެނުވީ ރޯދަވެރިޔާ ރޯދައަށް ހުރެ ލޭ ހަދިޔާ ނުކުރުން ވެއެވެ. މީހެއްގެ ފުރާނަމަ ސަލާމަތް ކުރުމަށް ކޮންމެހެން ލޭ ދޭންޖެހިއްޖެ ހާލަތެއްގައި، ރޯދަވެރިޔާ ރޯދަ ވީލުން ހުއްދަވެގެން ވެއެވެ. އަދި ދޫކޮށްލި ރޯދަ ފަހުން ގަލޯ ކުރުމުން ފުދޭނެ އެވެ.

ހަށިގަނޑުގެ ތަނެއް ކަނޑައިގެން ގޮސްގެން އަންނަ މަދު ލޭ ކޮޅެއްގެ ސަބަބުން ރޯދައަށް އެއްވެސް އަސަރެއް ނުކުރާނޭ ކަމުގައި ޝައިހު އިބްނު އުސައިމީން رحمه الله ވިދާޅުވެފައި ވެއެވެ.

ރޯދަވެރިޔާގެ ގަޔަށް އިންޖެކްޝަނެއް ޖެހުން

ރޯދަ ވެރިޔާގެ ގަޔަށް އިންޖެކްޝަން ޖަހާއިރު އެ އިންޖެކްޝަނަކީ ހަށިގަނޑަށް ކާނާއާއި ހަކަތަ ލިބިދޭ މާއްދާތަކެއް އެތެރެ ކުރާ އެއްޗެއް ކަމުގައި ވާނަ ރޯދަ ގެއްލޭނެ އެވެ. އެކަން ހިމެނިގެން ދަނީ ކެއިން ބުއިމުގެ މާނައިގެ ތެރޭގަ އެވެ.

ހަމައެފަދައިން ކާބޯ ތަކެތި ދާ ހޮޅިތެރެއިން އެއްޗެއް ފޮނުވާލައިފިނަމަ، އެއީ އިންޖެކްޝަންއެއްގެ ޒަރީއާއިން ކަމުގައި ވިޔަސް ރޯދަ ގެއްލޭނެ އެވެ. އެކަން ހިމެނެނީ ބޭސްގުޅައެއް އަރުތެރެއިން ދިރުވައިލުމާއި އެއްކަމެއްގެ ގޮތުގައެވެ.

ނަމަވެސް މަސްގަނޑަށް ޖަހާ އިންޖެކްޝަންއިން ރޯދައަށް އަސަރެއް ނުކުރާނެ ކަމުގައި އިލްމުވެރިން ދެކެ ވަޑައިގަންނަވަ އެވެ.

  • އަހުމަދު ހަމީދު އާދަމްގެ އެކުލަވައިލުމެއް
  • އެހީ: ޝައިހު ހަސަން މޫސާ ފިކުރީ