ދީން

ގަސްދު ރޯދަ ދޫކުރުން ވަނީ ބޮޑެތި ފާފައިގެތެރޭ

މުސްލިމުންނަށް އަންނަ އެންމެ ހާއްސަ މަހަކީ ރޯދަ މަހެވެ. އެ މަހަކީ ދަރުމަައާއި ސަވާބުން ފުރިގެންވާ މަހެކެވެ. މި ހާއްސަ މަހަށް ހަގީގީ މުސްލިމުން އިސްތިގުބާލު ކުރާނީ ފާފައިން ތައުބާވާ ހާލުގައި ދަރުމަ އާއި ސަވާބުން ތިލަފަތް ފުރާލުމުގެ މަގްސަދުގަ އެވެ. އަދި އެކަމުގެ ގަދަ އަޒުމާވެސް އެކުގަ އެވެ.

ދިވެހިންނަށް ލިބިފައިވާ އެންމެ މަތިވެރި ނިއުމަކީ އިސްލާމް ކަމުގެ ނިއުމަތެވެ. އަދި ސައްތައިން ސައްތަ އިސްލާމީ ގައުމަށް ރާއްޖެ ވުމަކީ އެ ނިއުމަތް އިތުރަށް ފުރިހަމަވާ ކަމެވެ. ނަމަވެސް ދިވެހި މުޖްތަމައުގެ ތެރޭގައި ވެސް ވަރަށް ގިނަ މުންކަރާތްތައް ހިނގަމުންދެ އެވެ. ބިރެއްނެތި ބައެއް މީހުން ބޮޑެތި ފާފަތަކަށް އަރައިވެސް ގަނެ އެވެ.

ރޯދައިގެ މި މަހުގެ އެ ފަރުލު އަދާ ނުކޮށް އުޅޭ ބައެއް މީހުންވެސް ދިވެހިންގެ ތެރޭގައި އުޅޭކަން ހަބަރުތަކާއި ފުލުސް ހިސާބުން އެނގެ އެވެ. އެފަދަ މީހުން އެ ކުރަނީ ވަރަށްވެސް ބޮޑު ފާފައެކެވެ. އެކަމާ ގުޅޭ އިންޒާރުގެ އެތައް ބަސްފުޅެއް ވެއެވެ.

މުސްލިމުންގެ ތެރެއިން ބާލިޣުވެ ބުއްދި ސަލާމަތުންހުރި މީހުންގެ ތެރެއިން ރޯދަ މަހާ ބައްދަލުވެއްޖެ ކޮންމެ މީހަކު ރޯދަ ހިފުން ވަނީ ފަރުލު ކުރައްވާފަ އެވެ. އަދި ބަލި ހާލަގައިވާ މީހާއާއި ދަތުރުވެރިންނަށް ލުއި ދެއްވައި، ރޯދަ މަހުގެ ރޯދަ އެއް ދޫކޮށްލުމަށް ހުރި އުޒުރެއް ކަމުގައި އެ ދެ ސަބަބު ލައްވާފައި ވެއެވެ. ބަލި ހާލުގެ ސަބަބުން ނުވަތަ ދަތުރެއްގައި ވުމުގެ ސަބަބުން ރޯދަ ދޫކޮށްލައިފި މީހާ އެހެން ދުވަސްތަކެއްގައި އެ ރޯދަ ގަލޯ ކުރުމުން ފުދޭނެ އެވެ.

ޝަރުއީ އުޒުރެއް ނެތި ގަސްދުގައި ރޯދަ ދޫކޮށްލުމަކީ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ ބޮޑު ނުބައި ކަމެކެވެ. އެފަދަ މީހާ، އޭނަގެ ފާފައަށް ތައުބާވެ، އެކަން ކުރެވުނީތީ ހިތާމަކޮށް ދެން އެފަދަ އަމަލަކަށް އަރައި ނުގަތުމަށް ނިޔަތްގަނެ، އެ ރޯދަ ގަލޯ ކުރަން ޖެހޭނެ ކަމުގައި ސައުދީ އަރަބިޔާގެ ކުރީގެ މުފްތީ އައްޝައިހް އިބްނު ބާޒު رحمه الله ވިދާޅުވެފައި ވެއެވެ.

ޝަރުއީ އުޒުރެއްނެތި ގަސްދުގައި ރޯދަ ދޫކޮށްލާ މީހުންގެ ނުބައިކަމާއި އެމީހުންނަށް ކައްވަޅުގައި ހުރި އަޒާބު ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ބަޔާން ކޮށްދެއްވާފައި ވެއެވެ. އަބޫ އުމާމާ رضي الله عنه ވިދާޅުވިއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ހަދީސް ކުރެއްވިއެވެ.

"ތިމަން ކަލޭގެފާނު ނިދި ކުރައްވަން އޮންނަވަނިކޮށް (ހުވަފެންފުޅުގައި) ދެބޭކަލަކު ވަޑައިގެން ތިމަންކަލޭގެފާނުގެ އަތްޕުޅުގައި ހިތްޕަވައިގެން ގެނދެވި އެވެ."

ދިގު އެ ހަދީސްފުޅުގައި ވެއެވެ. "ދެން ތިމަންކަލޭގެފާނަށް ފެނިވަޑައިގަތީ ދެ ފައިކޮޅުން އެލުވިފައިވާ ބައެކެވެ. އަދި އެމީހުންގެ އަނގައިގެ ދެމިޔަކަނުން ވީދިގެން ގޮސް ލޭ އޮހޮރެމުން ދެއެވެ. ތިމަންކަލޭގެފާނު އެބޭކަލުންނާ ސުވާލު ކުރެއްވީމެވެ. މިއީ ކޮންބައެއް ތޯއެވެ؟ ވިދާޅުވިއެވެ. މިއީ ރޯދަ ވިއްލާ ވަގުތު ޖެހުމުގެ ކުރިން (ރޯދައަށް ތިބެގެން) ކައިބޮއި ހެދި މީހުންނެވެ."

މިހަދީސް ރިވާކުރެއްވީ އަލްއިމާމުއް ނަސާއީއެވެ. އަދި މި ހަދީސަކީ ސަހީހު ހަދީސެއްކަމުގައި އަލްއިމާމު އަލްއަލްބާނީ رحمه الله ވިދާޅުވެފައިވެއެވެ.

މިއީ ކީރިތި ރަސޫލާ صلى الله عليه وسلم ގެ ހުވަފެންފުޅުގައި އަޒާބުގެ ވައްތަރުތައް ދެކެއްވުނު ހުވަފެންފުޅެކެވެ. އަދި ނަބިއްޔުންގެ ހުވަފެފުޅުތަކަކީ އެބޭކަލުންނަށް އިއްވޭ ވަހީއެއްކަމުގައި ރިވާވެގެންވެއެވެ. މި ހަދީސްފުޅުގައި ބަޔާންވެފައިވަނީ ގަސްތުގައި ރޯދަ ދޫކޮށްލާމީހުންނަށް ހުރި އުގޫބާތެވެ.

އެފަދައިން އަމަލުކުރާ ބަޔަކު ވާނަމަ އަވަހަށް އިސްލާހުވެ ހަމަ މަގަށް ރުޖޫއަވާން ޖެހެއެވެ. އެއްވެސް އުޒަރަކާ ނުލައި ރޯދަ ނުހިފައި ތިބުމަކީ މާތްﷲގެ ހަސްޒަރުގައި ގަދަފަދަ އަޒާބު ހުރި ކަމެކެވެ.

  • އަހުމަދު ހަމީދު އާދަމްގެ އެކުލަވައިލުމެއް
  • އެހީ: ޝައިހު ހަސަން މޫސާ ފިކުރީ