ދީން

ގޭގައި ގަމަތް ދިނުމާއި ބާރަށް ކިޔެވުމުގެ ހުކުމް

ރެޔަކާއި ދުވާލު ފަސް ވަގުތު ގޮވާ ބަންގިއަކީ މަތިވެރިވެގެންވާ އަޅުކަމަކަށް ދެވޭ ހާއްސަ ދައުވަތެކެވެ. އަދި އެއީ އިސްލާމް ދީނުގެ ޝިއާރުތަކުގެ ތެރެއިން ހިމެނޭ މަތިވެރި ޝިއާރެކެވެ. ބަންގި ގޮވާލެވި އެ ދެވޭ ދައުވަތަކީ މާތްﷲ ގެ ގެކޮޅުތަކަށް ހާޒިރުވާން ދެވޭ މަތިވެރި ދައުވަތެކެވެ.

އަދި އެއީ ދީނުގެ ތަނބު ކަމުގައިވާ ނަމާދު ގާއިމު ކުރުމަށް ދެވޭ އިލާހީ ދައުވަތެކެވެ.

ނަމަވެސް މިއަދު ހާލަތު އޮތީ މުޅިން ބަދަލުވެފަ އެވެ. މިސްކިތްތަކުން ފަސް ވަގުތު ބަންގީގެ އަޑު އިވެމުން ދިޔަ ނަމަވެސް މިއަދު އެ ދައުވަތު ދެވެނީ ގޭގައި ނަމާދު ކުރުމަށެވެ. އެހެން ކަމުން މި ހާލަތުގައި ފަރުލު އަދި ސުންނަތް ނަމާދުތައް ކުރަންޖެހިފައި ވަނީ ގޭގަ އެވެ.

މި ހާލަތުގައި ގޭގައި ނަމާދު ކުރާއިރު ކުރަންޖެހޭ ކަންކަމާމެދު ވެސް ގިނަ ބަޔަކު ސުވާލު ކުރެ އެވެ. އެފަދަ ބައެއް ކަންކަމަށް ބަލައިލާނަމެވެ.

ގޭގައި ނަމާދު ކުރާއިރު ބަންގި ގޮވުމާއި ގަމަތް ދިނުން

ބަންގި ގޮވުމާއި ގަމަތް ދިނުމަކީ ކިފާޔަތުގެ ފަރުލެކެވެ. މާނައަކީ އެއް ބަޔަކު ކުރުމުން އެންމެންގެ ކިބައިން އެ ވާޖިބު ކެނޑިގެން ދިއުމެވެ.

ބަންގި ގޮވާ ރަށެއްގައިނަމަ، ގޭގައި ޖަމާއަތް ހަދައިގެން ނަމާދު ކުރާއިރު ވެސް ބަންގި ގޮވާކަށް ނުޖެހޭނެ އެވެ. ނަމަވެސް ގޭގައި ނަމާދު ކުރާއިރު ގަމަތް ދޭން ޖެހޭނެ އެވެ. އެހެނީ ގަމަތް ދެނީ ނަމާދުގެ ޖަމާއަތުގައި ބައިވެރިވާން ތިބި މީހުންނަ، ޖަމާއަތް ގާއިމު ކުރެވިއްޖެކަން އިއުލާނު ކުރުމަށެވެ.

އެކަނި ހުރެ ނަމާދުކުރާ މީހާ ގަމަތް ދިނުމަކީ ވެސް ސުންނަތް ވެގެންވާ ކަމެކެވެ.

ބަންގި ގޮވުމާއި ގަމަތް ދިނުމަކީ އަންހެނުންގެ މައްޗަށް ވާޖިބު ވެގެންވާ ކަމެއް ނޫނެވެ. އަދި އެކަނި ހުރެ، ނުވަތަ އަންހެނުންގެ ޖަމާއަތެއްގައި ނަމާދު ކުރާ އިރުވެސް މިކަން އޮތީ މިހެންނެވެ. ނަމަވެސް އަންހެނުން ގަމަތް ދިނުމަކީ މަނާ ކަމެއް ނޫނެވެ. އެކަމަކީ ހުއްދަ ކަމެއް ކަމުގައި އިލްމުވެރިން ދެކެ ވަޑައިގަންނަވަ އެވެ. މިއީ ރާއްޖޭގައި އަމަލު ކުރަމުންދާ ޝާފިއީ މަޒުހަބުގެ އިލްމުވެރިން ވެސް މި ކަމުގައި ދެކެވަޑައިގަންނަވާ ގޮތެވެ.

އެކަނި ނަމާދު ކުރާއިރު ބާރަށް ގުރްއާން ކިޔުވުމުން

މާތް ނަބިއްޔާ صلى الله عليه وسلم އަޑުހަރުކޮށް ކިޔަވާ ވިދާޅުވެފައި ވަނީ މަގުރިބް ނަމާދު، އިޝާ ނަމާދު، ފަތިސް ނަމާދު، ދަމު ނަމާދު (ގިޔާމުއްލައިލް) އަދި ދެ އީދު ދެ ނަމާދާއި ހުކުރު ނަމާދެވެ. އަދި ކޭތަ ނަމާދެވެ.

ޖަހުރިއްޔަ ނަމާދުތަކުގައި (އަޑުހަރުކޮށް ކިޔަވާ ނަމާދު) ބާރަށް ކިޔެވުމުގެ އެންމެ މުހިންމު ބޭނުމަކީ މައުމޫމުންނަށް ކިޔަވާ އަޑު އިއްވުމެވެ. އެހެންވުމުން އުފެދޭ ސުވާލަކީ އެކަނި ހުރެ ނަމާދު ކުރާއިރު އަމަލު ކުރާނެ ގޮތަކީ ކޮބައިތޯ އެވެ.

އެކަނި ހުރެ ނަމާދުކުރާ މީހާ ފަރުލު ނަމާދުތަކުގެ ތެރެއިން އަޑު ހަރުކޮށް ކިޔަވާ ނަމާދުތަކުގައި ބާރަށް ކިޔެވުން ސުންނަތް ވެގެން ވެއެވެ. ނަމަވެސް ސިއްރުން ކިޔެވުން ވެސް ހުއްދަ އެވެ. އެކަނި ހުރެ ނަމާދު ކުރާއިރު ބާރަށް ކިޔެވުމުގެ އެންމެ މަދު މިންވަރަކީ އަޑު ނެރުމެއް ނެތި ހަމައެކަނި ދޫ ހަރަކާތް ކުރުވަމުން ކިޔެވުން ކަމުގައި އިލްމުވެރިން ވިދާޅުވެ އެވެ. މީގެ މާނައަކީ އެކަނިހުރެ ނަމާދުކުރާ ހިނދު އަޑު ބޭރަށް ނުނެރުނު ކަމުގައިވިޔަސް ދޫ ހަރަކާތް ކުރުވާ ނަމަ ބާރަށް ކިޔެވުމުގެ ސުންނަތް އަދާ ކުރެވުނީ އެވެ.

ހަމައެފަދައިން އެކަނިހުރެ ދަމު ނަމާދާއި ތަރާވީސް ނަމާދު ކުރާ މީހާވެސް، ބާރަށް ކިޔެވުމަކީ ސުންނަތެކެވެ. މިތާނގައި ބާރަށް ކިޔެވުމޭ މިބުނެވެނީ އަޑުވީލައި ކިޔެވުމެވެ. ނުވަތަ ތިމާގެ ނަފްސަށް އަޑު އިވޭވަރަށް ކިޔެވުމުވެ. މާތް ނަބިއްޔާ صلى الله عليه وسلم ރޭ އަޅުކަމުގައި ބާރަށް ކިޔަވައި ވިދާޅުވާ ކަމުގައި ރިވާ ވެގެން ވެއެވެ. ނަމަވެސް އެކަލޭގެފާނުގެ ރޭ އަޅުކަމުގައި ބައެއް ފަހަރު، ސަހާބީން ކުރެ ބައެއް ބޭކަލުން ބައިވެރިވެ ވަޑަގަންނަވަ އެވެ. އަދި އަނެއްބައި ފަހރު އަނބިއަނބި ކަނބަލުން ބައިވެރިވެ ވަޑައިގަންނަވަ އެވެ. އެހެން ކަމުން އެކަލޭގެފާނު ރޭގަނޑުގެ ނަމާދު ކުރައްވާއިރު ކުރައްވަނީ ޖަމާއަތުގައި ކަމަށް ވުމުން މައުމޫންނަށް އިވޭވަރަށް ކިޔަވާ ވިދާޅުވަނީ އެވެ.

  • އަހުމަދު ހަމީދު އާދަމްގެ އެކުލަވައިލުމެއް
  • އެހީ: ޝައިހު ހަސަން މޫސާ ފިކުރީ