ކޮވިޑް-19 އަށް އިތުރު މީހަކު ޕޮޒިޓިވްވެ ރާއްޖެއިން އެ ބަލި ޖެހުނު މީހުންގެ އަދަދު 280 އަށް އަރައިފި އެވެ.
ކޮވިޑް ޖެހުނު މީހުންގެ އަދަދު 280 އަށް އަރާފައިވާއިރު އޭގެ ތެރެއިން އެކަކު ވަނީ މަރުވެފައެވެ. ކޮވިޑްގައި ރާއްޖެއިން މަރުވެފައި ވަނީ އުމުރުން 83 އަހަރުގެ އަންހެނެކެވެ. އެއީ އައިމިނަތު އާދަމް ކިޔާ އަންހެނެކެވެ. އޭނާ މަރުވީ މިއަދު އިރުއޮއްސި 7:30 އެހާކަންހާއިރު އެވެ.
އެ މީހާއަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަ ކުރެވުނު މީހެކެވެ. އެމީހާގެ ނަތީޖާ ލިބިފައިވަނީ މަރުވި ފަހުންނެވެ.
މާލެއިން ކޮވިޑް-19އަށް ޕޮޒިޓިވް މީހުން އަދިވެސް ފެންނަމުންދާތީ ލޮކްޑައުންގެ މުއްދަތު ވެސް މިއަދު ވަނީ އިތުރުކޮށްފަ އެވެ. އިތުރު ކޮށްފައި ވަނީ 14 ދުވަހަށެވެ. މާލޭގައި އެންމެ ފުރަތަމަ ލޮކްޑައުން އިއުލާންކުރީ މާލެ ތެރެއިން ފުރަތަމަ ކޭސް ފެނުނު ދުވަހު އެވެ. އެއީ މި މަހުގެ 15 ވަނަ ދުވަހެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. ދެން އެންމެ ގިނައީ ދިވެހިންނެވެ.
މީގެ އިތުރުން އިންޑިއާގެ 18 މީހަކުވެސް ޕޮޒިޓިވްވެ ދަނީ ފަރުވާ ހޯދަމުންނެވެ. ދެން ހިމެނެނީ ސްރީލަންކާގެ ދެ މީހުންނާއި ޕާކިސްތާނުގެ ތިން މީހެކެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ 17 މީހުނެވެ. އެ ބަލި ރާއްޖެއިން ޖެހުނު އިޓަލީގެ ދެ މީހަކު ވަނީ ފުރައިގެން ގޮސްފަ އެވެ.