ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މަރުވި މީހާއާ ގުޅިގެން އިހުމާލެއްއޮތްތޯ ބަލަނީ

Apr 30, 2020
11

ކޮވިޑް-19 ޖެހިގެން ރާއްޖެއިން ފުރަތަމަ ފަހަރަށް މީހާއާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އިހުމާލެއް އޮތްތޯ ބައްލަވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވެ ރާއްޖެއިން މަރުވި ފުރަތަމަ މީހާއަކީ އައިމިނަތު އާދަމް ކިޔާ އަންހެނެކެވެ. އޭނާ މަރުވީ މިއަދު އިރުއޮއްސި 7:30 އެހާކަންހާއިރު އެވެ.

އެ މީހާއަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަ ކުރެވުނު މީހެކެވެ. އެމީހާގެ ނަތީޖާ ލިބިފައިވަނީ މަރުވި ފަހުންނެވެ. އެމީހާއަކީ ޕޭޝަންޓް 126އާ ގުޅުން އޮތް މީހެކެވެ. ޕޭޝަންޓް 126 ޕޮޒިޓިވްވެފައިވަނީ މި މަހުގެ 24 ވަނަ ދުވަހު އެވެ. އޭގެ ފަހުން އެ ގެ ހުރީ މޮނީޓަރިން ހާލަތުގަ އެވެ.

ދުވަސްވީ އަދި އެހެން ބަލިތައް ވެސް ހުރި އެ އަންހެން މީހާއަކީ ހައި ރިސްކް ކެޓެގެރީގެ މީހެކެވެ. ނަމަވެސް އޭނާގެ ސާމްޕަލް ނަގާފައިވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. ގުޅުންހުރި މީހާ ޕޮޒިޓިވްވި ކަމުގެ ރިޕޯޓް ލިބުނުތާ ހަތަރު ދުވަސް ފަހުންނެވެ. މަރުވި މީހާގެ ސާމްޕަލްގެ ނަތީޖާ ލިބުނީ ވެސް މިރޭ އޭނާ މަރުވި ފަހުންނެވެ.

އެކަމާ ގުޅިގެން، މޮނީޓަރިންގެ ހާލަތުގައި ހުރި ގެއެއްގައި ހުރި މީހަކަށް އެކަށީގެންވާ ފަރުވާ ނުދެވުނު ކަމަށް އާއިލާގެ ފަރާތުން ދަނީ ތުހުމަތުކުރަމުންނެވެ.

އެންއީއޯސީގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ގިނަ ނޫސްވެރިންވަނީ އެ ތުހުމަތުތަކާ ގުޅިގެން ތަކުރާރުކޮށް ސުވާލުތައް ކުރިމަތިކޮށްފަ އެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ މި ކޭސްއާ ގުޅިގެން ކަންކަން ހިނގާދިއަގޮތް ބައްލަވާނެ ކަމަށާއި، އަދި މިހާރު އަމަލުކުރާ އުސޫލުތަކަށް ބަދަލުގެންނަންޖެހޭނަމަ އެކަންވެސް ކުރާނެކަމަށެވެ.

"މިކަމުގައި އިހުމާލެއްއޮތްތޯ ނުވަތަ ނޫންތޯ ބަލާނަން. އަދި މިކަމާ ގުޅިގެން މީހުން ކަރަންޓީނު ކުރުމާއި، ސާމްޕަލް ނެގުމާއި އަދި ޓެސްޓު ކުރުމުގެ އެސްއޯޕީތަކަށް ބަދަލު ގެންނަންޖެހޭނަމަ އެކަންވެސް އަޅުގަނޑުމެން ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފު ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުގެ ތެރެއިން ފާހަގަވާ މީހުން ގޭގައި ބައިތިއްބައިގެން ސާމްޕަލް ނެގުމަށްފަހު ޓެސްޓުގެ ނަތީޖާ ލިބެންދެން ހޭދަވާ މުއްދަތުގެ ތެރޭގައި، ސިއްހީ ހާލަތު ގޯސްވާނަމަ އަންގާނެ ހާއްސަ އުސޫލުތަކެއް ހަމަޖެހިފައި އޮންނަ ކަމަށެވެ.

އެގޮތުން، މި ބަލީގެ ޒާތުން، އެކަމަށް ދޭނެ ވަކި ހާއްސަ ފަރުވާއެއް ނޯންނަކަމަށް ޑރ. އަލީ ލަތީފު ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރުގެ ވާހަކަފުޅަށް ބާރު ދެއްވަމުން ޑރ. އަލީ ލަތީފު ވިދާޅުވީ، ހާލަތު ބަދަލުވަމުން އަންނަ މިންވަރަކުން އެޗްޕީއޭއިން އަމަލު ކުރަމުންދާ އެސްއޯޕީއަށް މީގެ ކުރިންވެސް ބަދަލު ގެންނަމުންދާ ކަމަށެވެ. އެ ގޮތުން، ހައި ރިސްކު މީހުންގެ ސާމްޕަލް ނެގުން އަވަސްކޮށް، އެ މީހުންގެ ހާލަތު މިހާރަށްވުރެ ބޮޑަށް މޮނީޓާ ކުރުން ފަދަ ބަދަލުތައް ގެންނާނެކަމަށް އޭނާ ވިދާޅުވި އެވެ.