ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މިއަދު ޕޮޒިޓިވްވީ އަދަދު 119 އަށް

ކޮވިޑް-19 އަށް މިއަދުގެ މިހާތަނަށް 119 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މިއާއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 396 އަށް އަރާފައެވެ. މިއަދު ޕޮޒިޓިވްވީ 95 މީހުންނަކީވެސް ބިދޭސީންނެވެ. އަދި 17 ދިވެހިންވެސް ހިމެނެއެވެ.

އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްއަަށް ނިސްބަތްވާ 61 މީހަކާއި އިންޑިއާގެ 32 މީހެއްގެ އިތުރުން ނޭޕާލްގެ ދެ މީހެކެވެ.

ރޭ ދަންވަރު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އަލީ ލަތީފް ވިދާޅުވީ އެ ވަގުތާއި ހަމައަށް ޕޮޒިޓިވްވެފައިވަނީ 280 މީހުން ކަމަށެވެ. ނަމަވެސް ދެންމެ އެޗްޕީއޭއިން ބުނީ ޕޮޒިޓިވްވި މީހުންގެ އަދަދަކީ 396 ކަމަށެވެ.

އެހެން ކަމުން ރޭގެ ޕްރެސްގެ ފަހުން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 116 އަށް އަރާފައެވެ.

މިއީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވީ ދުވަހެވެ. މީގެ ކުރިން އެންމެ ގިނަ މީހުން ޕޮޒިޓިވްވީ ދުވަހުގެ ނަންބަރަކީ 73 އެވެ.

ކޮވިޑް ޖެހުނު މީހުންގެ އަދަދު އިތުރުވެފައިމިވަނީ މި ބަލީގައި ދިވެއްސަކު މަރުވެފައިވަނިކޮށެވެ. ކޮވިޑްގައި ރާއްޖެއިން މަރުވެފައި ވަނީ އުމުރުން 83 އަހަރުގެ އައިމިނަތު އާދަމްއެވެ. އޭނާ މަރުވީ އިއްޔެ އިރުއޮއްސި 19:10 އެހާކަންހާއިރު އެވެ.

އެ މީހާއަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަ ކުރެވުނު މީހެކެވެ. އެމީހާގެ ނަތީޖާ ލިބިފައިވަނީ މަރުވި ފަހުންނެވެ.

މާލެއިން ކޮވިޑް-19އަށް ޕޮޒިޓިވް މީހުން އަދިވެސް ފެންނަމުންދާތީ ލޮކްޑައުންގެ މުއްދަތު ވެސް މިއަދު ވަނީ އިތުރުކޮށްފަ އެވެ. އިތުރު ކޮށްފައި ވަނީ 14 ދުވަހަށެވެ. މާލޭގައި އެންމެ ފުރަތަމަ ލޮކްޑައުން އިއުލާންކުރީ މާލެ ތެރެއިން ފުރަތަމަ ކޭސް ފެނުނު ދުވަހު އެވެ. އެއީ މި މަހުގެ 15 ވަނަ ދުވަހެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. ދެން އެންމެ ގިނައީ ދިވެހިންނެވެ.

މީގެ އިތުރުން އިންޑިއާ، ސްރީލަންކާ އަދި ޕާކިސްތާނު މީހުންވެސް ހިމެނެއެވެ. އަދި މިއަދު ވަނީ ނޭޕާލްގެ ދެ މީހަކުވެސް ޕޮޒިޓިވްވެފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ 17 މީހުނެވެ. އެ ބަލި ރާއްޖެއިން ޖެހުނު އިޓަލީގެ ދެ މީހަކު ވަނީ ފުރައިގެން ގޮސްފަ އެވެ.