ވާހަކަ

އިންސާފު

މުޅި ދުނިޔެ އޮތީ މާ ނިންޖަކުން ނިދާފަ އެވެ. ވަށައިގެން ވަނީ ހިމޭން ވެފަ އެވެ. ދޭތެރެއަކުން ފަނިފަކުސާތައް އެސޮރުމެންގެ އަޑު އިއްވާލަ އެވެ. އުވަވެރިފައިވާ ފާރުގައި ހުރި ބޮޑު ބަރުހެލޭ ގަޑީގެ ސިކުންތު ކަށީގެ އަޑު ވެސް ކެނޑިނޭޅި އިވެމުން ދިޔައެވެ. ބިތުގައި އެލުވާފައިވާ ފުޅި ބައްތީގެ ފަނޑު އަލިކަން ނޫން އައްޔެއް ނެތެވެ.

އެއީ އާދައިގެ މުސްކުޅި ގެޔެކެވެ. ގެއަށް ވަންނަ އިރު ފެންނަން ހުންނަނީ ދިމާއެނދެވެ. ދިމާއެނދުގެ ހުޅަނގުން މުސްކުޅި އަދަރާދަ ގޮނޑިއެކެވެ. އަދަރާދަ ގޮނޑީގެ ކައިރީގައި ހުރީ ބަނބުކެޔޮ ފިލާއަޅައިފައި ހުރި ތިރި އަށްޓެކެވެ. ދެތިން ފޫޓު އުސްމިނުގައި ހުރި ހަނިހަނި އަށްޓެކެވެ. އުމުރުން ފަސް އަހަރަށްދާ ރަޔާން އޮތީ އެ އަށި މަތީގައެވެ. ދެކަކޫ ދޭތެރެއަށް ދެއަތް މަހައިލައިގެން ކުރުގެޅި ގެންނެވެ. ގިސްލެވިލެވި ވަރުބަލިވެފައެވެ. ދެ ލޯ މެރިފަ އެވެ.

ރަޔާންގެ މޫނަށް ފުޅި ބައްތީގެ ފަނޑުއަލި އެޅިފައި ހުއްޓެވެ. އޭނާގެ މޫނުމަތީ ދެތިން ރޮނގެއް ކުރެހިފައި ހުއްޓެވެ. ނޭފަތާ ދިމާގައި އަރިދަފުސްތައް ރޮނގެއްގެ ގޮތަށް މައްޗަށް ކުރެހިފައި ހުއްޓެވެ. ނިތްމަތީ ނޫފައިގެންފައި ހުރި ތަނާ ޖެހިގެން ހުރި ފާރުގަނޑުގައި ހުރީ ކަޅު ރަތް ލޭ ހިލިހިލި އެވެ.

އިރުއިރުކޮޅާ ރަޔާން ފުން ނޭވާއެއް ދޫކޮށްލަ އެވެ. ފާޑަކަށް އޭނާ ކުރުކުރިލަ އެވެ. ނޭވާލާން އުނދަގޫ ވެގެން އުޅޭ ކަހަލަ ގޮތަކަށެވެ. އުދަނގޫ ގޮތަކަށް ރަޔާން ހަށި ފުރާ ނޭވާއެއް ބޭރު ކޮށްލި އެވެ. ގަދަކަމުން ކަހަލަ ގޮތަކަށް އޭނާ ލޯ ހުޅުވާލިއެވެ. ވަރުބަލިކަމާ އެކުގަ އެވެ. ދެފަހަރަކު އެސްފިޔަ ޖަހައިލި އެވެ. ކުޑަކުޑަ އަށީގައި އިށީނދެލި އެވެ. މަޑުމަޑުން އަށިން ތެދުވެލި އެވެ. އޭނާގެ ހަރާކާތްތަކުގައި ހުރީ ވަރުބަލި ކަމެވެ. ލޮޑުކަމެވެ. ހީވަނީ ގައިގައި ހަކަތައެއް ނެތް ހެންނެވެ. އޭނާ ބަލައިލިއެވެ. އަށީގެ އެއްކޮޅުގައި ހުރި ތަށީގެ މަތި ހިއްލައިލި އެވެ.

ރަޔާނުގެ ގަޔަށް ފުންމައިލީ ކުރަތްޕެކެވެ. އެކަމާ އޭނާ ބިރެއް ނުގަނެ އެވެ. އަޅައެއް ނުލައެވެ. ހިތްދަތި ގޮތަކަށް ރަޔާން ހިންދިރުވާލި އެވެ. މަޑުމަޑުން ތަށި ކައިރިއަށް ޖެހިލި އެވެ. ރަނގަޅަށް ތަށްޓަށް ބަލައިލިއެވެ. އޮތީ ހަރުވެފައިވާ ހުނި ރޮއްޓެކެވެ. ރަޔާން ރޮށި ނަގައި ބަލައިލި އެވެ. ރާންރާން ލައިފައި ދެ ކުރަފި އުދުހިގަތެވެ. ރޮށީގައި އިތުރު ކުރަތްޕެއް އޮތެވެ. ރަޔާން ރޮށި ތަޅުވައިލި އެވެ. އެއާއެކު ކުރަފި އުދުހިގަތެވެ.

އަތުން ރޮށިކޮޅެއް ނައްޓައިލެވޭތޯ ރަޔާން އުޅުނެވެ. އޭރު ވެސް އޭނާގެ އަތް ތުރުތުރުއަޅަ އެވެ. ދެތިން ފަހަރަކު ހިފައިލުމުން ނެއްޓުނީ ކުޑަކުޑަ ރޮށި ކޮޅެކެވެ. ރަޔާންގެ އަނގައަށް ރޮށިކޮޅެއް ލިއެވެ. އުނދަގޫ ގޮތަކަށް ރޮށިކޮޅު ހަފައިލި އެވެ. ކުއްލިއަކަށް ރަޔާން ކޮށިއެރި އެވެ. ކެއްސަން ފެށީ އެވެ. ހިންދިރުވާލަން އުނދަގޫވާ ގޮތް ވިއެވެ. އޭނާ ތެދުވެ ދުއްވާގަތެވެ. ގޭތެރެއަށެވެ. މައިގެ ކަނުގައި ހުރި ބަނޑިޔަލާ ދިމާ އަށެވެ. ބަނޑިޔާ މަތީގައި ފިލާ ފޮއްޗެއް އޮތެވެ. އޭގެ މަތީގައި ލޯވައްޓެއް އޮތެވެ.

ރަޔާން އަވަސްއަވަހަށް ލޯވަށި ނަގައި ބަނޑިޔާ ތެރެއަށް ކޮށްޕައިލި އެވެ. ލޯވަށި ޖެހުނީ ބަނޑިޔާގެ ފުލުގަ އެވެ. އޭރު ވެސް އޭނާ ކެއްސަނީ އެވެ. ކޮށިއަރައިގެން ކެއްސާ ގޮތަށެވެ. ރަޔާން ބަނޑިޔާ ނެގި އެވެ. ފެންފޮދެއް ލިބޭތޯ އެވެ. ބަނޑިޔާ ނަގައި މައްޗަށް ހިއްލައިލި އެވެ. ބަނޑިޔަލާ ދިމާއަށް އަނގަ ހުޅުވާލި އެވެ. ދެތިން ފެން ތިކި އޭނާގެ އަނގަޔަށް ވެއްޓުނެވެ. އޭނާ މަޑުމަޑުން ހިންދިރުވާލި އެވެ. އެއާއެކު ކެއްސުންގަނޑު މައިތިރިވި އެވެ. ނަމަވެސް، އޭގެ ފަހުން ވެސް ދެތިން ފަހަރު ކެއްސާލި އެވެ.

ލަސް ފިޔަވަޅުތަކެއް އަޅަމުން ރަޔާން މައިގެ ތެރެއިން އެތެރެގެއަށް ވަނެވެ. އޭނާ އެތެރެއަށް ނޭވާ ދަމައިލި އެވެ. ކާ އެއްޗެއްގެ ވަސް ދުވާހެން ހީވެގެންނެވެ. މަޑުމަޑުން އެގޮތަށް ދެތިން ފަހަރަކު ހަދައިލިއެވެ. އޭނާއަށް ބަލައިލެވުނެވެ. ކޮޓަރި ކައިރީ ތަޅުންގަނޑަށެވެ. ލޮލުގައި އަޅައިގަތީ އައްސާލާފައި ހުރި ނޫކުލައިގެ ކޮތަޅަށެވެ.

ކޮތަޅުގެ ތެރެއިން ދެ މީދާ ނުކުތެވެ. މީދާތައް ގޮސް އެރީ ބިތަށެވެ. ރަޔާން އެ ސޮރުމެންނަށް ބަލައިލެވުނެވެ. ރަޔާންގެ ދެ ލޮލުން ކަރުނަ ހިލުނެވެ. ބަނޑުހައިވެގެން އޭނާގެ މެއިން ހޫނު ނަގައިހެން ހީވަމުން ދިޔައެވެ. އަނެއްކާ ވެސް ކޮތަޅަށް ބަލައިލިއެވެ. ކޮތަޅުގެ ކައިރީ އިށީނެވެ. ދެފައި ވަށްކޮށްލައިގެންނެވެ. ކޮތަޅު ނަގައި އުނގުގައި ބަހައްޓައިލި އެވެ. އެތެރެއަށް ނޭވާ ދަމައިލަމުންނެވެ. އޭނާގެ ހިތް ފުރުނު ކަހަލައެވެ. ދެތިން ފަހަރު އެހެން ހަދައިލި އެވެ.

މަޑުމަޑުން ކޮތަޅު މޮހައިލިއެވެ. ކޮތަޅުގައި އޮތީ ހުދުކުލައިގެ ޕާރުސަލް ތައްޓެކެވެ. ތަށި ނަގައި ހުޅުވާލި އެވެ. އޭނާއަށް ލުއި ގޮތަކަށް ހިނިތުންވެވުނެވެ. ތަށީގައި ހުރި ކުކުޅު ކަށިތައް ފެނުމުން އަވަސްއަވަހަށް އެ ނެގި އެވެ. ނަގައި އަނގަޖަހައި ލޮވެލިއެވެ. ކަށިތަކުގައި ހުރި ކުދިކުދި މަސްކޮޅުތައް ވަކިވަކިން ނައްޓައިލި އެވެ. ކަށިތައް ލޮވެލިއެވެ. އެންމެ ފަހުން، ތަށީގެ އަރިމަތީގައި ހުރި ހަވާދުތަކުގައި ވެސް އޭނާ ދޫކޭއްތިއެވެ.

ރަޔާންގެ އަނގަމަތި ދިލަ ނަގަން ފެށި އެވެ. އޭނާއަށް ކުޅީގެ އިހުސާސްކުރެވުނެވެ. މޫނުމަތިން ދިލަ ނަގަން ފެށިއެވެ. އޭނާ ތެޅިގަތެވެ. އަނެއްކާ ވެސް ބަނޑިޔާއާ ދިމާއަށް ދުއްވައިގަތެވެ. ބަނޑިޔާ އަރިކޮށްލި އެވެ. އަނގަޔަށް ވެއްޓުނީ އެންމެ ފެން ތިއްކެކެވެ. ރަޔާން އަނެއްކާ ވެސް ބަނޑިޔާ އަރި ކޮށްލި އެވެ. ފެންފޮދެއް ލިބޭތޯ އެވެ. ނަމަވެސް، ފެންފޮދެއް ލިބޭ ގޮތެއް ނުވި އެވެ. އޭނާ ބޭރަށް ނުކުންނަށް ހިނގައި ގަތެވެ. ގިފިލި ފަރާތަށެވެ. ދޮރުފަތުގައި މަޑުމަޑުން ހިފައިލިއެވެ. ދަބަރު ޖަހައިފައިވާ ދަގަނޑު ދޮރުފަތް ހުޅުވާލީ ލަސްލަހުންނެވެ. ދަތް ހީލިކަރުވާ ކަހަލަ މުރުމުރު އަޑެއް އިވުނެވެ. އޭނާގެ ދަތާއެކު ބޮލަށް ގޮތްތަކެއް ވިއެވެ.

ރަޔާނަށް ބަލައި ލެވުނީ ބޭރަށެވެ. ގައިގައި ބީހިލި ފިނި ވައިރޯޅިތަކުން އޭނާ ހީކަރުވާ ގަތެވެ. އެ ނިކަމެތި ހަށިގަނޑު ތުރުތުރުލާން ފެށި އެވެ. ކަތުރު ކަށިގަނޑާއެކު ދަތްދޮޅި ތުރުތުރުލާން ފެށި އެވެ. ރަޔާން އަމިއްލަ ގައިގައި ދެ އަތުން ފިރުމައިލި އެވެ. ދެ އަތް މޭމައްޗަށް ހުރަސްކޮށްލައި ދެ އަތު މުލައްދަނޑީގައި އަތް ހިންގައިލި އެވެ. މަޑުމަޑުން އަމިއްލަ ތުންފަތުގައި ދަތް ޖައްސައިލި އެވެ. ދެ ފިކުރެއްގައި ހުރެ ދޮރުފަތް ލައްޕައިލި އެވެ. އަނެއްކާ ވެސް އެއްކަލަ ބަރު އަޑުފަށްގަނޑާއެކު ކަންފަތާއި އެކު ދަތްތަކަށް އުނދަގޫވި އެވެ.

ރަޔާން ވަރަށް ފަރުވާތެރިކަމާއެކު އެތެރެއަށްވަނެވެ. ފެން ފޮދެއް ލިބޭތޯ އެތަން މިތަނަށް ކަޅި އުކަމުންނެވެ. އޭނާގެ ލޮލުގައި އަޅައި ގަތީ ބޮޑުއަށީގެ މަތީގައި ހުރި ލަކުޑި ފޮއްޓެވެ. އެ ފޮށީގެ މަތީގައި ހުރި ފުޅިއެވެ. ލުއި ހިނިތުންވުމެއް ރަޔާންގެ ތުންފަތުގައި ދުވެލިއެވެ. އޭނާ އަވަސްއަވަހަށް ބޮޑުއަށްޓަށް އެރިއެވެ.

މަޑުމަޑުން ފުޅި ނަގައި ބަލައިލިއެވެ. އެއީ ފިނިފެން ފުޅިއެކެވެ. ފުޅީގެ ފުލުގައި ހުރީ ކުޑަކުޑަ ފެން ފޮދެކެވެ. އަވަސް އަވަހަށް ފުޅީގެ މަތި ނެގިއެވެ. މަތި ނަގައި އަނގަޔާ ދިމާއަށް އަރިކޮށްލި އެވެ. ކަރުތެރެ ފިނިވި އެވެ. އެތެރެ ހަށި ފުރުނު ކަހަލައެވެ. އަނެއްކާ ވެސް އޭނާ ބަލައިލީ ފުޅި އަށެވެ. އިތުރު ފެންފޮދެއް ލިބޭތޯ އެވެ.

ފުޅި އަރިކޮށްލި އެވެ. އަނގަތެރެއަށް ޖެހުނީ ދެތިން ފެންތިއްކެވެ. އޭނާ ލަސްލަހުން ހިންދިރުވަމުން ދިޔަ އެވެ. އެވަރުން ވެސް ރަޔާންގެ އަލާ ނުކެނޑެ އެވެ. އޭނާ ބޭނުން ވަނީ ފެން ބޯށެވެ. ފަނޑު އަލިކަމުގެ ތެރޭގައި ރަޔާން އެތަން މިތަން ބަލަމުން ދިޔަ އެވެ. އޭނާގެ ލޮލުގައި އަޅައި ގަތީ ބޮޑުއަށްޓާ ދިމާ ބިތުގައި ހަރުކޮށްފައިވާ ފިލައެވެ. ފިލާގެ އެއްކޮޅުގައި ހުރީ ފޮތްތަކެކެވެ. އަނެއް ކޮޅުގައި ހުރީ ދެ ފުޅި އެވެ. އޭނާގެ ހަނދާންނަށް އައީ ދުވަސްކޮޅެއް ކުރިން ކާފަ ބުނެދިން ވާހަކައެކެވެ.

"އެ ވަރަށް މުހިއްމު ފުޅިއެއް. ރަޔާންމެން ކަހަލަ ކުޑަ ކުދިން އެ ފުޅީގައި އަތް ނުލާތި އިނގޭ."

ކާފަގެ ޖުމުލަތައް ރަޔާންގެ ސިކުނޑީގައި ތަކުރާރުވި އެވެ. ރަޔާންގެ ނޭފަތް ދަމައިލިއެވެ. ކާފަގެ ހަނދާން ވުމުން އޭނާގެ ލޮލުން ކަރުނަ ހިލިގަތެވެ. އޭނާގެ ސިކުނޑީގައި އެ މަންޒަރުތައް ކުލަވަމުން ދިޔައެވެ. ހީވީ އެ މަންޒަރުތައް ފެންނަ ހެންނެވެ.

އޭރު އޭނާއަށް ވާނީ ތިން އަހަރެވެ. ކާފައާއެކު ރަޔާން ނިދަން އޮށޯތެވެ. ބޮޑުއަށީގަ އެވެ. ރަޔާން އޮތީ ފާރާވީ ފަޅީގަ އެވެ. އާދައިގެ މަތިން އޭނާއަށް ކާފަ ވާހަކަ ކިޔައިދިނެވެ. ކާފައިގެ ގައިގައި ބައްދާލައިގެން ވާހަކަ އަޑުއަހަން އޮއްވާ ރަޔާންނަށް ނިދުނެވެ. ނަމަވެސް، އެރޭ ނިދި ގޮތަށް ކާފައެއް ނުހޭލި އެވެ. ރަޔާން ގޮވާ ގޮވާ ވެސް ކާފައެއް ނުތެދުވި އެވެ. ކާފަ އޮތީ ފާޑަކަށް ހަރު ދަނޑިވެފަ އެވެ. ރަޔާން ކާފަގެ މޭގައި ކަންފަތް ޖައްސާލިއެވެ. އެއްވެސް އަޑެއް ނީވުނެވެ. ކާފަގެ ލޯ ހުޅުވާލިއެވެ. އެއްވެސް ހަރަކާތެއް ނެތެވެ. ރަޔާނަށް ބާރުބާރަށް ރޮއިގަނެވުނެވެ. ހަޅޭއްލަވާ ގަނެވުނެވެ.

ރަޔާންގެ ދެ ލޮލުން ކަރުނަ ހިލިގަތެވެ. ކާފަގެ ހަނދާންތަކުން އޭނާ މާޔޫސްކޮށްލި އެވެ. ކާފަ ނިޔާވުން ވެގެން ދިޔައީ އޭނާގެ ބިކަވުމުގެ އަސްލަށެވެ. ކާފަގެ ޖަނާޒާގައި ބައިވެރިވެ ގެއަށް އައިސް ވަނުމާއެކު އޭނާއަށް ކުރިމަތިލާން ޖެހުނީ މަންމަ، ހަސީނާގެ ހަރުކަށި ބަސްތަކާއެވެ.

"ދެން އޮތީ ކަލޭ. ކަލޭގެ ވަސްވެސް ދުއްވާލާނީ ހަމަ އެގޮތަށް. މީހަކަށް ތަނެއް ދޮރެއް އަންގައިވެސް ނުލާނަން."

ރަޔާން ސިހިފައި ބަލަން ހުރީއެވެ. ހަސީނާގެ ހަރުކަށި ޖުމުލަތަކުންނެވެ. އޭނާގެ ސިކުނޑީގައި ހުރި ސުވާލުތައް ބޭރުކޮށްލާނެހާ ހިތްވަރު ވެސް ނުލިބުނެވެ. ހަސީނާގެ ކުރިމަތީގައި އެއްޗެއް ބުނެފިނަމަ އޭނާއަށް ކުރިމަތިލާން ޖެހޭނީ އިލޮށި ފައްޗާއެވެ. ނޫނީ އެ ވަގުތަކު އަތުގައި ޖެހުނު އެއްޗަކާއެވެ.

"ބުނަން ވާހަކައެއް. ކަލޭ މިއިން ވާހަކައެއް މީހަކު ކައިރީ ބުނެފިތަ، މަ މީ ނުބައި މީހެއްކަން އަންގައިލާނަން." ހަސީނާ ދެބުމަ ކައިރިކޮށްލި އެވެ.

ރަޔާން ހިތުގައި އެތައް ސުވާލެއް އުތުރި އަރަމުން ދިޔައެވެ. ހަސީނާގެ މިޒާޖާ މެދުގަ އެވެ. ހަސީނާގެ ހަރުކަށި ކަމާ ދޭތެރޭގަ އެވެ. ބައެއް ފަހަރު އެ އަންނަ ބަދަލެވެ. ހަސީނާއަށްވާ ގޮތްތަކެވެ. ރަޔާނަށް ގިސްލެވެން ފެށުނެވެ. އޭނާގެ ދެ ލޮލުން ހޯސްލައިފައި ކަރުނަތައް ފައިބައި ގަތެވެ. ހަސީނާއަށް އެ މަންޒަރު ފެނުނެވެ. އޭނާގެ ހިތް މަޑުވި ކަހަލައެވެ. ބޮލުތެރެއަށް ވަދެފައި އޮތް އިބިލީސް އުދުހިގަތް ކަހަލައެވެ. އޭނާގެ ނާރުތަކުގެ ވާން ކެނޑި މީހާ ހިމޭންވިއެވެ. ހަސީނާ ރަޔާނާ ދިމާއަށް ހިނގައިގަތެވެ. ރަޔާން ފަހަތަށް ޖެހިލިއެވެ. ދެ ފަރާތަށް ބޯހޫރައިލަމުންނެވެ.

"އާދޭ ދަރިފުޅާ! މަންމަގެ ދަރިފުޅާ އާދޭ!" ހަސީނާ ދެއަތް ދިއްކޮށްލަމުން ތިރިވެލިއެވެ.

ރަޔާނަށް ބަލަން ހުރެވުނީއެވެ. ދާންވީ ކަމެއް، ހުންނަންވީ ކަމެއް ނޭނގި ގަބުވެފައެވެ.

"އާދޭ! މީ ދަރިފުޅުގެ މަންމައޭ." ހަސީނާ ބޮލުން ހަރަކާތްކޮށްލި އެވެ.

ރަޔާން ދުއްވާގަތެވެ. ބިރުވެރި ހިތަކައިގެންނެވެ. ރަޔާން ގޮސް ހަސީނާގެ އަތު ތެރެއަށް ވަނެވެ. އެއާއެކު ހަސީނާ ރަޔާންގެ ގައިގައި އޮޅުލައި ގަތެވެ.

"މަންމައަށް މާފުކުރޭ! ދަރިފުޅަށް އަނިޔާކުރެވުނީ، ދަރިފުޅު ދެރަކޮށްލެވުނީ، ދަރިފުޅަށް ދެރަ ގޮތްގޮތް ހެދުނީ. ދަރިފުޅަށް މީރު އެއްޗެހި ކައްކައިދޭން ވެސް ބޭނުންވޭ. މީރުކޮށް ކާން ދޭންވެސް ބޭނުންވޭ. އެކަމަކު މަންމައަށް އުނދަގޫވަނީ. ކާފަގެ ސަބަބުން. ކާފަގެ ނުލަފާކަމުން. ކާފައަކީ މި މަންމަގެ ހަޔާތް ބަރުބާދުކޮށްލި މީހާ. މި މަންމަގެ އުއްމީދުތައް ފުނޑުފުނޑުކޮށްލި މީހާ. އެއީ އަސްލު ދަރިފުޅުގެ ދޮންކާފަ. މަންމަގެ ދޮން ބައްޕަ." ހަސީނާ ރޮމުން ގިސްލަމުން ރަޔާންގެ ބޮލުގައި ފިރުމިއެވެ.

ހަސީނާ ދައްކަމުން ދިޔަ ވާހަކަތަކުން ރަޔާނަށް ދޭހަވަނީ މަދު މިންވަރެކެވެ.

"އެއީ ދަރިފުޅުގެ ކާފައެއް ނޫން. އޭނާއަށް ކާފަ ނުކިޔާތި!" ހަސީނާގެ ރާގު ބަދަލުވި އެވެ.
ރަޔާން ދެ ކޮނޑުގައި ހިފައި ގަޔާ ދުރުކޮށްލި އެވެ. ރަޔާންގެ ދެ ކޮނޑުގައި ހިފަހައްޓައިލަމުން ދެ އަތަށް ބާރުކޮށްލިއެވެ.
"މަންމާ! އެ ކާފައެއް ނޫންތަ؟" ތުއްތުތުއްތު އަޑަކުން ރަޔާން ބުނެލިއެވެ.
"އާނ! އެއީ މުޑުދާރު ޢަމަލު ހިންގި މީހާ. އޭނާއަށް ކާފައެއް ވެސް، ބައްޕައެއް ވެސް ކިޔާނެ ކަމެއް ނެތް،" ހަސީނާ ތެދުވިއެވެ. "އެންމެންނަށް ވެސް އެނގޭ ކަލޭގެ ސިފަ. ތި ހަމަ އެ ނުލަފާ އުމަރު. ކަލޭ ތި ހުރީ އެ ސިފައިގައި. ކަލޭ ވެސް ވާނީ ހަމަ އެ އަޔަށް. އަލަގަހަކުން ނުކުންނާނީ އަލަގަހެއް، ކެޔޮނިރެއް ނޫން. ދާން އުޅޭ. ރައްކާވޭ."

ރަޔާން ބަލައިލީ ބަދަލުވަމުން ދިޔަ ހަސީނާގެ މޫނަށެވެ. އެ މޫނުމަތިން އެތައް ކުލައެއް އަރައި ފައިބަމުން ދިޔައެވެ. ހޭވި ތަރުތީބު ގެއްލިފައިވާ ހަސީނާގެ އިސްތަށިގަނޑުގައި ހަސީނާ ހިރުވާގަތެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވަމުން ދިޔައެވެ.

"ކަލޭ ބަނޑަށް މަރަންވީ. ކާނެ އެއްޗެއް ވެސް ބޯނެ އެއްޗެއް ވެސް ދޭނެ ކަމެއް ނެތް. ކަލޭގެ ކުށަކީ އޭނައާ ވައްތަރުވުން." ހަސީނާ ހަޅޭއްލަވާގަތެވެ.

ރަޔާންގެ ދެ ކޮނޑުގައި އަތް އަޅައި ހަސީނާ ކޮށްޕައިލިއެވެ. އެއާއެކު ރަޔާން އިދިފުށަށް ވެއްޓުނެވެ.

ރަޔާންގެ ދެ ލޮލުން ކަރުނަ ހިލިގަތެވެ. އޭނާއަށް ބަލައިލެވުނީ މައިގެ ތެރެއަށެވެ. ހަސީނާ ކޮބައިތޯއެވެ. ހަސީނާއެއް ނުފެނުނެވެ. އެކަކު ވެސް ނެތެވެ. ފެންނަނީ ކަނިވަމުން ދިޔަ ބައްތިއެވެ. އަނެއްކާ ވެސް ރަޔާން ކޮށިއެރިއެވެ. އޭނާގެ އަރުތެރެ ބެދެން އުޅޭހެން ހީވާން ފެށިއެވެ. ރަޔާން ބަލައިލީ ފިލާ މައްޗަށެވެ. ފުޅިއާ ދިމާއަށެވެ. އޭނާ ތެދުވިއެވެ.
މަޑުމަޑުން ބޮޑު އަށިމަތީ އިށީނދެލަމުން ދެފައި ވަށްކޮށްލިއެވެ. އަތުގައި އޮތް ފުޅިއަށް ބަލައިލިއެވެ. ފުޅީގެ މަތި ނައްޓައިލިއެވެ. ދަތްދޮޅި ހިއްލައިލަމުން އަނގަ ހުޅުވާލިއެވެ. ފުޅި ނަގައި އަނގަޔާ ދިމާޔަށް އަރިކޮށްލިއެވެ. ފުޅީގައި ހުރި އެއްޗެހިތައް އަނގައިގެ ތެރެއަށް އެޅުނެވެ.

ރަޔާނަށް ހިންދިރުވާލެވުނެވެ. ރަހަ އިހުސާސް ކުރެވުނީ މާ ފަހުންނެވެ. ފާޑެއްގެ ވިހަ ރަހައެއް އަނގައިގެ ތެރޭގައި ލިއެވެ. ނޭފަތާއެކު އެ ވަސްގަނޑު ބޮލުތެރެއަށް ވަނެވެ. ދޫހިވަނީ ފިހި ދާނެހެންނެވެ. އެހައި ވެސް ތޫނު ދިލައެއް ނަގައިގަތެވެ. އޭނާގެ އަތުން ފުޅި ވެއްޓުނެވެ. ފާޑަކަށް ކެއްސާގަތެވެ. އޭނާގެ އެތެރެ ހަށި ހީވަނީ ކުދިކުދިންވާ ހެންނެވެ. ކަރުތެރެ ހީވަނީ ބުރިބުރިވާހެންނެވެ. އޭނާ ބޮޑު އަށި މައްޗަށް ދެމުނެވެ. ކެއްސަމުން ކެއްސަމުންނެވެ. މޭގައި އަތް އަޅައިގެން އޮވެއެވެ.
ރަޔާނަށް ބަލައިލެވުނީ ބިތުގައި ހުރި ފުޅި ބައްތި އަށެވެ. ކަނިވަމުން ދިޔަ އެ ބައްތީގެ ފަނޑު އަލިކަމަށެވެ. އޭނާއަށް ފެނުނީ ކާފަގެ ސޫރައެވެ. މަންމަގެ ރުޅިވެރި މޫނެވެ. ރަޔާނަށް އިހުސާސް ކުރެވެމުން ދިޔައީ އޭނާގެ ހަޔާތުގެ ހުޅުކޮޅު ވެސް ނިވެމުންދާ ކަމެވެ. ގައިން ވަރު ދެރަވެ މީހާއެކުގައި ހިނދެމުންދާކަމެވެ. އިރުކޮޅެއް ނުވަނީސް، ރަޔާން ބޮޑުއަށި މައްޗަށް ދެމުނެވެ. އެއާއެކު އަނގައިންނާއި ނޭފަތުން ލޭތައް ނުކުންނަން ފެށިއެވެ.

މެންދުރުވީއިރަށް ރަށު ތެރެއަށް ފެތުރުނު ޚަބަރަކީ ރަޔާންގެ ކުއްލި މަރުގެ ޚަބަރެވެ. ހަސީނާ ފުލުންހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ޚަބަރެވެ. ނޫސްތަކާއި ޓީވީތަކުގެ ސުރުޚީތައް ފުރެމުން ދިޔައީ އެ ޚަބަރު ތަކުންނެވެ. ދަރިފުޅަށް އިހުމާލުވި މަޔެއްގެ ގޮތުގައި ހަސީނާގެ ނަން ފެވެމުންނެވެ. ދަރިފުޅުގެ މަރުގެ ތުހުމަތު އޭނާއަށް ކުރަމުންނެވެ. ވިހައެއް ދިނުމަށް ފަހު މަރައިލި ކަމުގެ ޚަބަރެވެ. ކާން ނުދީ ގެންގުޅުނު ވާހަކަތަކެވެ. އަނިޔާކުރުމާއި ނަފުސާނީ ގޮތުން ރަޔާނަށް ގެއްލުންދިން ކަމުގެ ޚަބަރުތަކެވެ. ރަޔާންގެ ހަށިގަނޑުން އެކަމުގެ ނިޝާންތައް ފެނުނު ކަމުގެ ވާހަކަތަކުންނެވެ. އިސާހިތަކު ހަސީނާގެ ހަޔާތާ ގުޅޭ ގޮތުން އެތައް ވާހަކައެއް ފެތުރިގަތެވެ. ރަޔާންގެ ހަގީގަތް އެންމެނަށް ހާމަވިއެވެ. ނަމަވެސް، އެންމެން ވެސް ކުރާ ސުވާލެއް އޮތެވެ. މިހުރިހާ ދުވަހު ތުއްތު ކުއްޖަކު އެ ހާލުގައި އުޅެން ޖެހުނު ސަބަބާ މެދުގައެވެ. އެ ކުއްޖާ ތަހައްމަލު ކުރާނެ ހިތްދަތި ދިރިއުޅުމާ މެދު އުފައްދާ ސުވާލެވެ.

އެ ހާލަތުގައި މުޖުތަމުގެ ޒިންމާއަކީ ކޮބައި މެދު ކުރާ ސުވާލުތަކެވެ. އިއްތިފާގުވެވޭ ހަގީގަތެއް އޮތެވެ. މަންޒަރު ފެނުނު މީހުން ނުފެންނަ ކަމަށް ހެދިކަމެވެ. ރަޔާންގެ ގިސްލުމުގެ އަޑު ކަންފަތްތަކަށް އިވުނަސް، އެކަން ބޮޑު ކަމަކަށް ނުހެދިކަމެވެ. ފަރުދީ ޒިންމާ އަދާކުރުމަށް އެންމެން އިހުމާލުވިކަމެވެ.

ކުރާނެ ކަމެއް ނެތެވެ. ރަޔާންގެ ހިތްދަތި ދިރިއުޅުން އިހުސާސްކުރެވޭ ކޮންމެ މީހަކު ސުވާލު ކުރާނެއެވެ. ޝަކުވާ ކުރާނެއެވެ. ހަސީނާއަކަށް އެކަންޏެއް ނޫނެވެ. މުޅި މުޖުތަމައަށެވެ. އެކަތިގަނޑެއްގެ ގޮތުގައި މުޖުތަމައުން ބީރުކަންފަތެއް ދިނީތީއެވެ. އެ ޝަކުވާ މާދަމާގެ ދަރިން ވެސް ކުރާނެއެވެ. މުނި، މުނިދަރީން ވެސް ކުރާނެއެވެ. އެ ހަނދާންތައް އަބަދު އާލާވެ އާކުރާނެއެވެ. އެ ވާހަކަތައް ދައްކާނެއެވެ. އެ ރަޔާންގެ ކުށެއްނެތް ކަމަށް ބުނާއެވެ. ކިތައްމެ ވަރަށް އެ ވާހަކަ ދެއްކިޔަސް، ކިތައްމެ ތަހުގީގެއް ހިންގިޔަސް ރަޔާނަށް ދެން އިންސާފު ލިބޭނެ ހެއްޔެވެ؟ (ނިމުނީ)