ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާ: ލޮކްޑައުން އިތުރުކުރި ނަމަވެސް، ބައެއް ހިސާބުތަކަށް ލުއި

May 1, 2020

ނިއު ދިއްލީ (މެއި 1) - ކޮވިޑް-19 އާ ގުޅިގެން އިންޑިއާގައި އަޅާފައިވާ ލޮކްޑައުންގެ މުއްދަތު އަނެއްކާވެސް ދެ ހަފްތާއިން އިތުރުކޮށްފި އެވެ.

މެއި 4 ވަނަ ދުވަހުން ފެށިގެން ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފައިވާއިރު، ރީނދޫ، އޮރެންޖު އަދި ރަތް އެލާޓް ކަނޑައަޅާފައިވާ ސަރަހައްދުތައް ވެސް ވަނީ ބަޔާންކޮށްފަ އެވެ.

އެގޮތުން، ރަތް އެލާޓުގައި އޮތް ސަރަހައްދުތަކުގައި ހަރުކަށި ފިޔަވަޅުތައް ދެމިއޮތް ނަމަވެސް، ބަލި ނުފެތުރޭ ސަރަހައްދުތަކަށް ލުއިތަކެއް ދޭން ވަނީ ނިންމައިފަ އެވެ.

މިދިއަ މަހުގެ 24 ވަނަ ދުވަހުން މުޅި ގައުމު ލޮކްޑައުންކޮށްފައިވާއިރު، އިންޑިއާގައި އެ ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 35،000 އަށް ވުރަ މައްޗަށް އަރައިފަ އެވެ.

މިމަހުގެ 18 ވަނަ ދުވަހާ ހަމައަށް ލޮކްޑައުން އިތުރުކުރިކަން އިއުލާނު ކުރުމަށް ހޯމް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ވައިރަހާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 1،100 އަށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ރަސްމީ ހިސާބުތަކުން ދެއްކި ނަމަވެސް، އެ އަދަދަށް ވުރެ ގިނަ ބައަކަށް ބަލި ޖެހި އަދި މަރުވެފައިވާކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އިންޑިއާގެ ބޮޑެތި ސިޓީތައް އަދިވެސް ރަތް އެލާޓުގައިއޮތްއިރު، ދަތުރުފަތުރުގެ ނިޒާމު ވެސް މުޅިންހެން ހުއްޓިފަ އެވެ.

ގާތްގަނޑަކަށް 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާ ލޮކްޑައުން ކުރުމާ ގުޅިގެން، އިގުތިސޯދު ހުއްޓިފައިވާއިރު، ދުވަހު މަސައްކަތުގައި އުޅޭ ފަގީރުންނަށް އާމްދަނީ ހޯދޭނެ ދޮރުތައް ވަނީ ބަންދުވެފަ އެވެ.