އިތުރު ބަޔަކަށް ޕޮޒިޓިވްވެ ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 481 އަަށް އަރައިފި އެވެ.
އެޗްޕީއޭއިން ދެންމެ ބުނީ މިރޭ 21:00 ގެ ނިޔަލަަށް އިތުރު 13 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އެއީ ހަތް ދިވެހިންނެވެ. ދެން ހިމެނެނީ ހަ ބިދޭސީންނެވެ. އެ މީހުން ނިސްބަތް ވަނީ ބަންގްލަދޭޝް އަށެވެ.
މިދިއަ ބުރާސްފަތި ދުވަހަކީ ރާއްޖެއިން އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވީ ދުވަހެވެ. އިއްޔެ އެކަނިވެސް 119 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. ރޭ ދަންވަރު ވެސް 72 މީހަކު ޕޮޒިޓިވްވި އެވެ.
ފަހުން ޕޮޒިޓިވްވި 72 މީހުންނަކީ ވެސް ބަންގްލަދޭޝްގެ މީހުން ކަމަށް އެޗްޕީއޭ ބުންޏެވެ.
ބުރާސްފަތި ދުވަހު ޕޮޒިޓިވްވީ މީހުންގެ ތެރެއިން 95 މީހުންނަކީވެސް ބިދޭސީންނެވެ. އަދި އެ އެންމެންނަކީވެސް އެއް ތަނެއްގައި އުޅެމުންދިޔަ ބައެއް ކަމަށް އެންއީއޯސީއިން ވަނީ ބުނެފައެވެ. އެ 95 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްއަަށް ނިސްބަތްވާ 61 މީހަކާއި އިންޑިއާގެ 32 މީހެއްގެ އިތުރުން ނޭޕާލްގެ ދެ މީހެކެވެ.
ކޮވިޑް-19 އާ ގުޅިގެން ގިނަ ބިދޭސީން ދިރިއުޅޭ ތަންތަނުގައި ބަލި ފެތުރިގެން ހިނގައިދާނެ ކަމަށްޓަކައި އެތަންތަން މޮނިޓާކޮށް ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މަބުރޫކް ވިދާޅުވީ މިވަގުތު އެފަދަ 23 ތަނެއް ފުލުހުން މޮނިޓާ ކުރަމުން ގެންދާ ކަމަށާ އެ ތަންތަނުގައި 1085 މީހުން އުޅެމުން ގެންދާ ކަމަށެވެ. އަދި އެ ތަންތަނުގައި އުޅޭ ހުރިހާ މީހުންގެ ސާމްޕަލްތައް ނަގާ ޓެސްޓް ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.
އެ ތަންތަނުގައި އުޅޭ މީހުންގެ ހާލަތު އަދި އެމީހުންނަށް ބޭނުންވާ ތަކެތި ރެޑްކްރެސެންޓުން ބަލަހައްޓަމުން ގެންދާ ކަމަށެވެ.