ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެމެރިކާއިން ރާއްޖެއަށް ދެ މިލިއަން ޑޮލަރު ދީފި

ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ އިގްތިސާދީ ހީނާރުކަމުން އަރައިގަތުމަށް ޓަކައި އެމެރިކާއިން ރާއްޖެއަށް ދެ މިލިއަން ޑޮލަރު ނުވަތަ 31 މިލިއަން ރުފިޔާގެ އެހީއެއް ދީފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިކޮނޮމިކް ސަޕޯޓް ފަންޑިއެއްގެ ގޮތުގައި އެމެރިކާއިން ރާއްޖެއަށް ދޭން ހަމަޖެއްސި ދެ މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުން އަރައިގަތުމަށް ޓަކައި އެއީ ކޮންމެހެން ބޭނުން ޖެހިފައިވާ އެހީއެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެމެރިކާއިން ރާއްޖެއަށް ދިން އެހީއާ ގުޅިގެން އެ ގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ އަށާއި، އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލެއިނާ ޓެޕްލިޓްސްއަށް މިނިސްޓަރު ޝާހިދު ޝުކުރު އަދާ ކުރެއްވި އެވެ.

އެމެރިކާއިން ރާއްޖެއަށް 2 މިލިއަން ޑޮލަރު ހަދިޔާކޮށްފައިވާއިރު އިއްޔެ ޖަޕާނުން ވަނީ ރާއްޖެއަށް 8.4 މިލިއަން ރުފިޔާގެ އެހީ ދީފައެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްފް) އިން ރާއްޖެއަށް 28،9 މިލިއަން ޑޮލަރު ދީފައިވާއިރު، އިންޑިއާއިން ވަނީ 150 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީއެއް ދީފަ އެވެ.