ކޮވިޑް-19 ގެ ފަރުވާދޭ ސެންޓަރަކަށް ޓްރީޓޮޕް ހޮސްޕިޓަލް ބޭނުން ކުރާނީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
އައިޖީއެމްއެޗްގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރު ޑރ. އަލީ ނަޒީމް ވިދާޅުވީ ޓްރީޓޮޕާއެކު ވެވިފައިވާ އެއްބަސްވުމުގެ ދަށުން އެތަނުގެ ޖުމްލަ 100 އައިސީޔޫ ބެޑުގެ އިތުރުން 60 ޖެނެރަލް ބެޑު ކޮވިޑް-19 އިގެ ފަރުވާގައި ބޭނުން ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ނަމަވެސް، އެ އެނދުތައް ބޭނުންކުރާނީ ކޮވިޑް-19 އާ ގުޅިގެން ބަދަލުވަމުންދާ ހާލަތަށް ބަލައި، ހަތަރު ފިޔަވައްސެއްގެ ދަށުންކަމަށް ޑރ. ނަޒީމް ވިދާޅުވި އެވެ.
"ފުރަތަމަ ފޭސްގައި ބޭނުންކުރާނީ، އައިސީޔޫ 15 ބެޑާއި އަދި 30 ޖެނެރަލް ބެޑު ބޭނުންކުރާނީ. ދެން ފޭސް ބީ، ސީ، ޑީގެ ދަށުން ޖުމްލަ 100 އައިސީޔޫ ބެޑާއި 60 ޖެނެރަލް ބެޑު ލިބޭގޮތަށް އިންނާނީ،" އޭނާ އިތުރަށް ވިދާޅުވި އެވެ.
ޑރ. ނަޒީމް ވިދާޅުވީ ކުރިއަށް ދެ ދުވަހެއްގެ ތެރޭގައި ކޮވިޑް-19 އިގެ ފަރުވާއަށް ޓްރީޓޮޕް ބޭނުންކުރަން ފެށިގެންދާނެ ކަމަށެވެ. އަދި އެތަނުގައި ފުރަތަމަ މަސައްކަތްކުރާނީ ދެ ހޮސްޕިޓަލުގެ ސްޓާފުން ގުޅިގެން ކަމަށެވެ.
މިވަގުތު ކޮވިޑްގެ ހާލު ބޮޑު ބަލި މީހުންނަށް ފަރުވާ ދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި އެކަމަށް ހާއްސަކޮށްފައިވާ ސެންޓަރުގަ އެވެ. އެތަނުގައި 10 އައިސީޔޫ އެނދު ގާއިމުކޮށްފައިވާއިރު، މިހާރު ޕޮޒިޓިވްވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާއިރު، ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދޭންޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ޑރ. ނަޒީމް ވިދާޅުވި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ހަ މީހަކަށް ފަރުވާ ދެމުންދާކަމަށް މީގެ ކުރިން ބުނެފައިވީ ނަމަވެސް، އެތަނުން އެކެއް ހާލު ރަނގަޅުވެގެން، އެ ހޮސްޕިޓަލުގެ 17 ވަނަ ފަންގިފިލާއަށް މިހާރު ބަދަލުކުރެވިފައިވާކަމަށް މިއަދު އައިޖީއެމްއެޗުން ވަނީ ހާމަކޮށްފަ އެވެ.