ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އަލާމާތް ނުފެނި ހާލު ދެރަވާ މީހުން ގިނަ: ޑރ. މުރާދު

ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު މި ފަހުން ޕޮޒިޓިވްވާ މީހުންގެ ތެރެއިން މާބޮޑު އަލާމަތްތަަކެއް ނުފެނި ހާލު ދެރަވާ މީހުންގެ އަދަދު ގިނަވަމުންދާ ކަމަށް އައިޖީއެމްއެޗްގެ އެތެރެ ހަށީގެ ޑޮކްޓަރު އަދި ޓެގް ޓީމުގެ މެންބަރު ޑރ. މޫސާ މުރާދު ވިދާޅު ވެއްޖެ އެވެ.

ރާއްޖޭގައި ކޮވިޑްޖެހޭ މީހުންގެ އަދަދު ދަނީ ބޮޑުތަނުން އިތުރުވަމުންނެވެ. މި މަހުގެ މިދިއަ 21 ދުވަހު ވެސް ޕޮޒިޓިވް އަދަދު ހުރީ 100 އިން މަތީގައެވެ. މި މަހު އެކަނިވެސް އަށް މީހަކު ވަނީ ކޮވިޑްގައި މަރުވެފަ އެވެ. މިދިޔަ ޖަނަވަރީގައި އެކަނިވެސް 3،400 ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެ ހަތަރު މީހަކު މަރުވި އެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލްވުމުގައި މުރާދު ވިދާޅުވީ މި ފަހުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭންޖެހޭ މީހުންގެ އުމުރު ތަންކޮޅެއް ޅަ ކަމަށެވެ. ހާއްސަކޮށް މެދު އުމުރުގެ މީހުން އެޑްމިޓްކޮށް ފަަރުވާ ދޭންޖެހޭ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރެވެ. މިހާރުވެސް 162 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށް ދަނީ ފަރުވާ ދެމުންނެވެ. ދެ މީހަކަށް އައިސީޔޫގައި އަދި އެކަކު ވެންޓިލޭޓަރުގައި ދަނީ ފަރުވާ ދެމުންނެވެ.

މުރާދު ވިދާޅުވީ މާބޮޑެތި އަލާމަތްތައް ފެންނަން ނެތް ނަމަވެސް ހާލު ދެރަވާ މީހުން ވެސް ގިނަވަމުންދާ ކަމަަށެވެ. މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ކުރިއަރާ އަޅާބަލާއިރު މިހާރު ތަފާތު ކަމަކަށް އަޅުގަނޑުމެންނަށް މި ފާހަގަ ކުރެވެނީ މިހާރު ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ހޮސްޕިޓަލްތަކުގައި ނުވަތަ ސެންޓަރުތަކުގައި އެޑްމިޓް ކުރަން ޖެހޭ މީހުންގެ އުމުރުފުރާ ތަންކޮޅެއް ޅަ ކަމަށް. ހާއްސަކޮށް މެދު އުމުރުގެ މީހުން ތަންކޮޅެއް ގިނައިން އެޑްމިޓް ކޮށްގެން އެބަ ފަރުވާދޭން ޖެހޭ. އަދި ވަރަށް ގިނަ ފަހަރަށް އަޅުގަނޑުމެންނަށް އެބަ ފާހަގަ ކުރެވޭ މާބޮޑެތި އަލާމަތްތައް ފެންނަން ނެތް ނަމަވެސް ހާލު ދެރަވާ މީހުން ވެސް ވަރަށް ގިނައިން އެބަ ފާހަގަ ކުރެވޭ. މިއީ ހަގީގަތުގައި ވަރަށް ކަންބޮޑުވާ ކަމެއް ސިއްހީ އެހީތެރިންގެ ނަޒަރުން ވިސްނާއިރު،" މުރާދު ވިދާޅުވި އެވެ.

ހާލަތު ގޯސްވެއްޖެނަމަ އަވަހަށް އެންގުން

ރާއްޖެއިން މިހާތަނަށް 18،930 މީހަކަށް ބަލި ޖެހިފައިވާއިރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،512 އެވެ. ޕޮޒިޓިވްވާ އެންމެން މިހާރު ކަރަންޓީން ފެސިލިޓީތަކަށް ނުގެންދެއެވެ. ޕޮޒިޓިވް ބައެއް މީހުން ގޭގައި އެބަތިއްބެވެ. އެއީ ކަރަންޓީން ކުރަން އެކަށީގެންވާ ޖާގަ ނެތުމުންނެވެ.

މުރާދު ވިދާޅުވީ ގޭގައި ތިބި މީހުންގެ ތެރެއިން އެއްވެސް މީހަކަށް ސީރިއަސް މައްސަލަތަކެއް ދިމާވެއްޖެނަމަ ނުވަތަ ބޮޑެތި އަލާމަތްތައް ފެންނަ ނަމަ ވީހާވެސް އަވަހަށް އެކަން އެންގުން މުހިންމު ކަމަށެވެ. އޭރުން ބަލަން ޖެހޭ ކަންކަން ބަލާނެ ކަމަށެވެ.

"ވީހާވެސް އަވަހަށް އެފަދަ މީހުން ރިޕޯޓް ކުރުން ވަރަށް މުހިންމު،"

މުރާދު ވިދާޅުވީ ގޭގައި ތިބޭ މީހުންވެސް ކޮންމެހެން ހަދަން ޖެހޭ ޓެސްޓެއް އޮވެދާނެ ކަމަށެވެ. ނަމަވެސް ބައެއް މީހުން ޓެސްޓް ހަދަން ދެކޮޅު ހަދާ ކަމަށާ އެކަން ކުރަން ބައެއް މީހުން ދެކޮޅު ހަދަނީ ހާލަތު ރަނގަޅު ކަމަށް ހީކޮށް ކަމަށެވެ. ބޭރު ފުށުން ބޮޑެތި މައްސަލަތަކެއް ނުފެނުނު ނަމަވެސް އެތެރެހަށީގައި އިތުރު މައްސަލަތަކެއް ހުރުމަކީ ވެދާނެ ކަމަށާ އެފަދަ ކަންކަން މީގެ ކުރިން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"ބޭރު ފެށުމުން މާބޮޑެތި މައްސަލަތަކެއް ނުފެނި ފުއްޕާމޭގައި ބައެއް ފަހަރު ބޮޑެތި މައްސަލަތައް ހުންނަ ބޭފުޅުންވެސް އެބަ ދިމާވޭ މި ބަލީގައި. އެހެންވީމަ ޑޮކްޓަރަކު ލަފާ ދެއްވައިފިނަމަ ސިއްހީ ހިދުމަތްދޭ ތަނަށް ގޮސް އަވަހަށް ޓެސްޓް ހެދުން އެއީ ވަރަށް މުހިންމު ކަމެއް،" ޑރ. މުރާދު ވިދާޅުވިއެވެ.