ވިޔަފާރި

އިފުރު އެއާޕޯޓާއި ރިސޯޓް ވިއްކާލަނީ

May 3, 2020
2

އިފުރު ޑޮމެސްޓިކް އެއާޕޯޓާއެކު އެ ރަށުގައި ތަރައްގީ ކޮށްފައިވާ އިފުރު ރިސޯޓު ވިއްކާލަން އިިއުލާނުކޮށްފި އެވެ.

ދަ ސްމޯލް މޯލްޑިވްސް އައިލެންޑް ކޮމްޕެނީ (ޓީއެސްއެމްއައިސީ) އިން އިންވެސްޓް ކޮށްގެން ތަރައްގީ ކޮށްފައިވާ އިފުރު ރިސޯޓަކީ ފަސް ތަރީގެ ރިސޯޓެކެވެ. ގާތްގަނޑަކަށް 56.52 ހެކްޓަރުގެ ސަރަހައްދެއްގައި ތަރައްގީ ކޮށްފައިވާ މި ރަށުގައި، ޖުމްލަ 150 ބީޗްވިލާ ހުރެ އެވެ. މި ރިސޯޓަކީ 300 އެނދުގެ ރިސޯޓެކެވެ.

އެ ކުންފުނިން ވަނީ ރ. އިފުރު އެއާޕޯޓާއި ރިސޯޓުގެ އިތުރުން މި ބ. ފުނަދޫ ކިޔާ ރަށެއް 50 އަހަރުގެ މުއްދަތަށް ދޫކޮށްލަން ނިންމާފައިވާ ކަމަށް ވެސް ބުނެފަ އެވެ.

އިފުރު އެއާޕޯޓް ތަރައްގީ ކޮށްފައިވަނީ ކޯސްޓްލައިން ކުންފުނިންނެވެ. މި އެއާޕޯޓް މެނޭޖުކޮށް ބަލަހައްޓަނީ އައިލެންޑް އޭވިއޭޝަން ކުންފުނިންނެވެ.

ރާއްޖޭގައި ތަރައްގީކޮށްފައިވާ ޓޫރިޒަމްއާ ގުޅުންހުރި ޕްރޮޕަޓީތައް ފައިދާ ޖެއްސުމަށްފަހު އާއްމުކޮށް 10 އަހަރު ތެރޭގައި ވިއްކާލަ އެވެ. މިގޮތުން މިހާތަނަށް އެންމެ ބޮޑު އަގެއްގައި ރިސޯޓެއް ވިއްކާލާފައިވަނީ ނ. އަތޮޅުގައި ހިންގާ ރަންދެލި ރިސޯޓެވެ. މީގެ އިތުރުން މި ފަދަ އެންމެ ބޮޑު މުއާމަލާތަކީ ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އެމެރިކާގެ ބައިން ކެޕިޓަލް އިން ގަތުމެވެ. އެ ކުންފުނިން ހިއްސާ ގަނެފައިވަނީ 550 މިލިއަން ޑޮލަރު (8.4 ބިލިއަން ރުފިޔާ) އަށެވެ.