ދިރާގު

ދިރާގުން 15 ސާމްޕްލިން ކިއޯސްކު ހަދިޔާކޮށްފި

ކޮވިޑް-19 އަށް ޓެސްޓް ކުރަން ސާމްޕަލް ނެގުމަށް ސާމްޕްލިން ކިއޯސްކްތަކެއް މިނިސްޓްރީ އޮފް ހެލްތަށް ހަދިޔާ ކުރަން ދިރާގުން ނިންމައިފި އެވެ.

ދިރާގުން ބުނީ ފުރަތަމަ ކިއޯސްކް މިނިސްޓްރީ އޮފް ހެލްތާ މިރޭ ހަވާލުކޮށްފައިވާ ކަމަށެވެ. މި ކިއޯސްކްތަކަކީ ކުރީ ސަފުގައި މަސައްކަތްކުރަމުންދާ ސިއްހީ މާހިރުންނަށް ކޮވިޑް19 އަށް ބަލި މީހުން ޓެސްޓު ކުރުމަށް ބޭނުން ކުރެވޭނެ ރައްކާތެރި ވަސީލަތެކެވެ.

މިނިސްޓްރީ އޮފް ހެލްތްގެ ބޭނުންތަކަށް 15 ސާމްޕްލިން ކިއޯސްކް ދިރާގުން ހަދިޔާ ކުރަން ނިންމާފައިވާއިރު، މި ކިއޯސްކްތައް މިނިސްޓްރީ އޮފް ހެލްތުން ވަނީ ގްރޭޓާ މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބެހެޓުމަށް ހަމަޖައްސާފައިއެވެ.

މި ސާމްޕްލިން ކިއޯސްކްތައް ކުރީސަފުގައި މަސައްކަތް ކުރާ ސިއްހީ މާހިރުންގެ ރައްކާތެރިކަމަށް ވަރަށް ބޮޑު އެހީއަކަށް ވެެގެންދާނެއެވެ. ސަބަބަކީ މި ކިއޯސްކްތަކުގެ އެތެރޭގައި ހުރެގެން ބަލި މީހުން ނުވަތަ ބައްޔަށް ޝައްކުރެވޭ މީހުންގެ ސާންޕަލް ނެގުމުން އެފަދަ ފަރާތްތަކާ ޑައިރެކްޓް ކޮންޓެކްޓް އެއްގޮތަކަށްވެސް ނުވާނެތީއެވެ. މީގެ އިތުރުން، މި ކިއޯސްކްތައް ބޭނުން ކުރުމުން ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް ނުވަތަ ޕީޕީއީ ބޭނުން ކުރަންޖެހޭ މިންވަރު މަދުވެގެން ދާނެއެވެ. މުޅި ދުނިޔޭގައިވެސް ޕީޕީއީ ލިބުމުގައި ދަތިތަކެއް އުޅޭ މި ފަދަ ދަނޑިވަޅެއްގައި، މި ކިއޯސްކްތަށް މެދުވެރިކޮށް، ރައްކާތެރިކަމާއެކު ގިނަ ބައެއްގެ ސާމްޕަލް ނެގުމަށް މަގުފަހިވެގެން ދާނެއެވެ.

ދިރާގުން ބުނީ މި ސާމްޕްލިން ކިއޯސްކް ތަކުގެ ސަބަބުން ކޮވިޑް19 އަށް ރައްކާތެރިކަމާއެކު ޓެސްޓް ކުރުން އިތުރު ވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އެ ކުންފުނިން ދަނީ ކޮވިޑް-19 އާ ގުޅިގެން ގައުމުގެ ހާލަތަށް ބަލާ ކަސްޓަމަރުންނަށާއި މުޖުތަމައަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދެވޭނެ ގޮތްތައް ބަލަމުންނެވެ.