ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"އަންނަ ދެހަފުތާގައި ކޮވިޑްގެ ހާލަތު މައްޗަށް ދާނެ"

ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި، މާލޭގައި ކޮވިޑް-19 އިގެ ހާލަތު، މިހާރަށް ވުރެ މައްޗަށް ދިޔުން އެކަށީގެންވާ ކަމަށް ސިއްހީ ތަޖުރިބާކާރުން އަންދާޒާ ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ގައުމާ މުހާތަބު ކުރައްވާ މިއަދު ހަވީރު ރައީސް ވިދާޅުވީ ކުރިއަށް އޮތީ ފަސޭހަ ދެ ހަފުތާ ނޫން ކަމަށެވެ.

"އެހެންވީމާ، ކުރިއަށް މިއޮތް ދެ ހަފުތާއަކީ، އަޅުގަނޑުމެން ވަރަށް ފަރުވާތެރިކަމާއި ވިސްނުންތެރިކަމާ އެކު މަސައްކަތް ކުރަންޖެހޭ ދެ ހަފުތާ. އެ ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތްތަކުން، މި ބަލިން އަވަހަށް އަރައިގަތުމުގެ އުންމީދު ވަރަށް ބޮޑު." ރައީސް ވިދާޅުވިއެވެ.

މި ބައްޔަށް އިތުރު މީހުން މިވަގުތު ޕޮޒިޓިވް ވިޔަސް، މި ބަލި ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތް ކޮންޓްރޯލުން ނެއްޓިގެން ނުދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ސިއްހީ ޚިދުމަތްތެރިންގެ އުންމީދެއް ވެސް ނުގެއްލޭ ކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މާލޭގައި މިބަލި ކޮންޓްރޯލްކުރަން މަސައްކަތް ކުރާއިރު، އެހެން ރަށްރަށަށް މި ބަލި ފެތުރުނަ ނުދިނުމަށްވެސް، ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ.

އެއް ރަށުން އަނެއް ރަށަށް މީހުން ދަތުރުކުރުން މެދުކަނޑައިލަން ޖެހުނީ އެ ސަބަބަށްޓަކައި ކަމަށާ ރަށްރަށުން މާލެ އަށް، އަދި މާލެއިން އެހެން ރަށްރަށަށް، މީހުން ދަތުރުކުރުން ހުއްޓައިލީ ރައްކާތެރި ކަމަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ފިޔަވަޅުތަކުގެ ސަބަބުން ކިތަންމެ ގިނަ ދަތިތަކެއް ކުރިމަތި ވިޔަސް، މިފިޔަވަޅުތައް އަޅައިގެން ނޫނީ، މި ބަލި ކޮންޓްރޯލް ކުރެވެން ނެތްކަން، އެންމެންވެސް ގަބޫލުކުރާނެ."

ރައީސް ވިދާޅުވީ ކޮވިޑާ ދެކޮޅަށް ގައުމުތަކުން މިހާތަނަށް ކޮށްފައިވާ ތަޖުރިބާތަކަށް ބަލާއިރު، މި ބަލިން އަރައިގަތުމަށް، ދެ މަހަށް ވުރެ ގިނަ ދުވަސް ނަގާނެ ކަމަށެވެ.

ރާއްޖޭގައި ރާއްޖޭގައި މިހާރު ކޮވިޑް-19 ފެތުރެމުންދާ ގޮތަށް ބަލާއިރު، މި ބަލި އެންމެ ބޮޑަށް ފެތުރިފައިވަނީ، އެއް ތަނެއްގައި ތޮއްޖެހިގެން ދިރިއުޅެމުން އައި ބިދޭސީންގެ މެދުގައި ކަމަށާ މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގައި، ކުރިމަތިވާ އެންމެ ބޮޑު ދައްޗަކީ ވެސް އެއީ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެ އެކަމުގެ ތަފްސީލްވެސް ރައީސް ވަނީ ދެއްވާފައެވެ.

އަދި ވިދާޅުވީ މި މަސައްކަތުގައި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ކިތަންމެ ބޮޑު ގުރުބާނީއެއް ވެގެންވިޔަސް، ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުން ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 541 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 185 ދިވެހިންނާއި 356 ބިދޭސީންނެވެ.