ބާސެލޯނާ

ބާސާގައި ނޭމާއަށް ކޯޗްކޮށްދޭން ޒަވީ އުންމީދު ކުރޭ

އެފްސީ ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް 2017 ވަނަ އަހަރު ބަދަލުވި ބްރެޒިލްގެ ފޯވަޑް ނޭމާ އެނބުރި ބާސެލޯނާއަށް އަންނާނެ ކަމަށް އުންމީދު ކުރާ ކަމަށް، ބާސެލޯނާގެ ކުރީގެ ކެޕްޓަން ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ބާސާގެ ކުރީގެ ފޯވަޑް، ސެމިއުލް އެޓޫ އާއެކު ކުރިއަށް ގެންދިޔަ އިންސްޓަގްރާމް ވީޑިއޯ ޗެޓް ލައިވްއެއްގައި ވާހަކަ ދައްކަމުން ޒަވީ ވަނީ، ނޭމާ އަލުން ބާސެލޯނާއިން ފެންނަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އޭގެ އިތުރުން ކުރިމަގުގައި ބާސެލޯނާގެ ކޯޗަށް ވާން ބޭނުންވާ ކަމަށް ވެސް ޒަވީ ބުންޏެވެ.

"ފުޓްބޯޅައިގެ ނަޒަރުން ބަލަންޏާ ދުނިޔޭގެ އެންމެ މޮޅު ތިނެއް ނުވަތަ ފަސް ކުޅުންތެރިންގެ ތެރޭގައި އޭނާ [ނޭމާ] ހިމެނޭނެ،" ބާސެލޯނާގައި އެއް އަހަރު ނޭމާ އާއެކު ކުޅުނު ޒަވީ ބުންޏެވެ. "އަހަރެން އުންމީދު ކުރަން އޭނާ ބާސެލޯނާއިން ފެނުން، އޭނާ އަކީ ތަފާތު ގެނައި ކުޅުންތެރިޔެއް."

ގަތަރުގެ އަލް ސައާދުގެ މިހާރުގެ ކޯޗް، ޒަވީ ބުނީ މިދިޔަ ޖަނަވަރީ މަހު ބާސާގެ ކޯޗްކަން އޭނާއަށް ހުށަހެޅި ކަމަށާއި އެހެން ނަަމަވެސް އެވަގުތަކީ ޓީމަކާ ހަވާލުވާން އެންމެ އުނދަގޫ ވަގުތު ކަމަށެވެ. އޭނާ ބުނީ ބާސާއިން ހުށަހެޅީ ވެސް އަގު ބޮޑު ހުށަހެޅުމެއް ކަމަށެވެ.

"ޖަނަވަރީގައި އަހަންނަށް ހުށަހެޅީ އެހެން ނަމަވެސް އެ ވަގުތަކީ އެންމެ ރަނގަޅު ވަގުތެއް ނޫން،" ޒަވީ ބުންޏެވެ. "އަހަރެންގެ އުންމީދެއް ބާސާގެ ކޯޗަކަށް ވުމަކީ، އެކަމަކު އޭގެ ކުރިން އިތުރު ތަޖުރިބާ ހޯދަން އަހަރެން ބޭނުން."

ޒަވީ ވަނީ އަލް ސައާދަށް 2015 އިން 2019 އަށް ކުޅެފަ އެވެ. އެ ޓީމުގެ ކޯވުކަމާ މިދިޔަ އަހަރު ހަވާލުވެ ގަތަރުގެ ސުޕަ ކަޕްގެ ޗެމްޕިއަންކަން އެ ޓީމަށް ހޯދައިދިނެވެ. އަދި މި އަހަރު ގަތަރުގެ ކަޕް ޗެމްޕިއަންކަންވެސް އެ ޓީމަށް ހޯދައިދިނެވެ.