ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޗައިނާ ކުންފުނިން އަޅައިދޭ ލޭބާ ކުއާޓާގެ މަސައްކަތް ބާރަށް ކުރިއަށް

May 5, 2020
5

ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ)އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅަމުންދާ ލޭބާ ކުއާޓާގެ މަސައްކަތް ބާރުސްޕީޑްގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސީއެސްސީއީސީއަކީ ދުނިޔޭގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުންޏެވެ. އެ ކުންފުނިން ހުޅުމާލޭގައި ލޭބާ ކުއާޓާއެއް އެޅުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.

އެ މަސައްކަތް ފެށީ ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންނެވެ. އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ބިދޭސީންގެ މެދުގައި ގަދައަށް ފެތުރިދާނެ ކަމުގެ ބިރު އޮތުމުންނާއި އެމީހުން އުޅުމުންދާ ހާލަތަށް ބަދަލެއް ގެނައުމުގެ ބޭނުމުގަ އެވެ.

މާލޭގައި ތޮއްޖެހިގެން އުޅޭ ބިދޭސީން ބަދަލުކުރުމަށް ހަދާ މި ލޭބާ ކުއާޓާ އަޅާ ބިމަކީ 4،987.5 އަކަމީޓަރުގެ ބިމެކެވެ. އިމާރާތް ކުރާ ސަރަހައްދުގައި 2443 އަކަމީޓަރު ހުރެ އެވެ. އެ ބިމަކީ އެޗްޑީސީއިން ހަމަޖައްސާފައިވާ ބިމެކެވެ.

ޗައިނާ ކުންފުނިން އެ ބިމުގައި އަޅާ ކުއާޓާގައި ބިދޭސީންނަށް އުޅޭ ގޮތަށް ދެ ބުރީގެ ހަތަރު އިމާރާތް އަޅަ އެވެ. އަދި މެސް ހޯލްއަކާއެކު ބަދިގެއަކާއި ދެ ޓޮއިލެޓް އިމާރާތް ވެސް ހަދަ އެވެ. މި މަސައްކަތް ނިމޭއިރު އެ ތަނުގައި 800 މީހުންނަށް ތިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ އެވެ.

ސީއެސްސީއީސީއިން މިއަދު އަވަސްއަށް މައުލޫމާތު ދިން ގޮތުގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ 200 މަސައްކަތްތެރިން ބޭނުންކޮށްގެންނެވެ. މި މަޝްރޫއުއަށް އެޗްޑީސީއިން ބިމާއެކު ބައެއް ސަމާނު ފޯރުކޮށްދިނެވެ. ނަމަވެސް މި މަޝްރޫއުގެ މުޅި މަސައްކަތާއި ލޭބަރުންނާއި މެކޭނިކަލް އިކްއިޕްމެންޓްތަކާއި އެހެން ސަމާނު ފޯރުކޮށްދިނުމުގެ ޒިންމާ އޮތީ ސީއެސްސީއީސީއަށެވެ.

ސީއެސްސީއީސީއިން ބުނީ މިއަދުގެ ނިޔަލަށް ދެ ބުރީގެ އެއް އިމާރާތުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އަނެއް ތިން އިމާރާތުގެ މަސައްކަތުގެ 70 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި، ޓޮއިލެޓް ބިލްޑިން އާއި ބަދިގެ އިމާރާތުގެ މަސައްކަތް ވެސް މިހާރު ފެށިފައިވާ ކަމަށާއި ވަރަށް އެ ތަންތަން ވެސް ނިންމޭނެ ކަމަށެވެ.

މާލޭގައި ތޮއްޖެހިގެން އުޅޭ ބިދޭސީންގެ މެދުގައި ކޮވިޑް-19 ބަލި ވަރަށް ބޮޑަށް ފެތުރިފައިވާއިރު، އެ ބިދޭސީން މާލެއިން ބޭރު ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން މިހާރު ވެސް ގުޅީފަޅުގައި ލޭބާ ކުއާޓާއެއް ސަރުކާރުން ވަނީ ހަދާފަ އެވެ. ހުޅުމާލޭގައި ވެސް ބައެއް ތަންތަން ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.