ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހުޅުމާލެ

ހުޅުމާލޭގައި ހަފްލާތަކާ ހަރަކާތްތައް މަނާކޮށްފި

ހުޅުމާލޭގައި ހަފްލާތަކާ ހަރަކާތްތައް ބޭއްވުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.

ހުޅުމާލޭގެ ބެލެނިވެރިކަން އޮތް އެޗްޑީސީން މިއަދު ބުނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ މީހުން އެއްވާ ހަފްލާތަކާއި ހަރަކާތްތައް ބޭއްވުމަށް އެ ކުންފުނިން ދޫކުރަމުން ގެންދާ ހުއްދަތައް ވަގުތީ ގޮތުން މެދުކަނޑާލެވިފައިވާ ކަމަށެވެ.

މި ފިޔަވަޅު އެޅިއިރު ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވެދާނެ ކަމުގެ އިންޒާރު ސިއްހީ އޮފިޝަލުން ވަނީ ދީފައެވެ. އެކަމާ ގުޅިގެން ފިޔަވަޅުތައް ހަރުކަށި ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މާލޭގައި ބާއްވަމުން އައި ނައިޓް މާކެޓްވެސް ވަނީ ހުއްޓާލަން އަންގާފައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ދަނީ ގޯސްވަމުންނެވެ. ކޮވިޑް ނަންބަރު 200 އިން މަތީގައި ހުންނަތާ ހަތަރު ދުވަސް ވަނީ ވެފައެވެ.
އިއްޔެގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 102 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއީ މި ފަހުން މާލެ ސަރަހައްދުން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ ދުވަހެވެ. ޕޮޒިޓިވް މީހުންގެ ތެރެއިން 48 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ.

ރިސޯޓްތަކުން 74 މީހަކު ޕޮޒިޓިވްވެފައި ވެއެެވެ. ޓެސްޓްކޮށްފައިވަނީ 4،130 ސާމްޕަލް އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2،734 މީހުންނެވެ. މިހާތަނަށް 93،736 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 13 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.