ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ގައިދީއަކު ޕޮޒިޓިވްވެ، ހުޅުމާލެ ޖަލު ލޮކްޑައުން ކޮށްފި

ހުޅުމާލެ ޖަލުގައި ހުރި ގައިދީއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ދެންމެ ބުނީ ހުޅުމާލެ ޖަލުން މިއަދު 56 އަހަރުގެ ގައިދީއެއް ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ކޭސްއާ ގުޅިގެން އެ ގައިދިީ މިވަގުތު ވަނީ ކަރަންޓީން ފެސިލިޓީއަށް ބަދަލު ކޮށްފައި ކަމަށެވެ. އަދި ހުޅުމާލެ ޖަލު ވަގުތީ ގޮތުން ލޮކްޑައުންކުރެވި، ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހުޅުމާލެ ޖަލުގައި ހުރި ގައިދީއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު މިދިޔަ 24 ގަޑިއިރަކީ މިފަހުން ރާއްޖެއިން އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވީ 24 ގަޑިއިރެވެ. މިއަދު 215 މީހަކު ޕޮޒިޓިވްވިއެވެ. މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 159 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އަނެއް 56 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،807 މީހުންނެވެ. މިހާތަނަށް 14،190 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 184 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. މިއީ މި ފަހުން އެންމެ ގިނަ މީހުން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާ ފަހަރެވެ. އޭގެ ތެރެއިން 11 މީހަކު އޮތީ ރާއްޖޭގެ މައި ހޮސްޕިޓަލް ދަރުމަވަންތާގައެވެ. ދަރުމަވަންތަ 11 ވަނަ ފަންގިފިލާގައި ކޮވިޑްގެ އެންމެ ހާލުބޮޑު ބަލި މީހުންނަށް ފަރުވާ ދިނުމަށް ހަދާފައިވާ އައިސީޔޫގައި ހަ މީހަކު ވެއެވެ. އޭގެ ތެރެއިން ދެ މީހަކު އޮތީ ވެންޓިލޭޓަރަށްލާފައެވެ.

އެ ހޮސްޕިޓަލްގެ 16 ވަނަ ފަންގިފިލާއަކީ މާބަނޑު މީހުންނަށް ހާއްސަ ތަނެކެވެ. އެ ތަނުގައި ކޮވިޑް ބަލީގެ ފަސް މީހަކަށް އެޑްމިޓްކޮށްގެން ދަނީ ފަަރުވާ ދެމުންނެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދަނީ 168 މީހަކަށެވެ. އެ އެންމެންވެސް ތިބީ ވޯޑްގައެވެ. މީގެ އިތުރުން ގއ. ވިލިގިލީ ކޮވިޑް ފެސިލިޓީގައި އެކަކަށް އަދި ލ. ގަން ކޮވިޑް ފެސިލިޓީގައި ދެ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ފުވައްމުލަކު ފެސިލިޓީގައިވެސް ދެ މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދެއެވެ.