ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

ވައިރަސް ކޮންޓްރޯލްކޮށް ކޮރެއާއިން ސީޒަން ފަށަނީ

ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމަށް ފަހު، ދެކުނު ކޮރެއާއިން އެ ގައުމުގެ ފުޓްބޯޅަ ސީޒަން ހުކުރު ދުވަހު ފަށަން ތައްޔާރު ވެއްޖެ އެވެ.

ދެކުނު ކޮރެއާގެ ފުޓްބޯޅަ ލީގް "ކޭ ލީގްގެ" 34 އަހަރުވީ ތާރީހްގައި އެ ގައުމުގެ ފުޓްބޯޅަ ސީޒަނަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބޭނެ ދުވަހަކަށް ހުކުރު ދުވަސް ވާނެ އެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ދެކުނު ކޮރެއާ ވެފައި ވަނީ މުޅި ދުނިޔެއަށް ނަމޫނާ ގައުމެއްގެ ގޮތުގަ އެވެ.

ކޮރެއާގެ އާ ފުޓްބޯޅަ ސީޒަންގެ ލީގް ފަށަން ކުރިން ހަމަޖެހިފައި އޮތީ، ފެބްރުއަރީ މަހުގަ އެވެ. ޗައިނާގައި ވައިރަސް ފެތުރޭން ފެށުމުން އެންމެ ފުރަތަމަ ފިޔަވަޅު އެޅި ގައުމުތަކުގެ ތެރޭގައި ކޮރެއާ ހިމެނެ އެވެ. ޓައިވާން އާއި ތުރުކްމިނިސްތާންގެ ލީގް ވަނީ ފަށާފަ އެވެ.

އެހެން ނަމަވެސް، ކޮރެއާގެ ލީގަށް ސަމާލުކަން ހުއްޓޭ ސަބަބަކީ، ކޮރެއާ ލީގުން އުފައްދާ ކުޅުންތެރިންގެ އަދަދު ގިނަ ކަމުންނެވެ. ދުނިޔޭގެ ފެންވަރުގެ ގިނަ ކުޅުންތެރިންނެއް ކޮރެއާގެ ލީގުން އުފައްދަ އެވެ.

"ފުޓްބޯޅަ މެޗެއް ވަގުތުން ބަލާލުމަކީ މިދަނޑިވަޅުގައި ނެތް ކަމެއް،" ކޭ ލީގްގެ ރައީސް ކޮއުން އޯގަޕް ވިދާޅުވި އެވެ. "މިއީ މުޅި ވަރަށް ރަނގަޅު ފުރުސަތެއް މުޅި ދުނިޔެއަށް އޭޝިއާގެ އެއް ވަނަ ލީގްގެ ފެންވަރު އެނގުން، އަހަރެމެން އުންމީދު ކުރަން ސަޕޯޓަރުންނަށް ވައިރަހުގެ ހަނދާންތަކާ ދުރައް ދެވޭނެ ކަމަށް."

ކޮރެއާ ލީގް ފެށުމުގެ ތައްޔާރީތަކަށް އެ ގައުމުގެ ސަރުކާރުން ވެސް ވަނީ އިސްކަމެއް ދީފަ އެވެ. ކޮއުން ވިދާޅުވީ މިދިޔަ ދެ ހަފުތާގައި ވައިރަސް ޖެހުނު މީހުންގެ ޖުމުލަ އަދަދު 30 ދަށްވި ހިސާބުން ލީގް ފެށުމުގެ ހުއްދަ ކޮރެއާގެ މެޑިކަލް އެކްސްޕާޓުން ދިން ކަމަށެވެ.

ކޮރެއާގައި 10806 މީހުންނަށް ކޮވިޑް ޖެހުނެވެ. އޭގެ ތެރެއިން 255 މީހުން ވަނީ މަރުވެފަ އެވެ. މިދިޔަ ހޯމަ ދުވަހު އެ ގައުމުގެ އެއްވެސް މީހަކަށް ވައިރަސް ޖެހިފައެއް ނުވެ އެވެ.