ލިވަޕޫލްގައި އޮތް ޓްރިއޯ ފޯވަޑްލައިނަކީ، މުޅި ޔޫރަޕްގައި ވެސް މިވަގުތު އެންމެ މަޝްހޫރު ފޯވަޑްލައިނެވެ. ސެޑިއޯ މާނޭ، މުހައްމަދު ސަލާހް އަދި ރޯބާޓޯ ފިރުމީނޯގެ ކޮމްބިނޭޝަން ފޯވަޑްލައިނުން ވަނީ މި ސީޒަންގައި 49 ލަނޑު ޖަހާފަ އެވެ. ޕްރިމިއާ ލީގްގެ ތާވަލުގެ އެއްވަނައިގައި ލިވަޕޫލް އޮތީ 25 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު އެވެ.
އިނގިރޭސި މޮޑެން ފުޓްބޯޅައިގައި ލިވަޕޫލަށް، އެ ގައުމުގެ އެންމެ ބޮޑު ލީގް މިހާތަނަށް އޮތީ ކާމިޔާބު ނުކުރެވި އެވެ. އެ ޓީމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެ ކާމިޔާބީއަށް ދަތުރު ކުރުން ކުޑަތަން ވެގެން އަންނަނީ، ޓީމުގެ ކުރީގައި ތިބި ތިން ފޯވަޑުންގެ ބޮޑު ހިއްސާއާއެކު އެވެ.
މިދިޔަ ސީޒަންގެ ޔޫއެފާ ޗެމްޕިއަންސް ލީގްގެ ކާމިޔާބާއި މި ސީޒަންގެ ޔޫއެފާ ސުޕަ ކަޕް އަދި ކުލަބު ވޯލްޑް ކަޕްގެ ކާމިޔާބަކީ، އިނގިރޭސި އެއްވެސް ކުލަބަކަށް އޭގެ ކުރިން ހޯދިފައިވާ ކާމިޔާބެއް ނޫނެވެ. އިނގިރޭސި ފުޓްބޯޅައިގައި މިވަގުތު އޮތް އެންމެ ވަރުގަދަ ފޯވަޑްލައިން ލިވަޕޫލްގައި ބިނާ ކުރުމުގެ ވިސްނުމަކީ، ޓީމުގެ ކޯޗް ޖަރުމަންގެ ޔާގަން ކްލޮޕްގެ ސިކުނޑިން ރޭވި ޕްލޭނެކެވެ.
އަލްޖަޒީރާގެ ސްޕޯޓްސް ނެޓްވޯކް "ބީއިން ސްޕޯޓްސް" އަށް ދިން އިންޓަވިއުގައި ކްލޮޕް ވަނީ، ވަރުގަދަ ތިން ފޯވަޑްލައިން ބިނާ ކުރުމަށް އޭނާ ގެންގުޅުނު ވިސްނުން ކިޔައިދީފަ އެވެ.
ފިރުމީނޯ
ބުރޫޝިއާ ޑޯޓަމުންޑަށް ކްލޮޕް ކޯޗް ކޮށްދިން އިރު، އޭނާ ވަނީ ޑޯޓަމުންޑަށް ފިރުމީނޯ ގެންދިއުމަށް މަސައްކަތް ކޮށްފަ އެވެ. ހޮފެންހަމްގެ އޭރުގެ ފޯވަޑް ޑޯޓަމުންޑަށް ގެންދިއުމުގައި ކްލޮޕަށް ކާމިޔާބު ނުވީ، ފިރުމީނޯ ގެންދަން ބޭނުންވާ ވަރަށް ޑޯޓަމުންޑްގެ ޓްރާންސްފާ ބަޖެޓްގައި ފައިސާ ނެތުމުންނެވެ.
ލިވަޕޫލްގެ ކޯޗް ކަމާ 2015 ވަނަ އަހަރު ހަވާލުވެ، ކްލޮޕް އިސްވެ އެ ޓީމަށް އެންމެ ފުރަތަމަ ގެނައި ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ފިރުމީނޯ އެވެ. ކްލޮޕް ބުނީ، ފިރުމީނޯގެ އަގަކީ އިނގިރޭސި ޓްރާންސްފާގެ ރޭޓަށް ބަލާއިރު ބޮޑު އަގެއް ނޫން ކަމަށެވެ.
"އަހަރެން މި ކުލަބަށް އައިސް ބެލިން އޭނާ ގެނައުމަށް، އަހަރެން ހުރީ އޭނާއާއެކު މަސައްކަތް ކުރަން ބޭނުން ވެފައި،" ފިރުމީނޯ އާ ބެހޭގޮތުން ކްލޮޕް ބުންޏެވެ. "އެންމެ ފަހުން އޭނާވީ ފާހަގަ ކުރެވޭ މޮޅު ކުޅުންތެރިޔަކަށް، މޮޅު ކުޅުންތެރިޔެއްގެ ކިބައިގައި ހުންނަން ޖެހޭ ހުރިހާ މޮޅު ހުނަރެއް އޭނާގެ ކިބައިގައި އެބަހުރި."
ކްލޮޕް ބުނީ، ފިރުމީނޯއަކީ އެހެން ކުޅުންތެރިންނަށް ވުރެ އަވަހަށް ދަނޑިމަތީގައި ކަންކަން ދެނެގަންނަ ކުޅުންތެރިއެއް ކަމަށާއި އޭގެ ސަބަބުން އޭނާ އާއެކު ކުޅޭ ކުޅުންތެރިންނަށް ވެސް ފައިދާ ކުރާ ކަމަށެވެ.
މާނޭ
އެފްރިކާ ބައްރުގައި މިވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިޔަކީ މާނޭ އެވެ. އޭނާ ވަނީ އެފްރިކާގެ މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފަ އެވެ. މި ސީޒަންގައި އޭނާ ޖެހި 18 ލަނޑުގެ ތެރެއިން ގިނަ ލަނޑުތަކަކީ ލިވަޕޫލަށް މެޗު ވިނިން ލަނޑުތަކެވެ. އޭގެ ތެރެއިން ވެސް ހާއްސަކޮށް އެސްޓަން ވިލާއާ މެންޗެސްޓާ ސިޓީ ކޮޅަށް ވައްދާލި ލަނޑުތައް ފާހަގަ ކުރަން ޖެހެ އެވެ.
ކްލޮޕް ބުނީ، އިނގިރޭސި ފުޓްބޯޅައިގެ ވާދަވެރިކަން ބޮޑު ކަމުން މާގިނަ އޮޕްޝަންތަކެއް ލީގްގައި ނޯންނަ ކަމަށެވެ. އެހެން ޓީމުތަކުގައި ވެސް މޮޅު ކުޅުންތެރިން އެބަ ތިބި ކަމަށާއި ސީޒަންގެ މޮޅު ކުޅުންތެރިޔާއަށް ސެޑިއޯ މާނޭ ނޫން ކުޅުންތެރިޔަކު މި ސީޒަންގައި އޭނާއަށް ނުފެންނަ ކަމަށެވެ.
ސަލާހް
އިޓަލީގެ އޭއެސް ރޯމާއަށް ކުޅެމުން ދިޔަ، ސަލާހް ލިވަޕޫލަށް ގެނައިއިރު އޭނާއަކީ ލިވަޕޫލްގެ ސަޕޯޓަރުން ބޭނުންވާ ފެންވަރުގެ ކުޅުންތެރިޔަކަށް ވެދާނެ ކަމަށް ސަޕޯޓަރުން ހީކޮށްފަ އެއް ނެތެވެ. އެހެން ނަމަވެސް އޭނާގެ ފުރަތަމަ ސީޒަންގައި ވެސް އޭނާ ވަނީ ލިވަޕޫލްގެ ސަޕޯޓަރުންގެ ހިތް ފަތަހަ ކޮށްފަ އެވެ.
ލިވަޕޫލްގެ ކޯޗް ކަމާ، ކްލޮޕް ހަވާލުވުމުގެ ކުރިން ވެސް އޭނާ ދިޔައީ ސަލާހް އާ ރަނގަޅު ގުޅުމެއް ބާއްވަމުންނެވެ. ސްވިޒަލޭންޑްގެ އެފްސީ ބަޒެލްއަށް ސަލާހް ކުޅެމުން ދިޔައިރު ވެސް ކްލޮޕް ދިޔައީ ސަލާހް ފެންވަރު ގާތުން ބަލުމުންނެވެ. އޭނާ ބުނީ، ލިވަޕޫލަށް ހަލުވި ވިންގް ފޯވަޑެއް ބޭނުން ވެފައިވާކަން އޭނާ ފާހަގަ ކުރިކަމަށާއި އެ މަގާމަށް ސަލާހް ގެނައީ އޭނާއާ މެދު އޭރުވެސް އުންމީދު އޮތުމުން ކަމަށެވެ.
"މޯ ސަލާހް އަހަރެމެންނާ ގުޅުމުގެ އެއް އަހަރު ކުރިން މާނޭ ކުޅެމުން ދަނީ ކަނާތު ވިންގަށް، ވާތު ވިންގަށް ކުޅެމުން ދަނީ ފިލިޕޭ ކުޓީނިއޯ ނުވަތަ އެހެން ކުޅުންތެރިޔެއް،" ކްލޮޕް ވާހަކަ ދެއްކި އެވެ.
"އެހެންނަމަވެސް އަހަރެމެންނަށް އެނގޭ އަހަރެމެންނަށް އިތުރު އޮޕްޝަންތައް ބޭނުންވާކަން، އަދި އަހަރެމެން ބޭނުންވި ސްޕީޑީ ކުޅުންތެރިޔެއް، މޯ ސަލާހް އަކީ އެފެންވަރުގެ ކުޅުންތެރިޔެއްކަން އަހަރެމެންނަށް އެނގޭ، ހުރިހާ ކުޅުންތެރިންގެ ނުހުރޭ ސްޕީޑާއެކު ޓެކްނިކަލް ހުނަރެއް ގޯލް ޖެހުމުގެ ހުނަރެއް، އެހުރިހާ ކަމެއް ހުރި ކުޅުންތެރިޔަކަށް މޯ ސަލާހް ވީމަ އޭނަ އޭހާ ހާއްސަ ކުޅުންތެރިޔަކަށް ވީ."