ކުޅިވަރު

އަފްލާހް ދެވަނަ ފަހަރަށް އައިސީސީ މަގާމަށް

ރާއްޖޭގެ ކްރިކެޓް ބޯޑްގެ ރައީސް މުހައްމަދު އަފްލާހް، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލްގެ އޭޝިއާގެ ރީޖަނަލް ރެޕްރެޒެންޓޭޓިވްގެ މަގާމަށް ދެވަނަ ފަހަރަށް ހޮވި ވަޑައިގެންފި އެވެ.

އޭނާ ވަނީ 2018 ވަނަ އަހަރު ވެސް އެ މަގާމަށް ހޮވިވަޑައިގެންފި އެވެ. ކުރިއަށް އޮތް ދެ އަހަރަށް އަފްލާހް އެ މަގާމަށް އަލުން ހޮވި ވަޑައިގަތީ 21 ފަރާތަކާ ވާދަ ކުރެއްވުމަށް ފަހުގައި ކަމަށް ކުރިކެޓް ބޯޑުން ބުނެފައި ވެއެވެ.

އަފްލާހްގެ ދައުރަކަށް ވާނީ، އޭޝިއާގެ ނޮން ވޯޓިން މެންބަރު ގައުމުތަކުގެ ފަރާތުން އައިސީސީގައި ތަމްސީލު ކުރުމެވެ. ކްރިކެޓް ބޯޑުން ބުނީ، ރާއްޖެ މިހާރު ހިމެނޭ އޭޝިއާގެ ވެސްޓަން ޒޯންގެ ބަދަލުގައި އޭޝިއާގެ އީސްޓް ޒޯންގައި ވާދަ ކުރުމުގެ ފުރުސަތު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އީސްޓް ޒޯން އަކީ، ކްރިކެޓްގައި ރާއްޖެއަށް ކުރިއަށްދާން ފަސޭހަ ވާނެ ޒޯން އެއް ކަމަށް ކްރިކެޓް ބޯޑުން ބުނެ އެވެ. ކްރިކެޓް ބޯޑުގެ ރައީސް ކަމަށް 2016 ވަނަ އަހަރު ވަޑައިގެންނެވި ކުރީގެ ގައުމީ ޓީމުގެ ކުޅުންތެރިޔާގެ މަގާމުގެ ދައުރު މި އަހަރު ހަމަވާނެ އެވެ.

އަފްލާހްގެ ދައުރުގައި އޭނާ ވަނީ، ރާއްޖޭގެ ކްރިކެޓަށް އިންޓަނޭޝަނަލް އެކްސްޕޯޝާއެއް ހޯދުމަށް މަސައްކަތް ކޮށްފަ އެވެ. އެގޮތުން އައިސީސީ ލެވަލްގެ މެޗުތަކެއްގައި ވާދަ ކުރުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ހޯދީ އޭނާގެ ދައުރުގަ އެވެ.