ލައިފްސްޓައިލް

ގޭގައި ތިއްބަސް ފެންވަރާ ރީތިވުން މުހިއްމު

އަމިއްލައަށް ގޭގައި ކަރަންޓީނު ވެގެން ތިބެން މިހާރު ހުރިހާ އެންމެންނަށް ވެސް ވަނީ ޖެހިފަ އެވެ. މަގުމައްޗަށް ނުކުމެ ބާޒާރު ކޮށްލާ، އެކުވެރިންނާ ބައްދަލު ކޮށްލާ ހެދޭނެ ގޮތެއް ނެތެވެ. އާދަކޮށް ކޮންމެ ދުވަހަކުހެން ވަޒީފާތަކަށް ގޮސް ބުރަކޮށް އުޅުނު އެތައް ބަޔަކު ވެސް މިހާރު ތިބީ ގޭގަ އެވެ. އޮފީހަށް ދާން ވެސް ފެންވަރާ ތައްޔާރުވުމެއް ނެތެވެ. ކޮރޯނާވައިރަހުގެ ވަބާގެ ސަބަބުން އެންމެން ވެސް ބަލިން ރައްކާތެރިވުމުގެ ގޮތުން ގޭގޭގެ ދޮރުލައްޕައިގެން ތިބެން ވަނީ މަޖްބޫރު ވެފަ އެވެ.

ގޭގައި އަބަދު ތިބެން ޖެހޭތީ ދިރިއުޅުމަށް އާދަވެފައިވާ ގޮތް ވެސް ބައެއް މީހުން ވަނީ ބަދަލުކޮށްފަ އެވެ. ރޭގަނޑު ގިނަ ވަގުތު ހޭލާ އުޅެފައި ދުވާލުގެ ގިނަ ވަގުތު ނިދުން ފަދަ ކަންކަމެވެ. އަދި އޮފީހަށް ނުވަތަ ބޭރަށް ދާން ނުޖެހޭތީ އަދި ގެޔަށް މީހަކު ނާންނާނެކަން އެނގޭތީ ފެންވަރާ ރީތި ނުވެ ތިބޭ މީހުން ވެސް ވަރަށް ގިނަ އެވެ. ނަމަވެސް ބޭރަށް ނުދިޔަސް އަމިއްލަ ހަށިގަނޑުގެ ސާފުތާހިރު ކަމަށާއި ޒީނާތްތެރިކަމަށް ފަރުވާތެރިވުން ވަރަށް މުހިއްމެވެ.

ސަބަބަކީ ހަށިގަނޑުގެ ތާޒާ ކަމަކީ އެމީހާގެ ވިސްނުމަށް ވެސް ތާޒާކަން އަންނާނެ ކަމަށް ވާތީ އެވެ. ކޮންމެ ދުވަހަކު ވެސް ފެންވަރާ ރީތިވެ، ރީތި ހެދުން ލައިގެން ކޮންމެވެސް އެއް ގަޑިއެއްގައި އުޅެން ޖެހޭނެ އެވެ. އެއީ އެއްވެސް ތަނަކަށް ދާން ދެން ނަމަވެސް އަމިއްލަ ނަފްސަށް ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ.

ފަހަރެއްގައި ފެންވަރާ ގައިން ތާހިރު ވިޔަސް ލިޕްސްޓިކާއި މޭކަޕް އަދި ސެންޓު ފަދަ އެއްޗެތި ބޭނުން ކުރަން ބޭނުން ނުވެދާނެ އެވެ. އަދި އަތުގައި އޮންނަ ރީތި ހެދުންތައް ގޭތެރޭގައި ލައިގެން އުޅެން ވެސް ބޭނުން ނުވެދާނެ އެވެ. ނަމަވެސް ރީތިކޮށް އިސްތިރި ކޮށްފައިވާ ރީތި ހެދުމެއް ލައި، މޭކަޕް ނުކުރިޔަސް ކުޑަކޮށް ލިޕް ބާމްކޮޅަކާ އެއްޗެހި ހާކާލައި ތާޒާވެ ނަލަ ވެލައިގެން ކޮންމެވެސް ވަގުތުތަކެއް ހޭދަކުރުމަކީ އެމީހާގެ ސިކުނޑިއަށް ހަމަޖެހުން ގެންނަން ވަރަށް މުހިއްމު ކަމެކެވެ. ނޫންނަމަ ފެން ވެރިޔަސް އިންސާނާގެ ހަށިގަނޑަށް ތާޒާކަމާއި އަރާމު ނުލިބޭނެ އެވެ.

ޚާއްސަކޮށް ގޭގައި އޮފީސް މަސައްކަތް ކުރާ މީހުން މަސައްކަތް ކުރަން އިންނަ ގަޑީގައި ކޮންމެވެސް ވަރަކަށް ތައްޔާރު ވެލައިގެން އައިސް އިށީނުން ވަރަށް މުހިއްމެވެ. އޮފީހަށް ދާން ތައްޔާރުވާ ވަރަށް ތައްޔާރު ނުވިޔަސް ރީއްޗަށް ހެދުން އަޅައި، ރީތިކޮށް ފުނާއަޅާ، ތާޒާ ވެލައިގެން އައިސް މަސައްކަތް ފެށުމުން އެމީހާގެ އުފެއްދުންތެރިކަން އިތުރުވެ ނިދި އައުމާއި ފޫހިވުން ފަދަ ކަންތައްތަކާ ދުރުހެލިވެވޭނެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އެމީހާ ހެދުން އަޅާ ތައްޔާރުވާ ގޮތާއި އެ މީހެއްގެ ޕާފޯމަންސާ ވެސް ގުޅުންތަކެއް ވެއެވެ. އެމީހާ އަޅާ ހެދުމަކީ ވަރަށް ބާރުގަދަ އެއްޗެކެވެ. އެ ހެދުމުގެ ސަބަބުން އެމީހާއަށް އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުވެ އެވެ. ރީއްޗަށް ނަލަހެދިލާ ސާފުތާހިރުކަން އިތުރުކޮށްލުމުން މަސައްކަތް ކުރެވޭލެއް ވެސް ހަލުވި ވެފައި ފައިދާ ބޮޑުވާނެ އެވެ.

ސައިންސްވެރިން ބުނަނީ މީހާގެ ޝަޚްސިއްޔަތު އަންދާޒާކުރުމަށް އޭނާ ހެދުން އަޅާ ގޮތާއި، ސިޔާސީ ފިކުރު، ސްޓޭޓަސް، އުމުރު، އާމްދަނީ ލިބޭ މިންވަރު ބަލަން ޖެހޭނެ ކަމަށެވެ. ހަމައެކަނި އެމީހާގެ ފޮޓޮއަކަށް ބަލާލުމަކުން މިކަންކަން ވަޒަނެއް ނުކުރެވޭނެ އެވެ. އޭނާ އަރައިގެން ހުންނަ ފައިވާނުން ވެސް އެމީހާއަކީ ކޮން ކަހަލަ މީހެއްކަން ދެނެގަނެވޭނެ ކަމަށް ސައިންސްވެރިން ބުނެ އެވެ.

ހަމަ އެގޮތަށް ރީތިކޮށް ހެދުން އަޅައިގެން ހުރުމުން ގިނަ ބަޔަކަށް އެމީހާ އަކީ ސާފުތާހިރުކަމާއި ޒީނަތްތެރިކަމަށް ލޯބިކުރާ މުރާލި މީހެއް ކަމުގެ އިހްސާސް ވާނެ އެވެ.