ލައިފްސްޓައިލް

ޕާނެއް ނޫނީ ބަނަހެއް ނަމަވެސް ފިހެފިންތަ؟

ކޮރޯނާ ވައިރަހާއެކު އައި ލޮކްޑައުންގެ ސަބަބުން ކުރީން ތަސައްވަރު ވެސް ނުކުރާހާ ގޮތް ގޮތަށް އަވަސް އަވަހާ ދިރިއުޅުން ބަދަލު ވެގެން ދިޔައީ އެވެ. ކުރިން އޮތް އަހަރުމެންގެ ފަސޭހަ ދިރިއުޅުން މުޅީން ބަދަލު ވެގެން ދިޔައީ އެވެ. އެއާއެކު މި ބަދަލު ސުފުރާ މައްޗަށް ވެސް ގެންނަން މަޖުބޫރިވީ އެވެ. ބޭރުން ކެއުމުގެ އާދަ އާއި ގަނެގެން ކެއުމުގެ އާދަ ވެސް ބަދަލުވީ އެވެ. ގޭގައި ތައްޔާރު ކުރާ ކާނާ އަށް މުޅިންހެން ކެއުން ބަދަލު ކޮށްލަން ވެސް އެންމެނަށްހެން މަޖުބޫރުވީ އެވެ.

އިއްޔެ ވަރަށް ފަސޭހައިން ގަންނަން ލިބެން އޮތް އެއްޗެއް މިއަދު މިއޮތީ ހޯދަން އެހައި އުނދަގޫ ކަމަކަށް ވެފަ އެވެ. ޖީބުގައި ފައިސާ ހުއްޓަސް ލިބެން ނެތީ އެވެ. ހުއްޓަސް ގަނެވޭނެ ގޮތެއް ވެސް ނެތީ އެވެ. އަދި ފިހާރައެއްގައި ހުރެގެން ގެއަށް ޑެލިވަރީ ކުރިޔަސް އޭގެ ރައްކާތެރިކަމާއި މެދު ސުވާލު ކުރެވެނީ އެވެ. ހިތް ޝައްކުވަނީ އެވެ.

ކުރިން ކާން ބޭނުންވާ އިރަށް އެންމެ ތާޒާކޮށް ޕާނެއް ނުވަތަ ބަނަހެއް ގަންނަން ބޭނުންނަމަ ސައިކަލަަށް އަރާ ބާރަށް ދުއްވާލާފައި މިސްރާބު ޖަހަލަނީ މަޝްހޫރު ކޮންމެވެސް އެއް ބޭކަރީއަކަށެވެ. އެއީ އަމިއްލައަށް ޕާނެއް ނޫނީ ބަނަހެއް ފިހެލައިގެން ކެއުމީ މީގެ ކުރިން ހިތަށް ވެސް ނުގެންނާނެ ކަމަކަށް ވާތީ އެވެ.

ބިޒީ ދިރިއުޅުމެއްގައި މިހާ ފަސޭހައިން ލިބެން ހުންނަ އެއްޗަކަށްވާތީ ވަގުތު ނަގައިލެވެން ވެސް އޭރު ނެތީ އެވެ. އަދި އެއް ބަޔަކަށް ވިސްނިފައި އޮންނަނީ އެއީ އުދަނގޫ ވެސް ކަމެއްގެ ގޮތުގަ އެވެ. މިކަމަށް ވަރަށް ބޮޑު އަވަނަކާއި ގިނަ ވަގުތު ވެސް ދާނެ އެވެ. އަދި ކުޅަދާނަ ޝެފަކަށް ވިއްޔާ ނޫނީ މިއީ ނުވާނެ ވެސް ކަމެއްގެ ގޮތުގަ އެވެ.

ނަމަވެސް، އަހަރުމެންގެ ދިރިއުޅުމުގައި އެއްކަލަ ނީސްތައްޓަށް އަރައިގަނެގެން އުޅޭ ގޮތަށް އޭރު ބައްޓަން ވެފައި އޮތަސް، ލޮކްޑައުންއާއެކު ހަމަޖެހި މާނެވާއެއްލާން ވަގުުތު ލިބުނެ އެވެ. އަދި ކޮންމެ ގެއެއްގައި ހެން އަވަނެއް ހުންނަ އިރު ފަސޭހައިން މިކަން ކޮށްލެވޭނެ ކަމަށް ނިންމީ އެވެ. ހަލަބޮލި ދިރިއުޅުން ހުއްޓި، މަޑުޖެހިލަން ލިބުނު މި ވަގުތުގައި ބަނަސް ފިހަން ހިފާފަ ތިބި އެއްމެން ކޮންމެވެސް ކަހަލަ ބަނަހެއް ނުވަތަ ޕާނެއް ފިހެލާ ސޯޝަލް މީޑިއާއަށް ފޮޓޯ އެބަ އެއްލައިލަ އެވެ.

މިއާއެކު މިހާރު ކޮންމެ ދުވަހަކުހެން ބަނަހެއް ނޫނީ ޕާނެއް ނުފިހާ ގެއެއް ވެސް މަދުވާނެ އެވެ. ގާތް ރަހުމަތްތެރިޔަކު ވެސް އޭނާގެ ގޭގައި ޕްރޮފެޝަނަލް ފެންވަރަށް ފިހެފައި ހުރި ބަނަސްތަކެއްގެ ފޮޓޯތައް ދޫކޮށްކޮށްލުމާއެކު އޭނާ ބޭނުންކުރި ރެސިޕީ ހޯދައި ބަލާލައިފީމެވެ. ހަމަ ވަރަށް ފައްކަލެވެ.

"މިއީ ފަސޭހަ ރެސިޕީއެއް. ތިން ކުދިން ގޮވައިގެން، ގެއިން މަސައްކަތް ކުރަމުން މިކަން ކުރަން ބުރަވި. ރޯދަމަހު ކޮންމެވެސް ކަހަލަ ބަނަހެއް ފިހަން އަބަދުވެސް. ދަރިފުޅު މީރުކޮށް ކާ އެއްޗެއްވީމާ ކޮންމެހެން ވެސް ބަނަހެއް ފިހެލީ" އޭނާ ބުންޏެވެ.

ބަނަހާއި ޕާނުގައިވެސް އެކި އެކި ޒާތުގެ ބާވަތް ހުންނަ އިރު މިލްކްޔޯލްކް އޭނާ ތައްޔާރު ކުރި އިޓަލީވިލާތު ޕާނެއްގެ ފޮޓޯއާއި ހަދާނެ ގޮތް ދޫކޮށްލި އެވެ. މިއީ ވަރަށް ފަސޭހަ އަދި މަދު އެއްޗަކުން ތައްޔާރު ކޮށްލެވޭ ރެސިޕޭއެއް ގޮތުގައި ފާހަގަ ކޮށްފައި ވެއެވެ.

ގޭގައިތިބެ "ޑަލްގޯނާ" ކޮފީ ގިރައި އެ ޗެލެންޖް ނިންމާލި ގޮތަށް މިފަހަރު ރޯދަ ވީއްލަން ކޮންމެވެސް ކަހަލަ ބަނަހެއް ފިހެލަން ކިހިނެއްވާނެ ހެއްޔެވެ؟ ހަމަ އެންމެ ރަނގަޅު ކަމެއްހެން ވަރަށް ހީވެއެވެ. ހަމަ ގައިމުވެސް ކުރިން މި ގޮތަށް ބަަނަހެއް ނޫނީ ޕާނެއް ފިހެލާފައި ނެތިއްޔާ މިކަން ވެގެން ދާނީ މި ލޮކްޑައުންގައި އާއިލާއާއިއެކު ކުރާ އާ ތަޖުރިބާއަކަށެވެ. ޓްރައިކޮށްލާށެވެ.