މެންޗެސްޓާ ޔުނައިޓެޑް

ފެނާންޑޭޒްގެ ޓްރާންސްފާ ފީފާއިން ތަހްގީގު ކުރަނީ

ސްޕޯޓިން ލިޒްބަންއިން، މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި މިޑްފީލްޑާ ބުރުނޯ ފެނާންޑޭޒްގެ ޓްރާންސްފާގެ މައްސަލައެއް ފީފާއިން ތަހުގީގު ކުރަން ފަށައިފި އެވެ.

ފީފާއިން މައްސަލަ ތަހުގީގު ކުރަން ފެށީ، އިޓަލީ ސަމްޕްޑޯރިއާ އިން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ކުރިން ސަމްޕްޑޯރިއާއަށް ކުޅުނު ފެނާންޑޭޒްގެ ޓްރާންސްފާ އާ ގުޅިގެން އެ ކުލަބުން މައްސަލަ ހުށަހެޅީ ސްޕޯޓިންއަށް ލިބުނު ޓްރާންސްފާ ފީ އާ މެދުގަ އެވެ. ސަމްޕްޑޯރިއާއިން ގަބޫލު ކުރާ ގޮތުގައި، ޓްރާންސްފާ ފީގައި ސަމްޕްޑޯރިއާއަށް ހައްގެއް ވެއެވެ.

ސްޕޯޓިންއިން ޖަނަވަރީ ޓްރާންސްފާގައި ޔުނައިޓަޑަަށް ފެނާންޑޭޒް ބަދަލުވީ 55 މިލިއަން ޔޫރޯ އަށެވެ. އޭގެ ކުރިން 2017 ގައި ސަމްޕޑޯރިއާ ދޫކޮށް ލިޒްބަންގެ ކުލަބަށް އޭނާ ބަދަލުވީ 8.5 މިލިއަން ޔޫރޯ އަށެވެ،

ސަމްޕްޑޯރިއާއިން މައްސަލަ ހުށަހެޅީ ސްޕޯޓިންއާ ދެކޮޅަށެވެ. އެހެންވެ ފީފާފގެ ތަހްގީގުގައި ޔުނައިޓަޑްގެ މައްސަލައެއް ނުޖެހޭނެ އެވެ. ސަމްޕޑޯރިއާއިން މައްސަލަ ހުށަހަޅަފައި ވަނީ ޖޫން 2017 ގައި ސްޕޯޓިންއަށް ފެނާންޑޭޒް ބަދަލުވުމުގެ މަރުހަލާގައި ދެ ކުލަބުގެ ދެމެދުގައި ވެފައިވާ އެއްބަސް ވުމަށް ރިއާޔަތް ކުރުމަށް ފަހު އެވެ.

ސަމްޕްޑޯރިއާއިން ބުނާ ގޮތުގައި ޕޯޗްގަލްގެ މިޑްފީލްޑަރުގެ ޓްރާންސްފާ ފީ ގެ ތެރެއިން 4.65 މިލިއަން ޔޫރޯ އެ ކުލަބަށް ލިބެން ޖެހޭނެ އެވެ.