ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހުއްދަނެތި ރަސްދޫއަށް ދިޔަ މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ އަށް މަސް ކިރަން ދިޔަ ދޯންޏެއްގެ ފަޅުވެރިއެއް، ހުޅުމާލޭގައި މަޑު ކުރުމަށްފަހު އއ. ރަސްދޫ އަށް ދިއުމުން ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، ހުޅުމާލެ އަށް މަސް ކިރަން ދިޔަ ދޯންޏެއްގެ ފަޅުވެރިއަކު ހުޅުމާލޭގައި ހުންނަ އޭނާގެ އާއިލާ މީހުންގެ ގޭގައި އެއް ރޭ މަޑު ކުރި ކަމަށެވެ. އަދި، އެނބުރި ރަސްދޫއަށް ދިޔައީ އެޗްޕީއޭ އާއި ރަސްދޫ ޓާސްކްފޯހުގެ ހުއްދަ އެއް ނެތިކަމަށާއި އެހެންވެ އިއްޔެ އެމީހާ ހައްޔަރުކޮށްފައި ކަމަށެވެ.

ރަސްދޫ އިން ފުލުހުން ހައްޔަރު ކުރީ ދިވެހި ފިރިހެނެކެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން އެޗްޕީއޭ އާއި އެ ރަށެއްގެ ޓާސްްކްފޯހުގެ ހުއްދައެއް ނެތި އެއް ރަަށުން އަނެއް ރަށަށް މީހުން ދިއުން ވަނީ މަނާކޮށްފަ އެވެ. ނަމަވެސް، މަސްވެރިކަން ކުރަން ސަރުކާރުން ވަނީ ހުއްދަ ދީފަ އެވެ. މި ހުއްދަ ދީފައިވަނީ މަސްދޯނި ފަހަރު މަސް ކިރުވުމަށް ބަނދަރުކުރާ ރަށަށް މަސްވެރިންނަށް ނުފޭބޭ ގޮތަށެވެ. އަދި މަސް ދަތުރު ނިންމުމަށްފަހު އެ އުޅަނދެއް ނިސްބަތްވާ ރަށަށް ދަތުރުކުރަން ޖެހޭ ގޮތަށެވެ.