ރޯދަމަސް ދެބައިވެ ފިތުރު އީދާ ކައިރިއަށް މިއޮއް ދެވެނީ އެވެ. ހިޔާލު ހުރި ގޮތެއްް ބަލައިލާން ދަރިފުޅު ގާތުގައި ރޯދަ މަސް ނިމިގެން ދެން އަންނާނީ ކުޑައީދު ކަމުގައި ބުނެލައިފީމެވެ. އެހެން ހަމަ ބުނެލުމާއެކު މޫނަށް އުފާވެރިކަން އައެވެ. އަދި ހިނުތުން ވުމަކާއެކު ޖަވާބު ދިނެވެ: "މަންމާ، މިދިޔަ އީދުގައި ހަދާ މަޖަލޭ. އެއްވެސް ވެހިކަލެއް ނުދުއްްވާނެ އީދަކު. މަގުމަތީގައި ހިނާގާލައި ކުޅެލަން ދެވޭނެ ދޯ މިފަހަރުވެސް؟"
މި ރޯދަ މަސް އަހަރުމެންނާއި ބައްދަލު ކުރީ އެކަކު ވެސް ހީކޮށްގެން ހުރި ގޮތަކަށް ނޫނެވެ. ރޯދަމަހު ހަވީރު ޖަހާލާ ފިނިބުރާއި، ކުދިން ގޮވައިގެން ބާޒަރަށް ދިއުމާއި މަޑި އެއްލަން ދިއުމާއި ހިނގާލާށާއި ޕާކަށް ދިއުން މިއީ ކޮންމެ ދުވަހެއްގެ އަހަރުމެންގެ ތެރޭގައި އޮތް އާދަތަކެވެ.
ނަމަވެސް ކޮރޯނާ ވައިރަހުގެ ނުރައްކަލާއެކު ދިރިއުޅުން ބަދަލު ކޮށްލަން ޖެހުނީ އެވެ. އެ އާދަތަކަކީ މިހާރު ފޮނި ހަނދާން ތަކަކެވެ. މި ރޯދަމަހު ކުދިން ގޮވައިގެން ސާފު ވައިކޮޅެއް ހޯދާލަން މި ނިކުމެވުނީ ބޮޑުވަރަކަށް ގޭގެ ބެލްކަންޏަށް ނޫނީ ޓެރަހަށެވެ. އެހެން ނޫނީ ހަމައެކަނި ކޮށްލެވޭނެ ވަރަކީ ކުޑަދޮރެއް ހުޅުވާލައި ބޭރު ބަލައިލުމެވެ.
އަބާދީގެ ބޮޑު ބައެއް ދިރިއުޅޭ މާލޭގައި ކޮންމެ ކޮންމެ ގެއެއްގައި ކުދިން ކުޅެލާނެ ބޮޑު ޓެރެހަކާއި ބެލްކަންޏެއް ނޯވެ ދާނެ އެވެ. ބައެއް އެޕާޓްމަންޓްތަކަކީ ހަދާފައިވާ ގޮތުން އިރުގެ އަލިކަން ނުލިބޭ ތަންތަނެވެ. ނަތީޖާއެއްގެ ގޮތުން ކުދިން ގޭތެރޭގައި އެއް ސްކްރީނު ދޮށުން އަނެއް ސްކްރީނު ދޮށުގައި ތިއްބާ ދުވަސް ދައުރުވާ ގޮތް ނޭގި ހިނގައި ދެއެވެ. މިއީ މާލޭގައި ދިރި އުޅޭ އެތައް ކުދިންގެ ހާލެވެ.
މިގޮތަށް ރައްކާތެރި ކަމަށް ގޭގައި ތިއްބާ ލޮކްޑައުން ދިގުލައި މަސްދުވަހާއި މިހާރު ކައިރި ވަނީ އެވެ.
ކުދިންގެ ހެދި ބޮޑުވުމަށް ހަރަކާތްތެރިކަން ނުހަނު ބޭނުންވާއިރު އަދި އީދާއި އަހަރުމެން ބައްދަލު ކުރާއިރު މި ހާލަތުން އަރައިގަނެވޭނެ ކަމުގެ އުއްމީދެއް އަދި ނެތެވެ. ކަމާބެހޭ ފަރާތްތަަކުގެ މެސެޖަކީ އަވަސް އަރުވާލައިގެން ކުރީގެ ހާލަތަށް ރުޖޫއަ ވެއްޖެނަމަ އަހަރެމެންގެ ތެރެއަށް ވައިރަސް ފެތުރިގަނެ ގަދަ ކޮށްލާނެ އެވެ. ބަދަލުގައި އަހަރެމެން ދާން ޖެހެނީ "ނިއު ނޯމަލް" އަކަށެވެ. އެހެންވެ އަހަރުމެން އިހަށް ކަންކުރަމުން އައި ގޮތާއި މެދު ވިސްނާލެވުނެވެ.
އަހަރުމެން ކުދިންގެ ކަންތައްތައް ރާވާލާފައިވާ އޮންނަނީ އަބަދުވެސް ސުކޫލުން އެއް ކުލާހުން އަނެއް ކުލާހަށް ދިއުމަށެވެ. ތޮއްޖެހިފައިވާ ކާރޫބާރޫ ވެސް ބޮޑު މާލޭގެ މަގެެއްގައި ކުއްޖައްކަށް ހަމަޖެހި ލައިގެން ނިކުމެލުމުގެ ފުރުސަތެއް ނޯވެ އެވެ. އެއް އުމުރު ފުރައެއްގެ ކުދިންނާއެކު ބޯޅަ ކުޅެލަން ނުވަތަ އަވަށްޓެރި ރަހުމަތްތެރިކަމެއް ބާއްވަން އެކުދިންނަށް ފުރުސަތެއް ނުލި ބެއެވެ. ބާރު ދުވެލީގައި ދުއްވާ ސައިކަލްތަކާއި ހެދި ބައިސްކަލެއް ދުއްވަން ދަސް ކޮށްލަން ކުއްޖައްކަށް ފުރުސަތު ދޭކަށް ނުކެެެރެއެވެ.
އަހަރުމެން ދާން މި ގަސްދު ކުރާ ނިއުނޯމަލް އަކީ ކުދިންގެ ހެދި ބޮޑުވުމަށް އެންމެ ފައިދާ ހުރި ގޮތްތޯ ވެސް ވިސްނާލުމަކީ ރަނގަޅު ކަމެކެވެ. ކުދިން ހެދި ބޮޑުވުމުގައި ކުޅުމަކީ މުހިއްމު ދައުރެއް އަދާކުރާ ކަމެކެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކުއްޖާ ކުޅެލަން ހޯދައިދޭ ފުރުސަތުތަކުގެ ސަބަބުން އެ ކުދިން ޖިސްމާނީ ދުޅަހެޔޮ ކަމުގެ އިތުރުން ނަފްސާނީ ދުޅަހެ ޔޮކަން އިތުރު ކޮށް ދެއެވެ.
ގައުމީ ޔުނިވާސިޓީގައި މަސައްކަތް ކުރައްވާ ލީލާ އަހުމަދަކީ ކުޑަކުދިންނަށް ބޭރުގައި ކުޅެލުމުގެ ފުރުސަތު ހޯދައިދޭން ބާރު އަޅުއްވާ ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރައްވާ ބޭފުޅެކެވެ.
ލީލާ ވިދާޅުވި ގޮތުގައި މާލޭގެ ލޮކްޑައުން ދިގުލައިގެން ދާއިރު ބެލެނިވެރިން ތިބީ ވަރަށް ކެތްތެރިކަމާއެކު ކުދިން ގޮވައިގެން ގޭގެ ހަތަރު ފާރުން އެތެރޭގަ އެވެ.
"މިހާރު ލޮކްޑައުންގައި ބެލެނިވެރިންނަށް ކުދިންނަށް ސްކްރީން ދިނުން ނޫން ގޮތެއް ނޯވެދާނެ. ކުދިންގެ އުފާވެރި ހަޔާތަކަށް ކުޅުން މުހިއްމު ވޭ. މާލޭގައި ކުދިންނަށް ކުޅުމުގެ ފުރުސަތު ހޯދައި ދިނުމަށް ވެހިކަލް ނުދުއްވާ ފައިމަގުގައި އުޅެވޭ ގޮތަށް ކޮންމެ ހުކުރު ދުވަހެއް ހަދަންވީ. ވީހާވެސް ބޮޑަށް ހަރަކާތްތެރިކަން އިތުރު ކުރުމުގެ ގޮތުން. މިހާރު ލޮކްޑައުންގައި ބެލެނިވެރިންނަށް ކުދިންނަށް ސްކްރީން ދިނުން ނޫން ގޮތެއް ނެތް" އޭނާ ވިދާޅުވި އެވެ.
ކުދިންނަށް އެެންމެ ފައިދާހުރި ފުރުސަތުތައް ފަހިކޮށް ނުދޭންވީ ސަބަބެއް ނެތެވެ. ކޮރޯނާ ވައިރަހުގެ ކޮމިއުނިޓީ ސްޕްރެޑްއަކުން ސަލާމަތްވެ އާއްމު ހާލަތަށް ރުޖޫއަވާއިރު މިއީ ވެސް ވިސްނަންވީ ކަމެކެވެ. ހުކުުރު ދުވަހުގެ މެންދުރު ކުރީގެ ވަގުތަކީ މުޅި ރާއްޖެ ފައިމަގުގައި އުޅޭ ދުވަހެއް ކަމުގައި ހެދިދާނެ އެވެ.
ނިއުނޯމަލް އަކަށް ދާން ވިސްނާއިރު ދިގު މުއްދަތުގައި އޭގެ ފައިދާ ކުރާ ކަހަލަ ގޮތަކަށް ބައްޓަން ކުރެވިފައިވާ ޕޮލިސީތަކެއްގެ ހަދަން ޖެހެ އެވެ.
ކުދިންނަށް ބައިސްކަލް ދުއްވާލާ، ކޮރާ ކުޅެލާ އަހަރުމެން ބޮޑު ވެގެން އައިއިރު ކުޅުނު ތަފާތު އެކި އެކި ކުޅިވަރު ކުޅެލުމަށް ފުރުސަތު ދޭންވީ އެވެ. މިއީ ކުދިންގެ ހަރަކާތްތެރި ވުމަށާއި ކަސްރަތަށް ލޯބި ޖެއްސުމަށް ކުރެވިދާނެ ކަމެކެވެ. އެއީ އާއިލާ އެެއްކޮށް އަވަށްޓެރިންނާއި ގުޅުން ބަދަހި ކުރުމަށް އޮތް ފުރުސަތެއް ކަމުގައި ބާއްވަންވީ އެވެ. މިކަހަލަ ނިއުނޯމަލް އެއްގެ ސަބަބުން ކުދިންގެ ކިބައިގައި އެކުވެރި އެކަކު އަނެކަކާއި އަޅާލުން ފަދަ ރަނގަޅު އާދަތަކެއް އުފެދި ޒިންމާދާރު މުޖުތަމައެއް އުފެއްދިދާނެ އެވެ.