ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މޯލްޑިވްގޭސް ޑެލިވަރީކުރާ މީހަކު ޕޮޒިޓިވް ވެއްޖެ

މޯލްޑިވްގޭސް ޑެލިވަރީކުރާ މީހަކުވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ޕޮޒިޓިވްވެފައިވަނީ ހުޅުމާލޭގައި މޯލްޑިވްގޭސް ޑެލިވަރީ ކުރަން އުޅޭ ބިދޭސީއެކެވެ. މޯލްޑިވްގޭސް އިންވެސް ވަނީ އެކަން ޔަގީންކޮށްދީފައެވެ.

މިރޭ ކޮވިޑް-19 އަށް ހަ މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހުންގެ އިތުރުން އިންޑިއާގެ ދެ މީހެކެވެ. މޯލްޑިވްގޭސް ޑެލިވަރީކުރާ މީހާ ހިމެނެނީ މީގެ ތެރޭގައެވެ.

މޯލްޑިވްގޭސް އިން ބުނެފައިވަނީ އެޗްޕީއޭއިން މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ކުންފުނީގެ އުޅަނދުތަކާއި އެހެނިހެން ސާމާނު ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 648 އަށް އަރާފަ އެވެ.

އެ ބަލީގައި މިހާތަނަށް ތިން މީހަކު ވަނީ މަރުވެފައެވެ. ތިންވަނަ މީހާ މަރުވެފައިވަނީ މިރެއެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދިޔަ އުމުރުން 80 އަހަރުގެ ދިވެއްސެކެވެ.