ލައިފްސްޓައިލް

މަތިންދާބޯޓު ދަތުރުތައް ފަށާއިރު ބޮޑު ބަދަލެއް އަންނާނެ

ކޮރޯނާވައިރަހުގެ ވަބާއާ ގުޅިގެން އެންމެންގެ ދުލުގެ ކުރީގައި މިހާރު އޮންނަ އެންމެ އާންމު ބަހަކީ ސޯޝަލް ޑިސްޓެންސިން އެވެ. ފުރާނައަށް ނުރައްކާ މި ބަލީގެ ސަބަބުން ގިނަ ބަޔަކު އަދިވެސް ގައުމުތަކުގައި ބަންދުވެފައި ތިބިއިރު އަދިވެސް އާއްމު ހާލަތަކަށް ގައުމުތަކަށް ދެވޭނެ ދުވަހެއް އަންދާޒާ ކޮށްލަން ވެސް ނޭނގެ އެވެ.

ލޮކްޑައުން ނިމުމާއެކު އެއާލައިންތަކުގެ މަސައްކަތް ފަށާއިރު ވަރަށް ބޮޑު ބަދަލެއް ފްލައިޓްތަކުގެ އެތެރެއަށާއި އެއާޕޯޓްތަކަށް އަންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ގައިމުވެސް ކޮވިޑް-19 އަށް އެކަށީގެންވާ ހައްލެއް ފެންނަންދެން ދަތުރުވެރިން ވެސް އެކަކު އަނެކަކާ ވީހާ ވެސް ދުރުގައި ތިބެވޭނެ އިންތިޒާމްތައް ކުރުން ނޫން އެއްވެސް ގޮތެއް ނޯންނާނެ އެވެ.

އެގޮތުން ކޮންމެ ދެ މީހެއްގެ ދޭތެރެއިން އެއް ގޮނޑީގައި ނުއިށީނދެވޭނެ ގޮތް ހެދުން ފަދަ ކަންތައްތައް ޓާމިނަލްތަކުންނާއި އެއާކްރާފްޓްތަކުން ފެންނާނެ އެވެ.

އެއާކްރާފްޓްތަކުގައި ސޯޝަލް ޑިސްޓެންސިން ބާއްވާއިރު ދިމާވާނެ އެންމެ ބޮޑު މައްސަލައަކީ ޓިކެޓް އަގު ބޮޑުވުމެވެ. ފްލައިޓްގައި ނުވިއްކާ ބަހައްޓަން ޖެހޭ ޓިކެޓްގެ އަގުތައް އޭގެން ދަތުރުކުރާ އެހެން މީހުންގެ އަތުން ހަމަޖައްސާނެ ކަމަށް ބެލެވެ އެވެ.

ސަބަބަކީ މަތިންދާބޯޓެއް ކިތަންމެ މަދު ބަޔަކާ އެކު ދަތުރު ކުރިޔަސް އެއަށް އަޅާ ތެލާއި ޕާކިން ފީ އަދި މުވައްޒަފުންގެ މުސާރަ ފަދަ ޚަރަދުތަކަށް ހަމަ ކުރިޔެކޭ އެއްވަރަށް ފައިސާ ޚަރަދުވާނެތީ އެވެ.

އެހެންވެ އެއާލައިންތަކަށް ދިމާވާ މާލީ ދަތިކަން ފޫބައްދާނީ އެ އެއާލައިނަކުން ޚިދުމަތް ހޯދާ މީހުން އަތުން ކަން ޔަގީނެވެ.
އަލަށް އެއާލައިންތައް އޮޕަރޭޓްކުރަން ފަށާއިރު ޗެކް ކުރަން ފަށާ ގަޑިވެސް އިތުރު ކުރާނެ އެވެ. ދުރުދުރުގައި މީހުން ތިބެގެން ޚިދުމަތް ހޯދަން ވަގުތު ދިނުމަށެވެ. ސެނެޓައިޒްކުރުމާއި ކަސްޓަމަރުންގެ ބެގޭޖްތައް ވެސް ރައްކާތެރި ކަމާއެކު ބޯޓަށް އަރުވައިދިނުމަށެވެ.

ގޯއެއާ އާއި ވިސްޓާރާ ފަދަ އެއާލައިންތަކުން މިހާރުއްސުރެ ވަނީ އެ އެއާލައިންތަކުގެ މުވައްޒަފުންގެ ރައްކާތެރިކަމަށް އަޅާނެ ބައެއް ފިޔަވަޅުތައް އިއުލާން ކޮށްފަ އެވެ. އެގޮތުން ފްލައިޓް ތެރޭގައި ދޭ ޚިދުމަތްތައް މަދުކުރުން ހިމެނެ އެވެ. އަދި ކެއުމާއި ސްނެކްސް ދިނުން ހުއްޓާލައި ދެން ފޯރުކޮށްދޭނީ ހަމައެކަނި ފެނެވެ.

އަދި ޕަސިންޖަރުންނަށް ޚިދުމަތްދޭއިރު ކުރޫން ތިބޭނީ ފޭސް މާސްކް އަޅައި އަންގި ލައްވައިގެންނެވެ. އަދި ކޮންމެހެން ބޭނުމެއް ޖެހިގެން ނޫނީ ފްލައިޓް ތެރޭގައި ހިނގާ އުޅުން ވެސް މަނާ ކުރާނެ އެވެ.

އަދި ބޯޓަށް އެރުވުމުގެ ކުރިން ހުން ބަލައި ކިރިޔާ ވެސް ބައްޔެއްގެ އަސަރެއް ހުރިނަމަ ރަނގަޅަށް ޑޮކްޓަރުން ލައްވާ ޗެކް ކޮށްފައި ނޫނީ ފްލައިޓަށް ނާރުވާނެ އެވެ.

ކުރުކޮށް ބުނާނަމަ ބުނެވޭނީ ކޮވިޑް-19 އަށް އެކަށީގެންވާ ވެކްސިނެއް ނުލިބެނީސް ނުވަތަ ބަލި މުޅިން ފަސޭހަވާ ކަހަލަ ބޭހެއް ނުހޯދެނީސް މަތިންދާބޯޓު ދަތުރުތައް ކުރިން ކުރި ގޮތަކަށް ދެނެއް ނުކުރެވޭނެ އެވެ.