ލައިފްސްޓައިލް

350 އަހަރު ކުރިން އަވަށަކުން ދެއްކި ކަރަންޓީނު ނަމޫނާ

މިހާރު ކުރިމަތިވެފައިވާ ސިއްހީ ބޮޑު ވަބާއަކީ އަލަށް ދުނިޔެ ދުށް ކަމެއް ނޫނެވެ. ކޮންމެ ގަރުނަކު ވެސް މިފަދަ ވަރުގަދަ ވަބާއެއް ދުނިޔެއާ ކުރިމަތިވާ ކަމަށް ތާރީޚު ހެކިދެ އެވެ. އަދި މިފަދަ ވަބާތަކުގައި އެތައް ހާސް ބަޔެއްގެ ފުރާނަ ދިޔަ އެވެ.

ސަތާރަ ވަނަ ގަރުނުގައި ލަންޑަންގައި ޕްލޭގެއް މިގޮތަށް ފެތުރުނެވެ. މިއީ ފަސޭހައިން ގައިން ގަޔަށް އަރާ ބެކްޓީރިއަލް އިންފެކްޝަނެކެވެ. ހުން އައުމާއެކު ނޭވާލުމުގެ ނިޒާމުގެ މައްސަލަތައް މި ބަލީގައި ދިމާވެ އެވެ.

ލަންޑަނާ ތިން ގަޑިއިރުގެ ދުރު ރާސްތާއެއްގައި އޮތް އީޔާމް އަވަށުގައި އެންމެ ކުރިން ޕްލޭގް ނުފެތުރެ އެވެ. ލަންޑަން މީހުން ބަލީގައި އުޅުނުއިރު އީޔާމްގައި ފެސްޓިވަލްތަކާއި ފެއާތައް ބާއްވައި ވަރަށް މަޖާ އުފަލުގައި މީހުން ދިރިއުޅެމުން ދިޔަ އެވެ. ކުއްލިއަކަށް ފެތުރުނު ރޯގާ ބަލިމަޑުކަމުގެ ސަބަބުން އެ ގައުމުގެ މީހުން ހުސްވެ އަލުން އާބާދު ނުވާ މިންވަރަށް ފަޅުވި އެވެ. މިއީ މީގެ 350 އަހަރު ކުރިން ހިނގި ހާދިސާއެއް ނަމަވެސް ލަންޑަންގެ މީހުން މިއަދުވެސް މި ހާދިސާގެ ވާހަކަތައް ތާރީޚު ފޮތްތަކުން ކިޔައި ބިރުން އުޅެ އެވެ.

އީޔާމް އަވަށް އޮތީ ޑާބީޝަޔާ ޑަލެސް ޑިސްޓްރިކްޓްގަ އެވެ. މިއީ ލަންޑަނާ ތިން ގަޑިއިރުގެ ރާސްތާގައިވާ ހިސާބެކެވެ.
މިހާރުވެސް އެ އަވަށުގެ ރަށްބޭރުގައި ހާހެއްހާ މީހުން ދިރިއުޅޭ ކަމަށް ވެއެވެ. ނަމަވެސް މި ރޯގާބަލިމަޑުކަމުގެ ސަބަބުން އެ އަވަށުގައި އުޅުނު އެންމެން ފަނާވެ އަލުން އެކަކުވެސް އެ ރަށަށް ދިރިއުޅޭކަށް ނުދެ އެވެ.

ސާދަ މަސް ދުވަހަށް ދެމިގެން ދިޔަ މި ބަލިމަޑުކަމުގައި އެ އަވަށުން 75،000 މީހުން މަރުވި ކަމަށް އެ ގައުމުގެ ސަރުކާރުގެ ރެކޯޑްތަކުން ދައްކަ އެވެ. މިއީ އެ ޒަމާނަށް ބަލާއިރު ވަރަށް ބޮޑު އަދަދެކެވެ.

ތާރީޚީ ތަޖުރިބާކާރުންގެ ގިނަ މީހުން ބުނަނީ އެ ވަބާގައި އީޔާމް އަވަށުން މަދުވެގެން ލައްކައެއްހާ މީހުން މަރުވި ކަމަށެވެ.
ނަމަވެސް މި އަވަށުގެ މި ވާހަކަ ބޮޑަށް މަޝްހޫރީ ބަލިމަޑުކަމުގައި މަރުވި މީހުން ގިނަ ކަމަކުން ނޫނެވެ. އެހެން ހިސާބުތަކަށް ބަލި ފެތުރުނު ނުދިނުމަށްޓަކައި އެމީހުން ވީ ހިތްވަރުގަދަ ގުރުބާނީގެ ސަބަބުންނެވެ. އެމީހުން އަމިއްލައަށް އެ އަވަށުގައި ކަރަންޓީނު ވެގެން ނުތިބިނަމަ މިއަށްވުރެ މާ ގިނަ މީހުން މަރުވީސް ކަމަށް ވެއެވެ.

އެންމެ ފުރަތަމަ ލަންޑަންގައި މިބަލިމަޑުކަމުން ފެތުރެމުން ދިޔައިރު އީޔާމް ވިލެޖުގައި ބަލިޖެހުނު މީހުން ވަރަށް މަދުވީ އެ މީހުންނަކީ ދުރު ހިސާބުތަކަށް އާދަކޮށް ދަތުރުކޮށް އުޅޭ ބަޔަކަށް ނުވާތީ އެވެ. ނަމަވެސް އެ ޒަމާނުގައި އެ ރަށުގައި އުޅުނު އެލެކްސެންޑާ ހެޑްފީލްޑް ނަމަކަށް ކިޔާ ފަހާމީހެއް ބަލީގެ ނުރައްކާ ނޭނގި ލަންޑަނަށް ދިޔަ އެވެ. އޭނާ ފަހަން ބޭނުންވާ ފޮތިތަކެއް ގަތުމަށެވެ. އެ ފޮތިތައް އަޅާފައިވާ ފޮށިގަނޑުތަކަށް އިންފެކްޝަންގެ އަސަރު ކޮށްފައި ހުއްޓެވެ.
އޭނާއަށް އެކަން ނޭނގި އެ ފޮށިގަނޑުތައް ހިފައިގެން ރަށަށް އައިސް ފެހުމުގެ މަސައްކަތް ކުރިޔަށް ގެންދިޔަ އެވެ. އެންމެ ފުރަތަމަ ބަލިޖެހިގެން އެ އަވަށުން މަރުވީ އެ ފޮށިގަނޑުތައް ކަނޑާ ހަދަން އުޅުނު ހެޑްފީލްޑްގެ އެސިސްޓެންޓް ޖޯޖް ވިކާސް އެވެ. އެ ހަފުތާ ތެރޭގައި ޖޯޖް ވިކާސް އާ ބައްދަލުވީ އެންމެންނަށް ބަލި ޖެހުނެވެ. އެގޮތުން ވަރަށް އަވަހަށް އެ އަވަށަށް ބަލި ފެތުރުނީ އެވެ.

ސެޕްޓެމްބަރުން ޑިސެމްބަރު 1665 އަށް އެ އަވަށުން 42 މީހުން މަރުވި އެވެ. އެ އަވަށުގައި ބަލިޖެހި މީހުން މަރުވާން ފެށުމުން އެ އަވަށުން ފައިބަން ހާހަކަށް ވުރެ ގިނަ މީހުން ތައްޔާރުވުމުން އެ އަވަށުގެ ބޮޑަކަށް ހުރި މީހާ އެކަން ކުރިޔަ ނުދީ އެމީހުން ހިފެހެއްޓުވި އެވެ. ސަބަބަކީ އެމީހުންގެ ސަބަބުން އެހެން ހިސާބުތަކަށް ބަލި ފެތުރޭނެތީ އެވެ. އެންމެ ފަހުން އަވަށުން މީހުން ވަދެ ނުކުމެ ހެދިޔަ ނުދޭން އަވަށުގެ ބޮޑު މީހާ އަވަށުގެ ވަށައިގެން ބޮޑު ފާރެއް ރޭނީ އެވެ. "މޮމްޕެސަންސް ވޯލް"ގެ ނަމުން މަޝްހޫރުވެފައިވާ މި ފާރު މިހާރުވެސް ހުރި ކަމަށް ވެއެވެ.

ފާރުން ހުރީ ކުދި ލޯވަޅުތަކެއް ކަނޑާފަ އެވެ. އަވަށުގެ މީހުން އެ ލޯވަޅުން ލާރި އުކުމުން އަނެއް ފަރާތުގައި އެއްޗެތި ވިއްކަން އައިސް ތިބޭ މީހުން އެމީހުން ބޭނުންވާ އެއްޗެތި ވިއްކާ ހެދި އެވެ. އަވަށުގެ މީހުންނަށް ކާން ބޯން ބޭނުންވާ އެއްޗެތި ފޯރުކޮށްދީފައިވާ އެގޮތަށެވެ. މިކަމުގެ ސަބަބުން އަވަށުން ބޭރަށް ބަލި ނުފެތުރި ސަލާމަތްވި އެވެ. ގޭގޭގައި ތިބި އަންހެނުންނާއި ކުޑަކުދިން ތިބީ ބިންމަތީގައި ބިންގަރާސް ކޮނެގެން އެ ބިންގަރާސްތަކަށް އެރި އެވެ. އެމީހުންނަށް ބަލި އެރިޔަ ނުދިނުމަށެވެ.

ބަލީގައި މަރުވި މީހުންގެ ހަށީތައް ވަޅުލީ މާ ދުރުގައިވާ ޖަންގައްޔެއްގަ އެވެ. މި މީހުންގެ ޖަނާޒާގައި އަވަށުގެ މީހުން ބައިވެރިވިޔަކަ ނުދެ އެވެ. އަވަށުގެ އެއްވެސް މީހަކު ގެއިން ބޭރަށް ނުކުމެއެއް ނޫޅެ އެވެ. ހުރިހާ މިސްކިތްތަކާއި ފައްޅިތައް ހުރީ ބަންދުކޮށްފަ އެވެ.

މީގެން ދޭހަވަނީ ހުރިހާ ޒަމާނެއްގައި ވެސް ގައިން ގަޔަށް ފަސޭހައިން އަރާ ބޮޑު ބައްޔެއް ފެތުރެން ފަށައިފިނަމަ ލޮކްޑައުންއާއި ސޯޝަލް ޑިސްޓެންސިން ފަދަ ކަންތައްތައް ކޮށްގެން ބަލި ކޮންޓްރޯލް ކޮށްފައިވާ ކަމެވެ.