"މާފު ކުރާށޭ ހަފީޒާ... މާފު ކުރާށޭ ހަފީ، އިބްރާހިމާ މާފު ކުރާށޯ،" ބާރުބާރަށް ހަޅޭއްލަވަމުން އެކި ރާގު ރާގަށް އަހަރެން ގޮވަމުން ދިޔައީ މެވެ. "މާފު ހައްގެއް ނޫން. ހައްގެއް ނޫން. ހައްގެއް ނޫން."
އަހަންނަށް ހަމަ ރަނގަޅަށް ވެސް އޮޅިއްޖެ އެވެ. އަހަންނަކީ ކާކު ކަމެވެ. އަހަރެންގެ މިޒާޖެވެ. އަހަރެންގެ ގޮތެވެ. އެމީހުން އެ އުޅެނީ ކީއް ކުރަން ހެއްޔެވެ؟ ކޮން ކަމެއް ހާސިލު ކުރަން ހެއްޔެވެ؟ އެމީހުންގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އެ މީހުން ސާބިތު ކޮށްދޭން އެ އުޅެނީ ކޮން ކަމެއް ހެއްޔެވެ؟ އެއީ ތެދެއް ހެއްޔެވެ؟ އަހަންނަކީ މޮޔައެއް ހެއްޔެވެ؟ އަހަރެން ހޭ ނުޖެހޭ ކަންކަން ކުރޭ ހެއްޔެވެ؟
ނުކުރަމެވެ. އަހަރެން ކުރާހާ ވެސް ކަމަކީ ސާފު ކުރުމެވެ. ރީތި ކުރުމެވެ. މުޑުދާރުކޮށް އޮންނަ ތަންތަން ތާހިރު ކުރުމެވެ. އެކަން ކުރަނީ އެންމެނަށް ރަނގަޅަ ކަށެވެ. އެންމެނަށް ފައިދާ ކުރާނެތީ އެވެ. ސާފުތާހިރު ކަމަކީ އިސްލާމްދީނުގައި ބާރު އަޅާ ކަންކަމެވެ. ރައްކާތެރިވުމަށް ޓަކައެވެ. ސިއްހަތަށް ޓަކައެވެ. ބަލިމަޑު ކަމުން ސަލާމަތް ވުމަށް ޓަކައެވެ. ނަމަވެސް، އެމީހުންނަށް އެކަން ކަމު ނުދަނީ ހެއްޔެވެ؟ ނޫނީ އަހަރެން ސާފުކުރާ ގޮތް ކަމު ނުދަނީ ހެއްޔެވެ؟ އަހަރެން އަތް ދޮންނާތީ ހާސްވަނީ ހެއްޔެވެ؟ ފެންވަރާތީ ޚަރަދު ބޮޑުވަނީ ހެއްޔެވެ؟
ނޫނެކެވެ. އެމީހުން އަހަންނަށް ޖެއްސުން ކުރަނީ އެވެ. އުނދަގޫ ކުރަނީ އެވެ. ދިމާ ވެސް ކުރަނީ އެވެ. އެއީ އަހަރެންގެ މޮޔަ ކަމުން ހެއްޔެވެ؟ ނޫނީ އެމީހުންގެ މޮޔަކަމުން ހެއްޔެވެ؟ އެކަން ވެސް އެނގޭނީ އެމީހުން ނަށެވެ. މި ދައްކަނީ އަހަރެންގެ މައިންބަފައިންނާއި ކޮއްކޮމެންގެ ވާހަކަ އެވެ.
އަހަރުމެން މިއުޅެނީ މާލޭގަ އެވެ. ދެ ކޮޓަރީގެ ތަނެއް ގައެވެ. ހުންނަނީ އެންމެ ފާޚާނާއެކެވެ. ހުރިހާ ޚަރަދެއް ކުރަނީ ކޮއްކޮގެ ދެމަފިރިންނެވެ. އެމީހުންނަކީ ސަރުކާރުގެ މަދަނީ ޚިދުމަތްތެރިންނެވެ. ދެން އުޅޭނީ މަންމަ އާއި ބައްޕަ އެވެ. އަހަންނަކީ ތަނަކަށް ދާ މީހެއް ނޫނެވެ. ގެއިން ބޭރަށް ނުކުތް ދުވަހެއް ހަނދާން ވެސް ނެތެވެ.
އެއް ދުވަހަކު އަހަރެން ފެންވަރަން ވަން އިރު ފާޚާނާ ވަނީ ވަރަށް ހަޑިވެފަ އެވެ. މުޑުދާރުވެފަ އެވެ. ފެން ހިންދާ ދިމާގައި އިސްތަށި ބޮނޑިއެއް އޮތެވެ. ފާޚާނާތަށީގެ ފެންގަނޑު ހީވަނީ ދެތިން ދުވަސް ވެފައި ހުރި ގަރުދިޔަ ގަނޑެއް ހެންނެވެ. ރަނގަޅަށް ފާޚާނާ ތަށި ސާފުކޮށްލައިފައި ބަލައިލެވުނީ ބިތަށެވެ. ބިތުގައި ހުރި މުށިތަކުގައި ހުރީ ހަކި ޖަހައިފަ އެވެ. ހުދުކުލައިގެ މުށިތައް ހުރީ ރަތް ވެފަ އެވެ. މުށިތައް ސާފުކޮށް ނިންމާ ފުން ނޭވާއެއް ދޫކޮށްލީމެވެ. ލޮލުގައި އަޅައިގަތީ ލޯގަނޑެވެ. ލޯގަނޑާއި ދޮރުފަތް ހުރީ ކަޅުވެފަ އެވެ. އެއްޗެހީގެ އަސްލު ކުލަ ފެންނަ ވަރުވަނީ ބުރުސް ކަންފަތިވާއިރު އެވެ.
ލައްކަ މަސައްކަތަކުން ތަންތަން ސާފުކޮށް ނިންމައިލެވުނެވެ. އޭރު މީހާ ހުރީ ގުނބު ހިލޭ ގޮތް ވެފަ އެވެ. ވަރުބަލިވެފައި ހުރި ވަރުން ފެންވަރަން މާގަނޑު ކައިރީގައި އެތައް އިރަކު ހުރެވުނެވެ. ބޮލަން މާގަނޑު ދޫކޮށްލައިގެންނެވެ. ފެންވެރުމަކީ އަހަންނަށް ހިތްހަމަ ޖެހުން ލިބޭ ކަމަކަށް ވާތީ އެވެ. ފެންވަރައިގެން ފާޚާނާއިން ނިކުމެ ކޮޓަރިއަށް ބަލައިލެވުނެވެ. ބަޔަކު ތިބިހެން ހީވެގެންނެވެ.
ސިހިފައި ނުވެއްޓުނީ ކިރިޔާ އެވެ. ފެނުނީ މަންމަގެ ދެ ލޮލެވެ. ރުޅި އައިސްފައިވާކަން މޫނާއި ދެ ލޮލުން ހެކި ދިނެވެ. މަންމަގެ ފަހަތުގައި ބައްޕަ ހުއްޓެވެ. އަހަންނަށް ބަލައިލެވުނީ ބައްޕަގެ މޫނަށެވެ. އެ މޫނުމަތިން ފެނުނީ މާޔޫސްކަމެވެ. ނިކަމެތި ކަމެވެ. މޫނު ވަނީ މިލައި މޯޅިވެފަ އެވެ. ބައްޕަގެ ފަހަތުގައި އަހަންނަށް ވުރެ ދެ އަހަރު ހަގު، ފިރިހެން ކޮއްކޮ ހުއްޓެވެ. އޭނާ ހުރީ މުށްކަވައިލައިގެންނެވެ. ރުޅި އައިސްގެން ފުފިފަ އެވެ.
"ނަދާ، ކޮން އިރަކު ފާޚާނާއަށް ވަނީ؟" މަންމަގެ ރުންކުރު ރާގަކަށް އަހަރެން ނުސިހުނެވެ.
"ދެންމެ. ތިނެއް ޖެހި އިރު." އަހަންނަށް ބަލައިލެވުނީ ފާރުގައި ހުރި ގަޑިއަށެވެ.
"މިހާރު ގަޑިން ކިހާއިރެއް؟" ކޮއްކޮގެ އަޑުގައި ހުރީ ރުޅިވެރި ރާގެވެ.
އަހަންނަށް ގަޑިއަށް ބަލަން ހުރެވުނެވެ. އޭރު ގަޑިން ރޭގަނޑު އަށެއް ޖަހަނީ އެވެ.
"ދޮރުފަތުގައި ޓަކި ދިން އަޑު ވެސް ނީވުނީތަ؟" ހިތްހަމަ ނުޖެހިފައި ހުރެ މަންމަ ބުނެލި އެވެ.
"އާނ! އަހަރެން ސާފު ކުރަން އުޅުނީމަ ކަންނޭނގެ."
"ކޮންމެ ދުވަހަކު ސާފުކުރަން ޖެހޭތަ؟" ކޮއްކޮ ކުރިއަށް ޖެހިލި އެވެ.
"އާނ! ހަޑިވީމަ، މުޑުދާރުވީމަ އަބަދުވެސް ސާފު ކުރަން ޖެހޭނެއްނު. އަހަރެން ވަން އިރު ފާޚާނާ ތަށި ހުރީ ހަޑިވެފަ. ތަށި ސާފުކޮށް ނިންމައިލި އިރަށް ފެނުނީ މުށިގަނޑު ހަޑިވެފައި ހުއްޓާ. އެހެންވެ ސާފުކުރީ."
"މާގަނޑު ދަށުގަ ކިތައް ގަޑީއިރު ހުރިން؟" އަނެއްކާ ވެސް މަންމަ ފެށިއެވެ.
"ނޭނގެ!"
"ފެނަކީ ވެސް ލާރިއޭ. ދެ ގަޑިއިރު ވަންދެން މާގަނޑު ދަށުގައި ފެންވަރަށް ހުރުމުން ބިލަށް ބާރުބޮޑުވާނެ ކަމެއް ނޭނގޭނެ،" ކޮއްކޮ ހިތްހަމަ ނުޖެހުނެވެ. "އާނ! މީނާއަކަށް ނުޖެހޭނެވިއްޔާ. ޚަރަދެއް ކުރާކަށް. ވަޒީފާއަށް ދާން ޖެހިދާނެތީ އުޅޭ ވައްތަރެއްތީ."
އެދުވަސް ނިމިގެން ދިޔައީ ވެސް އާދައިގެ މަތިން އަހަންނަކީ މޮޔަ އަކަށް ވެގެންނެވެ. ނޫނެކެވެ. އަހަރެން މޮޔަ ހެދިގެން އުޅޭ ކަމަށް ގަބޫލުކުރަން މަޖުބޫރު ވެގެންނެވެ.
އެހެން ދުވަހެކެވެ. ޝަކުވާ ގިނަވެދާނެތީ ފާހާނާއަށް ވަދެ މޫނު ދޮވެލައިގެން ނިކުންނަށް ނިންމައިގެން ފާހާނާއަށްވަނީމެވެ. އަވަސް އަވަހަށް މޫނު ދޮންނަން ފެށީމެވެ. މޫނު ދޮވެ ނިމުނު އިރަށް ފެންވަރާ ހިތްވި އެވެ. ފެންވަރައިލުމުން އެ ލިބޭ އަރާމުކަން އިހުސާސްވި އެވެ. އަވަސް އަވަސް ކޮށްލައިގެން ފެންވަރައިގެން ފާހާނާއިން ނިކުތީމެވެ.
ކުއްލިއަކަށް ބޮލަށް އެއްޗެއް އެޅުނުހެން ހީވެގެން އަތް ޖައްސައިލީމެވެ. އިނގިލިތަކުގައި ހޭކުނީ ހިކި އެއްޗެކެވެ. އެއީ ހުދު އެއްޗެކެވެ. ވަސްބަލައިލީމެވެ. އެއީ ފުށެވެ. ގޮދަން ފުށެވެ. ފަހަތް ބަލައިލެވުނެވެ. ރުޅި ވެސް އާދެވުނެވެ.
"އަނެއްކާ ވެސް ދޭ އަނެއް ދެ ގަޑިއިރު ފާޚާނާގައި އޮންނަން." ލާނެތް ފާޑަކަށް ހެމުން ކޮއްކޮ ބުންޏެވެ.
ކޮއްކޮގެ އަންހެނުން ވެސް ހީހީފައި އަހަންނާ ދިމާ ބަލަން އިނެވެ. ފޯނު އަހަންނާ ދިމާއަށް ދިއްކޮށްގެންނެވެ. އަހަރެން ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ދެއަތް މުއްކަވާލެވުނެވެ. ނާރުތަކަށް ވާންވެ މީހާ އެކުގައި ފުފިގަތެވެ. ތަންދޮރު ވަކި ނުވާ ވަރަށް މީހާ ތުރުތުރު އަޅައިގަތެވެ. ލޮލުގައި އަޅައި ގަތީ މޭޒު މަތީގައި ހުރި ބާޒާރު ކޮތަޅެވެ. ކޮތަޅުގައި އޭގައިވަނީ ކޯސްޓު ކިރު ދަޅަކާއި ސަންކުއިކް ޖޫސް ފުޅިއެކެވެ.
ބަލާކަށް ނުހުރެ ޖޫސްފުޅި ނަގައި މަތި ނައްޓައިލީމެވެ. ޖޫސް ފުޅީގެ ތުންދިމާކޮށްލީ އަހަރެންގެ ބޮލަށެވެ. ޖޫސް ފުޅި ހުސްވަންދެން ބޮލަށް އަޅައިލީމެވެ. ކައިރި ނުވުމަށް އިންޒާރު ދެމުންނެވެ. އިރުކޮޅެއް ނުވެ އަހަރެންގެ މުޅި މޫނަށް ޖޫސްތައް ފައިބަން ފެށި އެވެ. އެމީހުން އަހަންނާ ދިމާއަށް ފޯނު ދިއްކޮށްލި އެވެ. އަހަރެން ރުޅި ގަދަވެފަ އަޑުގަދަ ކުރަމުން އެމީހުންނާ ދިމާއަށް އެއްޗެހި ކިޔާތީ ކައިރިވާކަށް ނުކެރުނެވެ. ޖޫސް ފުޅި ހުސްވިއިރު އަހަރެންގެ މުޅި މޫނާއި މޭމަތީގައި ވެސް ހުރީ ހުސް ޖޫހެވެ. ކޯތާފަތް ހުރަސްކޮށް ދަތްދޮޅިން ތިކި ޖަހަމުން ދިޔައީ ވެސް ޖޫހެވެ.
އަތުގައި އޮތް ޖޫސްފުޅި މުށިގަނޑު މައްޗަށް އެއްލައިލީމެވެ. އެއާއެކު ފުޅި ތަޅައިގެން ދިޔަ އެވެ. އަނެއްކާ ވެސް ބަލައިލެވުނީ މޭޒު މައްޗަށެވެ. މޭޒުމަތީގައި ހުރި ކޯސްޓު ދަޅަށެވެ. ކޯސްޓު ދަޅު ނަގައި ބޮލަށް އަރިކޮށްލީމެވެ. މުޅި ގަޔަށް ފުށްތައް އެޅުނެވެ. ފުށާއި ޖޫސް އެކުވުމުން މުޅި ގައިގައި ހުރީ ފުށްތައް ތަތްވެފަ އެވެ. ނޭފަތާއި ލޮލަށް ވެސް ފުށް އެޅުނެވެ. ނޭވާ ހާސްވާ ގޮތްވާން ފެށީ އެހައި ހިސާބުންނެވެ. މޫނު މައްޗަށް އަނދިރިވާ ގޮތްވި އެވެ.
ލޯ ހުޅުވާލެނު އިރު އޮތީ އެނދުމަތީގައެވެ. ފާޑެއްގެ އަޑެއް އިވޭތީ ވަށައިގެން ބަލައިލީމެވެ. ލޮލުގައި އަޅައިގަތީ އިބުރާހިމްބޭ އެވެ. އެއީ ފަންޑިތަ ހަދަން މަންމަ ގެންނަ މީހެކެވެ. އޭނާ ތުންތަޅުވަ އެވެ. އަހަރެން ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އޭނާ ހަދާ ފަންޑިތަ އަހަންނަށް އެނގޭތީ އެވެ. އެ ވާހަކަ އެތައް ފަހަރަކު މަންމަ ގާތު ބުނެދީފީމެވެ. އެކަމަކު އިވުނު ކަމަކަށް ނުހަދަ އެވެ. އަހަރެން ލޯ ހުޅުވުމާއެކު މަންމަ އާއި ބައްޕަ އަދި ކޮއްކޮ ކޮޓަރިން ނުކުތީ އެވެ.
"ނުދާށޭ. އަހަރެން ބާއްވައިފަ ނުދާށޭ. މި ހިރަ ނުލަފާކަލޭގެ މިތަނުން ނެރޭށޭ. މި ބުނީއެއް ނޫންހޭ ނެރޭށޭ." އަހަރެން ބާރުބާރަށް ހަޅޭއްލަވާ ގަތީމެވެ.
މަންމައާއި ބައްޕަ ހުއްޓުނެވެ. އެމީހުން ބަލައިލީ އިބްރާހިމްބޭގެ މޫނަށެވެ. އޭނާ އިޝާރާތް ކޮށްލީ ބޭރަށް ނުކުތުމަށެވެ. އަހަރެން އަނެއްކާ ވެސް ބާރުބާރަށް ހަޅޭއްލަވަން ފެށީމެވެ.
"ނުދާށޭ. އަހަރެން އެކަނި ކޮށްފަ ނުދާށޭ. އާދޭސްކޮށްފައޭ. އަހަރެން ސަލާމަތް ކުރާށޭ." ގިސްލަމުން ރޮމުން އަހަރެން ގޮވަމުން ދިޔައީމެވެ.
މަންމަ ކޮޓަރީގެ ދޮރު ލެއްޕި އެވެ. އިބްރާހިމްބޭ ތެދުވި އެވެ. ދޮރުގައި ތަންޑު އެޅުވި އެވެ. ކޮޓަރި އަނދިރި ކޮށްލި އެވެ. އަހަރެން އުޅުނީ ތެދުވާށެވެ. އަތެއް ފަޔެއް ގުޑުވާލެވޭ ގޮތެއް ނުވިއެވެ. އޮތީ އެނދާއެކު އައްސާފަ އެވެ.
"ތިހެން ނުހަދާށޭ. އަހަންނަށް ތިހެން ނުހަދާށޭ. މަންމާ! ބައްޕާ." އަހަރެން ބާރުބާރަށް ހަޅޭއްލަވަން ފެށީމެވެ.
އިބްރާހިމްބޭ އޭނާގެ މަގުސަދު ހާސިލު ކުރަން އެކި ގޮތްގޮތުން މަސައްކަތް ކުރަމުން ދިޔަ އެވެ. އޭނާ ބޭނުންވީ އަހަރެންގެ ހަޅޭއްކުގެ އަޑު ކަނޑުވާލާށެވެ. އެންމެ ފަހުން އަހަރެންގެ މޫނުމަތީގައި ބާލީސް އެޅިއެވެ. އަޑެއް ބަޑެއް ބޭރު ނުވާނެހެންނެވެ. އަހަރެން ސަލާމަތްވާ ލައްކަ މަސައްކަތް ކުރީމެވެ. އެތައް ފަހަރަކު ގަދަ ހެދީމެވެ. ބާލީހުން އަނގަ ނައްޓައިލެވޭތީ އުޅުނީމެވެ. އެއްވެސް ކަމެއް ނުކުރެވުނެވެ.
އެންމެފަހުން ވަރުބަލިވެގެން ނިދޭ ގޮތް ވިއެވެ. މީހާ އޮތީ ހަކަތަ ހުސްވާ ގޮތްވެފަ އެވެ. ބަޔަކު ވާހަކަ ދައްކާހެން ހީވެ އެވެ. ނަމަވެސް، ކިޔަނީ ކީކޭ ކަމެއް ނޭނގެ އެވެ. މޫނު މައްޗަށް ވެސް ހުރީ ފާޑެއްގެ ފުސްކަމެއް ވެރިވެފަ އެވެ. އުނގަނޑާ ދިމާގައި ދިލަ ރިހުމެއް ހުއްޓެވެ. ބޮލަށް ހުރީ ބަރު ޖެހިފައެވެ.
ހޭލެވުނީ ފަތިހުއެވެ. ފާޚާނާއަށް ދެވޭތޯ އެނދުން ތެދުވަން އުޅުނީމެވެ. ދެ ފައި ތުރުތުރު އަޅައިގަތެވެ. ބިންމަތީގައި ފައިތިލަ ޖައްސާލަން ވެސް އުނދަގޫވި އެވެ. އިރުކޮޅަކުން ރަނގަޅު ވެދާނޭ ހިތައި ކޮޅަށް ތެދުވެލީމެވެ. ތެދު ވިއިރަށް ފައި އަރި އަޅައިލައިގެން ވެއްޓުނެވެ. ވެއްޓި ޖެހުނީ އެނދު ކައިރީ ގޮދަޑި މަތީ ނިދިފައި އޮތް މަންމަގެ ގައިގަ އެވެ. ޖެހުނުއިރަށް މަންމަ ހޭލިއެވެ.
"ތަދު ވެސް ވެއްޖޭ. ހިނގައި ވެސް ނުލެވެނީތަ؟" މަންމަ ކުދި ކިޔަމުން އަހައިލި އެވެ.
"ވަރެއް ނެތް."
"ތެދުވެ ހިނގީމައެއް ނޫންތަ ވަރު ހުންނާނީ." ނިދިމޯޅައިގައި އޮވެ މަންމަ ބުނެލި އެވެ.
"ދަށްބަނޑާއި އުނަގަނޑުގައި ވެސް ރިހެނީ. ފައިގައި ވެސް ވަރު ނެތޭ." އަހަންނަށް ރޮވެން ފެށުނެވެ.
"އަދި ވެސް އެ ޖިންނި ނުކުންނަށް ނޫޅެނީތަ؟" މަންމަ ތެދުވެ އަހަރެންގެ އަތުގައި ހިފައި ނެގި އެވެ. "އިބްރާހިމް ރޭގައި ބުނި ޖިންނި ނެރެފައޭ މިދަނީ."
"މަންމާ! އަހަންނަކީ ޖިންނި މޮޔަވާ މީހެއް ނޫނޭ. އެ އިބުރާހިމް އަހަންނާ..." އަހަންނަކަށް ފުރިހަމައެއް ނުކުރެވުނެވެ.
"ހުސް ދޮގު. އެހެންނު ވާނީ ތިމާ އުޅޭނީ އެހެން މީހުން އުޅޭ ގޮތަކަށް ނޫން ވިއްޔަ." މަންމަގެ ރަސްމީ ރާގުގައި ވާހަކަދެއްކިއެވެ.
"އަހަރެން ޑޮކުޓަރަށް ގެންގޮސް ދައްކަދީބަލަ. އާދޭސްކޮށްފަ ބުނަން. މި ދައްކާ ވާހަކަ ޔަގީން ކުރެވޭނެ،" އަހަރެން އެނދުގައި އިށީނީމެވެ. "މަންމާ! މަންމައަކީ އަންހެނެއް ނޫންތަ؟ އަންހެނެއްގެ އިހުސާސްތައް އަންހެނަކަށް އެނގޭނެ. އަންހެނަކަށް ކުރާ އަނިޔާއާ، އަންހެނަކަށް މީހަކު ގަދަކަމުން ކުރާ ކަންތައް މަންމައަށް އިހުސާސްވާނަމަ... މަންމަ އެމީހާ ގެނެސް އަހަންނަށް ކޮންމެ ފަހަރަކު... ހަމަ ކޮންމެ ފަހަރަކު ތި ދެނީ އަނިޔާ. ކީއްވެތަ؟ މަންމާ އާދޭސްކޮށްފަ ބުނަން. މިއަޑު އަހައިބަލަ. ޤަބޫލުކޮށްބަލަ."
މަންމަ ބަލައިލީ އަހަރެންގެ މޫނަށެވެ.
"އާނ! އެ އިބްރާހިމް މަންމަމެން ކޮޓަރިން ނެރެފަ ކޮންމެ ފަހަރަކު ވެސް...، ކިތައް ފަހަރު އަހަންނަށް މިހާރު އޭނާ... ކިތައް ދުވަހު...،" ނޭފަތް ދަމައިލަމުން އަހަރެން ހިންދިރުވާލީމެވެ. "އާދޭސް ކުރަން. މަންމާ! އަންހެނަކަށް ވީތީ، އަންހެނެއްގެ އިހްސާސްތަކަށް ކަމޭހިތާނަމަ އަހަރެން ޑޮކުޓަރަށް ގެންގޮސްދީ! އާދޭސްކުރަން. އަހަރެން ގަބޫލު ކުރަން އަހަންނަށް މާބޮޑަށް ސާފު ކުރެވޭ ކަން. އެކަމު އެއީ ޖިންނިއާ ގުޅޭ ކަމެއް ނޫނޭ. އަހަރެން ގަބޫލު ކުރަމޭ އަހަންނަނީ އޯސީޑީ ހުންނަ މީހެއްކަން. އެކަމަކު މަންމަ ތި ކުރަނީ އެކަމާ ގުޅޭ ކަމެއް ނޫނޭ. އެ އިބުރާހިމް ލައްވާ."
ހިތައި ދެކޮޅަށް ނަމަވެސް، މަންމަ އެ ދުވަހު އަހަރެން ޑޮކުޓަރަށް ގެންދިޔަ އެވެ. މަންމައާއި ބައްޕައަށް ހުރިހާ ކަމެއް ހާމަވި އެވެ. އަހަރެންގެ ކުށެއް ނެތި އަހަރެން ބަދުނާމުވި އެވެ. މަންމައާއި ބައްޕައަށް ހެދުނު ގޯހުގައި ފަތަން ޖެހުނީ އަހަންނަށެވެ. އިބްރާހިމް ހައްޔަރުކޮށް އޭނާއަށް ހުކުމް ތަންފީޒު ކުރަން ފެށީ އެވެ. އަހަންނަށް ބަނޑުގައި އަތް ޖައްސާލެވުނެވެ. ކުޑަކޮށް ތޮޅި ލީމައެވެ. ހިތްހަމަ ޖެހުމުނެ ނޭވާއެއް ދޫކޮށްލެވުނެވެ.
"ދަރިފުޅާ ދެން ފެންވަރަށް ދާން އުޅޭ!" މަންމަގެ އަޑު އިވުމުން އަހަންނަށް ބަލައިލެވުނެވެ.
"ނުވަރާނަން... ފެނެއް ނުވާރާނަށް. މި ބުނީނު ނުވަރާނަމޭ. ދެން މަ ފެން ވަރުވަން އުޅޭނެ ކަމެއް ނެތް." އަހަންނަށް ރުޅި އާދެވުނެވެ.
"ދަރިފުޅާ! އަނެއްކާ ވެސް އެ ޚިޔާލުތައް ކުރެވެން ފެށީ ދޯ! ދަރިފުޅު މަންމައާ ތި ގޮތަށް ވާހަކަ ދައްކަނީ އެ ހަނދާންތައް އާވީމައެއްނު،" މަންމަ ވަރަށް އޯގާތެރިކަމާއެކު އަހަރެންގެ މޫނުގައި ފިރުމާލިއެވެ. "މިހާރު ތިހެން އުޅޭކަށް ނުވާނެ. ބަނޑުގައި ތި އޮތް ދަރިފުޅުގެ ހައްގުގައި ވެސް."
"ހައްޤޭ ކިޔައިގެން ވާހަކަދައްކަން ކަލޭ މިތަނުން ދާން އުޅޭ،" އަހަރެންގެ ރުޅިގަނޑު މަޑުވެ ރޮވޭ ގޮތްވާން ފެށިއެވެ. "އަހަންނަށް އެ ކަން ނުކުރަން ކިތައް ފަހަރު ބުނިން. އަހަންނަށް އެހެން ނަހަދަން ކިތައް ދުވަހު ބުނިން. އަހަންނަކީ ވެސް އިންސާނެއްކަން ކިޔައި ނުދެންތަ؟ އަހަރެން ފެންވަރާތީ، ސާފުކުރާތީ ކަންތައް ބޮޑުވީމަ، އަހަންނަށް ލިބުނު ލަނޑަކީ މީ. މިއޮތީ. މިއޮތީ ބަލައިބަލަ. އާނ، އަހަރެންގެ ބަނޑު ބަލައިބަލަ. މި އޮތީ ދިން ހަދިޔާއަކީ."
އަހަރެން ހަޅޭއްލަވަން ފެށުމުން ކޮޓަރިން ނިކުންނަށް މަންމަ ހިނގައިގަތެވެ. ދަމުން ބަލައިލި އެވެ.
"މަންމަގެ ކުށް ގަބޫލުކުރަން،" މަންމަގެ ދެ ލޯ ފޮހެލިއެވެ. "މަންމައަށް މާފުކުރޭ."
"މާފުކުރާށޭ ހަފީޒާ. މާފުކުރާށޭ ހަފީޒާ... ހަފީޒާ މާފުކުރާށޭ... ހައްހައް މާފުކުރާށޭ..." އަހަރެން ގާތަށް އައީ ފާޑެއްގެ ހިންޏެކެވެ.
މަންމަ ދެއްކި ވާހަކައިންނެވެ. މަންމަގެ ނަން ކިޔަމުން ތަކުރާރުކޮށް އެކެއްޗެއް ކިޔުނެވެ. ހަމަ ވިސްނުން ލިބުނީ ތަންކޮޅެއް ފަހުންނެވެ. އޭރު މީހާ އިނީ ގުނބު ހިލިފައެވެ. އަތުގައި އޮތް ވާފަށް މޮހައިލަމުން ގޮނޑިން ތެދުވެ ހިނގައިގަތީމެވެ. އަމިއްލަ ސޫރަ ލޯގަނޑުން ބަލައިލީމެވެ. ފާޑަކަށް ހިނިތުން ވެވުނެވެ. ފުފިފައިވާ ދެކޮލާއި ކުރިއަށް ނިކުމެފައިވާ ބަނޑު ފެނުމުންނެވެ. ހޭވި، ކިސުޅިވެފައިވާ އިސްތަށި ގަނޑާއި، އެގޮތް މިގޮތަށް ޖެއްސިފައި ހުރި ލިޕްސްޓިކްތައް ފެނުމުން ދެރަ ވެސް ވިއެވެ. ދެ ލޯ ކައިރިން ކަޅުވެފައިވާ ތަންތަނުގައި އިނގިލި ޖައްސާލެވުނެވެ،
"މި މަންމަމެން ދިން އަނިޔާއެއް. ދުވަހަކު ވެސް މާފެއް ނުކުރާނަން. ދުވަހަކު ވެސް މާފެއް ނުކުރާނަން." އަހަންނަށް ބުނެލެވުނެވެ. "ހަފީޒާއަށް. އާއިލާއަށް، މާފު ހައްގެއް ނޫން." (ނިމުނީ)