ލައިފްސްޓައިލް

އަތާ އަތް ޖޯޑުކޮށް ސަލާން ކުރުން އުވުނީބާ؟

May 9, 2020

އެތައް ހާސް އަހަރަކުއްސުރެ އިންސާނުން ދިރި އުޅެމުން އައި ގޮތަށް މިހާރު ވަނީ ބޮޑު ބަދަލެއް ގެނެސްފަ އެވެ. އެކަކަ އަނެކަކާ ބައްދަލުކޮށް ސަލާންގަލާން ކޮށްނުލެވޭތާ މީހަކާ ބައްދަލުކޮށް ކައިރީގައި ތިބެގެން ވާހަކަ ދައްކާލެވޭނެ ގޮތެއް ވެސް ނެތެވެ. އެގޮތުން މީހަކާ ބައްދަލުވާއިރު އަތާއަތްޖޯޑުކޮށް ސަލާން ކޮށްލުމުގެ ސަގާފަތަކީ އަލުން އަނބުރާ އަތުވެދާނެ ސަގާފަތެއްތޯ ވެސް ގިނަބަޔަކު ސުވާލު އުފައްދަ އެވެ.

އަތާއަތް ޖޯޑުކޮށް ސަލާން ކުރުމަކީ ދެ މީހަކު ބައްދަލު ކުރާއިރު އާއްމުކޮށް އެންމެ ފުރަތަމަ ވެސް ކުރާ ކަމެވެ. ޚާއްސަކޮށް އަލަށް ބައްދަލުވާ ދެ މީހަކު ފުރަތަމަ ވެސް އެކަކު އަނެކަކަށް ތައާރަފްވާނީ ސަލާން ކޮށްލުމަކުންނެވެ. ނަމަވެސް މިކަން މިހާރު އެއްގޮތަކަށް ވެސް ކުރެވޭކަށް ނެތެވެ. އަދި ކުރިޔަށް އޮތް ތަނުގައި ގިނަ ބަޔަކު މިކަން ކުރަން ފަސް ޖެހޭނެ ކަމަށް ވެސް ބެލެވެ އެވެ.

އެހެންވިއްޔާ ދެން ސަލާން ކުރުމުގެ ބަދަލުގައި ކުރާނީ ކޮން ކަމެއް ހެއްޔެވެ؟ މިއީ އެއްވެސް ޖަވާބެއް އަދި ލިބިފައި ނުވާ ސުވާލެކެވެ.

ސަލާން ކުރުން ފެށިގެން އައި ގޮތާ މެދު ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެ އެވެ. އެއް ބަޔަކު ބުނަނީ ސަލާން ކުރުމަކީ ބޯދާ ޒަމާނުގައި ގްރީކުން ކުރަން ފެށި ކަމެއް ކަމަށެވެ. އެއީ އެކަކު އަނެކަކާ ބައްދަލުވާއިރު ދެ މީހުން ވެސް އެއްވެސް ހަތިޔާރެއް ނުގެންގުޅޭ ކަމާއި އަމާންކަން އޮތްކަން ހާމަކޮށްދިނުމަށް ކުރަން ފެށި ކަމެއް ކަމަށް ބައެއް މީހުން ބުނެ އެވެ.
ކޮންމެ ގޮތަކަށް ސަލާން ކުރުމުގެ ސަގާފަތް ފެށިފައި ވިޔަސް މިހާރު އިތުރަށް ދެން މިކަން ކުރިޔަށް ނުގެންދެވިއްޖެނަމަ ދެ މީހަކު ފުރަތަމަ ބައްދަލުވާއިރު ސަލާން ކުރުމުގެ ގޮތުން ކުރާނީ ކޮން ކަމެއް ހެއްޔެވެ؟ މިހާރު ވެސް ބައެއް މީހުން ސަލާން ކުރަން އަތްޖޯޑު ކުރުމުގެ ބަދަލުގައި ދެ އުޅަބޮނށި ޖައްސާތަން ފެނެ އެވެ.

ތަޖުރިބާކާރުން ބުނަނީ ކޮންމެ ގޮތެއް ވިޔަސް އަނގައިން ސަލާން ގޮވުމާއެކު ކޮންމެވެސް ކަހަލަ ގޮތަކަށް އެކަކު އަނެކަކުގެ ގައިގައި ޖެހިލުން ވެސް މުހިއްމު ކަމަށެވެ. އެ ފިޒިކަލް ކޮންޓެންޓް މުޅިން ދޫކޮށްލުން ރަނގަޅު ނޫން ކަމަށެވެ.

ދެއަތް ޖޯޑުކޮށް ސަލާން ނުކުރުމަށް ބައެއް ގައުމުތަކުގައި ތަފާތު ސަގާފަތްތައް ގެންގުޅެ އެވެ. ޚާއްސަކޮށް ހިލޭ ފިރިހެނުންނާއި އަންހެނުން ސަލާން ކުރަން ބޭނުން ނުވާތީ ބައެއް ގައުމުތަކުގައި އަމިއްލަ އަށް ދެ އަތްޖޯޑުކޮށް ކުރިމައްޗަށް އުފުލާލާފައި ކުރިމަތިން ހުންނަ މީހާއާ ސަލާން ކޮށްލަން އެވެ. އިންޑިއާ ފަދަ ގައުމުތަކުގައި ގެންގުޅެނީ "ނަމަސްތޭ" ގެ މި ސަގާފަތެވެ.

ސަމޯއާގައި ސަލާންކުރަނީ ދެ ބުމަ މައްޗަށް އުފުލާލާފައި ތުންފަތަށް ބޮޑު ހިނިތުންވުމެއް ގެނެސްގެންނެވެ.
މުސްލިމް ގައުމުތަކުގެ ތެރެއިން ބައެއް ގައުމުތަކުގައި އޮންނަ ސަގާފަތަކީ ސަލާން ގޮވާލުމަށްފަހު އަދަބު އިހުތިރާމުގެ ގޮތުން އެމީހާގެ އަތް ގެނެސް އޭނާގެ މޭގައި ހިތް އިންނަ ހިސާބުގައި ޖައްސާލުމެވެ.

ހަވާއީ އާއި އެނޫން ވެސް ބައެއް ހިސާބުތަކުގައި އިނގިލީގެ އިޝާރާތުން ސަލާން ކުރާ ބަޔަކު ވެސް އުޅެ އެވެ.
ސުވާލަކީ ކޮރޯނާވައިރަހުގެ ވަބާއިން ދުނިޔެ ސަލާމަތްވެ މީހުންގެ ދިރިއުޅުމުގެ ހާލަތު އާއްމު ހާލަތަކަށް ބަދަލުވުމަށްފަހު ސަލާންކުރުމުގެ ސަގާފަތަށް އަންނާނީ ކޮން ކަހަލަ ބަދަލެއް ހެއްޔެވެ؟ ހަމަ ގައިމުވެސް ޔަގީންވާ ކަމަކީ އަތާ އަތް ޖޯޑު ކުރުމަކީ ވަރަށް ގިނަ ބަޔަކަށް އެހާ ފަސޭހަ ކަމަކަށް ނުވާނެ ކަމެވެ.