ރާއްޖެ ކުޅިވަރު

ޕީޑީއާރްއެމްގެ އަމާޒަކީ ޕޮމިސް ކަޕްގެ ތަށި: ކޯޗު

ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ކުޅެމުންދާ މެލޭޝިއާގެ ޕީޑީއާރްއެމްގެ އަމާޒަކީ މި މަހު އޮންނަ ޕޮމިސް ކަޕް ކާމިޔާބުކުރުން ކަމަށް އެ ޓީމުގެ ކޯޗު އަޒްމާން އަދުނާން ބުނެފި އެވެ.

ކުރިއަށް އޮތް މެލޭޝިއާ ސުޕަ ލީގަށް ތައްޔާރުވަމުންދާ އަޒްމާން ބުނީ ޕީޑީއާރްއެމްގެ އެންމެ މުހިންމު ކުޅުންތެރިއަކީ ދަގަނޑޭ ކަމަށާއި ދަގަނޑޭގެ ހުނަރާއެކު އެ ޓީމަށް ޕޮމިސް ކަޕް ކާމިޔާބުކުރެވިދާނެ ކަމަށެވެ.

"އަހަރެމެން ބޭނުންވަނީ މި މުބާރާތް ކާމިޔާބުކުރަން. އަދި މި އަމާޒު ހާސިލްކުރުމުގައި އަހަރެމެންގެ އެންމެ މުހިންމު ކުޅުންތެރިއާ އަޝްފާގަށް މުހިންމު ދައުރެއް އަދާކުރެވޭނެ،" އަޒްމާން ބުންޏެވެ. "މިއީ ޕްރީ ސީޒަނަށްވުމުން މި މުބާރާތުގައި އަހަރެން ހުރިހާ ކުޅުންތެރިންނަށް ވެސް ފުރުސަތު ދޭނަން. މިއީ ސީޒަނަށް ތައްޔާރުވުމަށް ލިބޭ ރަނގަޅު ފުރުސަތެއް."

އަޒްމާން ބުނީ ޕީޑީއާރްއެމް އިން ރާއްޖެ އަށް ކުރާ ފުރަތަމަ ދަތުރުގައި، ދިވެހި ސަޕޯޓަރުންގެ ފަރާތުން އެ ޓީމަށް ރަނގަޅު ތަރުހީބެއް ލިބޭނެ ކަމަށް ގަބޫލްކުރާ ކަމަށެވެ.

"އަޝްފާގަކީ ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން. އެހެންކަމުން ޕީޑީއާރްއެމް އަށް ރާއްޖޭގައި ރަނގަޅު ސަޕޯޓެއް އޮންނާނެ ކަމަށް ގަބޫލްކުރެވޭ،" އަޒްމާން ބުންޏެވެ.