ކީލިއަން އެމްބާއްޕޭ

އެމްބާޕޭ ބޭނުންވަނީ ރަންބޫޓް އެވޯޑް ޝެއާކުރަން

ފްރާންސް ލީގްގެ އެންމެ ގިނަ ގޯލު ޖަހައިގެން ދޭ ރަންބޫޓް އޭނާ އާ އަވަރަށް ލަނޑު ޖަހާފައިވާ މޮނާކޯގެ ވިސާމް ބެން ޔޭޑާ އާ ހިއްސާ ކުރަން ބޭނުންވާ ކަމަށް މި ސީޒަންގައި ރަންބޫޓް އެވޯޑް ހޯދި، ޕީއެސްޖީގެ ފޯވަޑް ކިލިޔަން އެމްބާޕޭ ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ފްރާންސްގެ ފުޓްބޯޅައިން ވަނީ އެ ގައުމުގެ ލީގްގެ ބާކީ ހުރި މެޗުތައް ކެންސަލްކޮށް ލީގް ނިންމާލާފަ އެވެ. އަދި ލީގް ޗެމްޕިއަންކަން ޕީއެސްޖީއަށް ދޭން ނިންމީ، ލީގް މެދުކަނޑާލިއުރު އެ ޓީމު އެއް ވަނައިގައި އޮތުމުންނެވެ.

ލީގްގެ ނިންމާލިއިރު އެންމެ ގިނަ ލަނޑު ޖަހައިފައި ވަނީ އެމްބާޕޭ އާއި ބެން ޔޭޑާ އެވެ. ދެ ކުޅުންތެރިން ވެސް ވަނީ 18 ލަނޑު ޖަހާފަ އެވެ. ބެން 18 ލަނޑު ހަމަ ކުރީ ތިން ޕެނަލްޓީއާ އެކުއެވެ. އެމްބާޕޭއަށް ރަން ބޫޓް އެވޯޑް ލިބުމުން މަރުހަބާ ކީ ފަރާތްތަކަށް ޝުކުރު އަދާ ކުރުމަށް ފަހު އޭނާ ބުނީ، ޕްރިމިއާ ލީގްގައި ހަދާހެން ލަނޑު އެއްވަރުނަމަ ހުރިހާ ކުޅުންތެރިންނަށް ރަން ބޫޓް ދޭ އުސޫލު ފްރާންސް ލީގުން ވެސް އަމަލު ކުރަންވީ ކަމަށެވެ.

"ލިބުނު މެސެޖުތަކަށް ޝުކުރު އަދާ ކުރަން، އަހަންނަށް ހީ ވަނީ ވިސާމްއަށް ވެސް އެވޯޑެއް ހައްގުވާހެން،" ޓްވިޓާގައި އެމްބާޕޭ ބުނެފައި ވެއެވެ.

މިދިޔަ ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގްގައި އެއްވަރަކަށް ލަނޑު ޖަހައިގެން، އާސެނަލްގެ ޕީއާ އެމްރިކް އޮބާމެޔެންގް އާއި ލިވަޕޫލްގެ މުހައްމަދު ސަލާހް އަދި ސެޑިއޯ މާނޭއަށް ވަނީ، ރަންބޫޓް އެވޯޑް ދީފަ އެވެ. މިދިޔަ ސީޒަންގައި އެއިން ކޮންމެ ކުޅުންތެރިޔަކު ވެސް ވަނީ 22 ލަނޑު ޖަހާފަ އެވެ.