ޓްރާންސްފާ މާކެޓް

ކުޅުންތެރިންގެ އަގު ދަށް ނުކުރާނަން: އަޔެކްސް

ކޮރޯނާ ވައިރަސް އާ ގުޅިގެން ކޮންމެ ހާލަތަކަށް ދިޔަ ނަމަވެސް، އަޔެކްސްއިން ކުޅުންތެރިންގެ ޓްރާންސްފާގެ އަގު ދަށް ނުކުރާނެ ކަމަށް އެ ކުލަބުގެ ޗީފް އެގްޒެކެޓިވް އެޑްވިން ވެންޑަސާ ބުނެފި އެވެ.

ކުރިން އަޔެކްސްއަށް ކުޅުނު ކީޕަރު، 2011 ވަނަ އަހަރު ކުޅުން ހުއްޓާލުމަށް ފަހު އަޔެކްސްގެ ސީއޯ ކަމާ ހަވާލުވީ 2016 ވަނަ އަހަރު އެވެ. އެ މަގާމާ ހަވާލުވުމަށް ފަހު އޭނާ އެންމެ އިސްކަން ދިނީ، އަޔެކްސްގެ ޔޫތު ސިސްޓަމް ހަރުދަނާ ކުރުމަށެވެ. އެގޮތުން ޔޫތު ޑިވެލޮޕްމެންޓަށް ބޮޑު ހޭދައެއް ކުރި އެވެ.

އޭރު އެޅި ބިންގަލުގެ ތެރެއިން އަޔެކްސްގެ ކުޅުންތެރިންނަށް ޔޫރަޕްގެ އެހެން ބޮޑެތި ކުލަބުތަކުން ދަނީ ފާރަލަމުންނެވެ. މިހާރު އެ ޓީމުގެ ތިބި ކުޅުންތެރިންގެ ތެރެއިން އެހެން ކުލަބުތަކުން ޝައުގުވެރިވާ ކުޅުންތެރިންނަކީ، މިޑްފީލްޑަރު ޑޮނީ ވެންޑެބީކް، އަދި ގޯލްކީޕަރު އެންޑްރޭ އޮންނާ އެވެ. އެ ޓީމުގެ މިޑްފީލްޑަރު ހާކިމް ޒިޔެކްގެ ޓްރާންސްފާ މިހާރު ވަނީ ޗެލްސީއަށް ނިމިފަ އެވެ. މިއަހަރު ފެބްރުއަރީ މަހު ޗެލްސީން އެއްބަސްވެފައި ވަނީ އަޔެކްސްއަށް 40 މިލިއަން ޔޫރޯ ދިނުމަށެވެ. ޒިޔެކް ޗެލްސީއަށް ބަދަލުވާނީ އަންނަ ސީޒަނަށެވެ.

ކޮރޯނާ ވައިރަސް އާ ގުޅިގެން، ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި ކުޅުންތެރިންގެ އަގު ދަށްވާނެ ކަމަށް ވަނީ، ބެލެވިފަ އެވެ. ވެންޑަސާ ބުނީ، ކުޅުންތެރިންގެ އަގު ދަށް ކުރުމުގެ ވިސްނުމެއް އަޔެކްސްއިން ނުގެންގުޅޭ ކަމަށެވެ.

"ބަޔާން މިޔުނިކް ކަހަލަ ބޮޑެތި ކުލަބުތަކުން އެބަ އޮތް ބުނެފަ ކުޅުންތެރިން ގަތުމުގެ އާންމު އަގު ދަށް ވާނެކަމަށް، އެކަމަކު އެމީހުންނަށް އެހެން ބުނަން ފަސޭހަ ވާނެ، ސަބަބަކީ އެ ކުލަބުތަކަކީ އަބަދުވެސް ކުޅުންތެރިން ގަންނަ ކުލަބުތައް ކަމަށްވާތީ،" ކުރިން ޔުވެންޓަސް އަދި މެންޗެސްޓާ ޔުނައިޓެޑަށް ވެސް ކުޅުނު ކީޕަރު ބުންޏެވެ. "އަހަރެން ވެސް ގަބޫލު ކުރަން 150 ނުވަތަ 200 މިލިއަން ޔޫރޯގެ ޓްރާންސްފާގެ އަގުތައް ހިނގައްޖެ، އެކަމަކު އަހަންނަށް ހީވަނީ އަދިވެސް އަޔެކްސްގެ ކުޅުންތެރިންގެ އަގު އެބަހުރިހެން ސަބަބަކީ އެ ކުޅުންތެރިންނަކީ ފުޓްބޯޅަ ވަރަށް ރަނގަޅަށް އެނގޭ ކުޅުންތެރިންނަށް ވާތީ، ތަޖުރިބާ ހުރި ކުޅުންތެރިންނަށް ވާތީ ޔޫރަޕްގައި ކުޅެފައިވާ ކުޅުންތެރިންނަށް ވީމަ."

ވެންޑެބީކްގެ އަގު ބޮޑުވާނެ

އަޔެކްސްގެ ކުޅުންތެރިންގެ ތެރެއިން، އެންމެ ބޮޑު ސަމާލުކަމެއް ލިބޭ ކުޅުންތެރިޔަކީ، މިޑްފީލްޑަރު ވެންޑެބީކް އެވެ. ޔޫރަޕްގެ ވަރުގަދަ ތިން ކުލަބަކުން އޭނާ ގެންދިއުމަށް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ރެއާލް މެޑްރިޑް އާއި ޔުވެންޓަސް އަދި މެންޗެސްޓާ ޔުނައިޓެޑުން ވެންޑެބީކް ގެންދަން މަސައްކަތް ކުރެ އެވެ.

ވެންޑަސާ ބުނީ، މިދިޔަ ސީޒަން ނިމުމަށް ފަހު، އިތުރު ސީޒަނަކަށް މަޑުކުރަން ވެންޑެބީކް އާއި އޮންނާ އާއެކު އެއްބަސް ވެފައިވާނެ ކަމަށެވެ. އެގޮތުން އެ ކުޅުންތެރިން ވަނީ، މި ސީޒަންގައި އަޔެކްސްގައި މަޑުކޮށްފަ އެވެ.

"އަހަރެމެން އެއްބަސްވީ މި ސީޒަން ނިމުމަށް ފަހު އެ ކުޅުންތެރިންގެ ކެރިއަރުގައި ދެން އޮތް މަރުހަލާއަށް ދިއުމަށް އެހީތެރިވެދޭނެ ކަމަށް، ޝައުގުވެރިވާ ކުލަބުތަކުން އަގު ހުށަހަޅަންވީ، އެހެންނަމަވެސް އަހަރެމެންގެ ވިސްނުމެއް ނެތް އަގު ދަށް ކުރާކަށް، އެއްވެސް ކުލަބަކުން ހީކޮށްގެން ނުވާނެ 50 ޕަސަންޓް ޑިސްކައުންޓް ލިބޭނެއެކޭ."