ލައިފްސްޓައިލް

ފައިތިލައިން ނުބައިވަސް ދުވަންޏާ ހަދާނީ ކިހިނެއް؟

ފައިތިލައިން ނުބައިވަސް ދުވާތީ ވަރަށް ގިނަ މީހުންނަށް އުޅެން ޖެހޭނެ އެވެ. އެހެން ދިމާވަނީ ފައިތިލައަކީ އަހަރެމެންނަށް ނޭނގި ނަމަވެސް އެންމެ ގިނައިން ބޭނުންކުރެވޭ ތަނަށް ވާތީ އެވެ. ދުވާލު ހަތަރު ދަމު އިސްޓާކީނާއި ބޫޓު އަދި އެކި ކަހަލަ ބެދިފައި ހުންނަ ފައިވާނުގައި އުޅޭނަމަ ފައިތިލަ ވަރަށް ބޮޑަށް ބަންދުވެފައި ހުރެ އެވެ. އަދި ދާހިތްލާ ނުބައިވަސް ދުވަން މެދުވެރިވެ އެވެ. ފައިތިލައަކީ އަހަރެމެންގެ ހަށިގަނޑުގެ މުޅި ބަރުދަނުގެ ބޮޑު ބައެއް ހިފައިގެން ދުވާލެއްގެ ގިނަ ވަގުތެއްގައި އެންމެ ބުރަކޮށް މަސައްކަތްކުރާ ހަށިގަނޑުގެ ބައި ކަމުން މިގޮތަށް ދިމާވަނީ އެވެ. އެހެންވީމާ ކުޑަކޮށް ފައިތިލައިން ދާހިތްލާ ނުބައިވަސް ދުވިޔަސް ޝަކުވާ ކުރާނެ ފުރުސަތެއް ނެތެވެ.

ނަމަވެސް ބައެއް މީހުންގެ ފައިން ވަރަށް ބޮޑަށް ދާހިތްލާއިރު ވަރަށް ކުޑަކޮށް ދާހިތްލާ މީހުން ވެސް ތިބެ އެވެ. ބައެއް މީހުން ކިތަންމެ ވަރަކަށް ފެންވަރާ ފައިތިލަ ސާފުކުރިޔަސް އަދި އިސްޓާކިނު އަވަސް އަވަހަށް ބަދަލުކުރިޔަސް އަދި ފައިތިލަޔަށް ސްޕްރޭކުރާ ޑިއޮޑްރަންޓް ބޭނުންކުރިޔަސް ނުބައިވަސް ކަނޑުވާނުލެވިގެން އުޅެން ޖެހެ އެވެ.

ބައެއް ފަހަރު ވަރަށް ލަދުގަންނަން ޖެހޭ ކަހަލަ ކަންކަން ވެސް ފައިން ދާހިތްލާ މީހުންނަށް ދިމާވެ އެވެ. އެހެންވެ ނުބައިވަސް ދުވަނީ އަމިއްލަ ފައިތިލައިން ކަމަށް އެއްބަސްވާކަށް އެއްވެސް މީހަކު ބޭނުމެއް ނުވެ އެވެ.

ފައިތިލައިން ނުބައިވަސްދުވުމަށް ޑޮކްޓަރީބަހުން ކިޔަނީ ބްރޯމޮޑޯސިސް އެވެ. މިއީ ވަރަށް އާއްމުކޮށް ދިމާވާ ކަމެކެވެ. މިކަމުގެ ސަބަބުން ފައިތިލައިން ގިނައިން ދާހިތްލާ ބެކްޓީރިއާ އަށަގަނެ އެވެ. ނުބައިވަސް ނުކުންނަނީ މި ޖަރާސިމުންނެވެ.
އެތުލީޓް ފުޓް ފަދަ ފަންގަލް އިންފެކްޝަންތަކުގެ ސަބަބުން ވެސް ބްރޮމޮޑޯސިސްގެ މައްސަލަތައް ކުރިމަތިވެ އެވެ. އަބަދު އެއް އިސްޓާކީނަކަށް އަރާނަމަ ނުވަތަ އަބަދު އެއް ބޫޓަކަށް އަރާނަމަ ނުބައިވަސް ދުވާ މައްސަލަ އިތުރުވެ އެވެ. ނަމަވެސް މި މައްސަލަ އެންމެ ބޮޑަށް ދިމާވަނީ ޓީންއޭޖް އުމުރުގެ ކުދިންނަށާއި މާބަނޑު އަންހެނުންނަށެވެ. ސަބަބަކީ މި ފަދަ މީޙުންގެ ހޯމޯންތަކަށް އަންނަ ބަދަލެވެ.

ދުވާލުގެ ގިނަ ވަގުތު ކޮޅަށް ހުންނަން ޖެހުމާއި މާ ބާރު ބޫޓަކަށް އަރައިގެން އުޅެން ޖެހުމުން ވެސް ފައިތިލައިން ނުބައިވަސް ދުވުން އެކަށީގެން ވެއެވެ. އަދި ސްޓްރެސް އަކީ ވެސް މިކަން ދިމާވާ ސަބަބެކެވެ. ބޫޓަށް އަރައިގަން ހުންނައިރު ދާހިތްލާ އެ ދާތައް ރަނގަޅަށް ނުހިކި ހުރިނަމަ ދެން އަރަން ބަލާއިރު ބޫޓުގައި ނުބައިވަސް ހިފާފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

މިކަމަށް އޮތް ހައްލަކީ ބޫޓާއި އިސްޓާކީނު ވީހާ ވެސް ގިނަގިނައިން ސާފުކޮށް އަބަދު އެކައްޗެއް ބޭނުން ނުކުރުމެވެ. އަބަދު އެއް އިސްޓާކީނެއް ނުވަތަ އެއް ބޫޓަކަށް އަރާނަމަ މި މައްސަލަ ހައްލުކުރަން އުނދަގޫވާނެ އެވެ. އަދި ފައިތިލަ ވީހާވެސް ސާފުކޮށް ބެލެހެއްޓުމަކީ ވެސް ވަސް ދުވުމަށް އޮތް ހައްލެކެވެ.

ފައިތިލައިން ނުބައިވަސް ދުވާނަމަ ކޮންމެ ދުވަހަކުވެސް އެންޓި-ބެކްޓީރިއަލް ސައިބޯންޏަކުން ފައިތިލަ ދޮންނާށެވެ. ފެންވަރާ ނިމިގެން އަދި އެނޫންވެސް ކަމުކަމު ފައި ދޮވެފައި ރަނގަޅަށް ހިއްކަން އާދަކުރާށެވެ. ދެ ދުވަހު ޖެހިޖެހިގެން އެއް ބޫޓަކަށް ނާރާ ވޭތޯ ބަލާށެވެ. އޭރުން ބޫޓު ރަނގަޅަށް ހިކެން ފުރުސަތު ލިބޭނެތީ އެވެ. އަދި މާ ގިނަގިނައިން ބޫޓަށް އަރައިގެން އުޅެންޖެހޭ މީހުން އެއް ބޫޓަށް ވުރެ ގިނަ ބޫޓު ގެންގުޅޭށެވެ.