ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މެޑްޓެކްއިން 18 ވެންޓިލޭޓަރު ގެނެސްފި

May 10, 2020

ސަރުކާރުން ރާއްޖެއަށް ގެންނަން މެޑްޓެކް މޯލްޑިވްސްއާ ހަވާލު ކުރި ވެންޓިލޭޓަރުތަކުގެ ތެރެއިން އައިސީޔޫ 18 ވެންޓިލޭޓަރު މިއަދު ގެނެސްފި އެވެ.

މެޑްޓެކުން އެ ވެންޓިލޭޓަރުތައް ގެނައީ ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ އެޖެންޓް އިނަ މޯލްޑިވްސްގެ އެހީތެރިކަމާއެކު ކާގޯ ފްލައިޓެއްގަ އެވެ.

އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 18 އައިސީޔޫ ވެންޓިލޭޓަރާއި އިތުރު މެޑިކަލް ސާމާނުތަކެއް ހިމެނޭ ގޮތަށް މެޑްޓެކް ކުންފުނީގެ ޝިޕްމަންޓް މިިއަދު މާލެ އައިސްފައިވާ ކަމަށެވެ.

ސަރުކާރުން މެޑްޓެކްއާ ހަވާލު ކުރީ 14 މިލިއަން ރުފިޔާއަށް 50 ވެންޓިލޭޓަރު ގެނައުމަށެވެ. އަދި ހަތް މިލިއަން ރުފިޔާއަށް 20 ވެންޓިލޭޓަރެއް ގެންނަން ނާޑް ކުންފުންޏަށް ވެސް ހަވާލު ކުރި އެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި އެތަކެތި ވަރަށް އަވަހަށް ބޭނުންވާތީ އެ ކުންފުނިތަކާ ހަވާލު ކުރީ ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ ދަށުންނެވެ.

ނަމަވެސް މިއަދާ ހަމައަށް އޭގެ ތެރެއިން ރާއްޖެއަށް އައިސްފައި ވަނީ މިއަދު މެޑްޓެކް ކުންފުނީގެ ޝިޕްމަންޓްގައި އައިސްފައިވާ 18 ވެންޓިލޭޓަރެވެ. ނާޑް ކުންފުންޏާ ހަވާލު ކުރި އެއްވެސް ވެންޓިލޭޓަރެއް އައިސްފައެއް ނުވެ އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައުލޫމާތުގައިވާ ގޮތުން، ވެންޓިލޭޓަރުތައް ގެނައުން ލަސްވެގެން ދިޔައީ އެ ތަކެތި އުފައްދާ ގައުމުތައް ލޮކްޑައުންވެ، ބޮޑެތި ގައުމުތަކަށް ވެސް އެ ތަކެތި ބޭނުން ވެފައިވާ މިންވަރު ބޮޑެވެ ތަކެތި އުފައްދާ ކުންފުނިތަކަށް އުފައްދައި ސަޕްލައި ކުރުމުގައި ތަކެތި އުފައްދާ ކުންފުނިތަކަށް ވެސް ހުރަސްތަކެއް ހުރުމުންނެވެ.

މެޑްޓެކްއާ ހަވާލު ކުރި ވެންޓިލޭޓަރުތަކުގެ ތެރެއިން ބައެއްް ވެންޓިލޭޓަރުތައް މި މަހުގެ ތެރޭގައި ލިބޭނެ ކަމަށް މެޑްޓެކް އިން ވަނީ ހެލްތު މިނިސްޓްރީއަށް އަންގައިފަ އެވެ. ނަމަވެސް ނާޑްއިން ތަކެތި ގެނައުމަށް މުއާމަލާތް ކުރި ކުންފުނިން ވެންޓިލޭޓަރު އުފެއްދުން ލަސްވެ، އެހެން ގޮތެއް ހޯދަން މަސައްކަތް ކުރަމުން އަންގަ ކަމަށް އެ ކުންފުނިން މިނިސްޓްރީއަށް އެންގި އެވެ.

މީގެ އިތުރުން ޑަބްލިއުއެޗްއޯ މެދުވެރިކޮށް ދުބާއީ ކުންފުންޏެއް ކަމުގައި އެކްސެކިއުޓާ ޖެނެރަލް ޓްރޭޑިން އިން 75 ވެންޓިލޭޓަރު ގެންނަން ވެސް ހަމަޖައްސާފައިވެ އެވެ. އޭގެ ތެރެއިން ބައެއް ވެންޓިލޭޓަރުތައް މި މަހުގެ ތެރޭގައި ލިބޭނެ ކަމަށް މިނިސްޓަރު އަމީން ވަނީ ވިދާޅުވެފަ އެވެ.