ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ތަކަންދޫ

ދެ ފަހަރު ނެގެޓިވް، އަދިވެސް ކަރަންޓީންގައި

ހއ. ތަކަންދޫއިން ކޮވިޑަށް ޕޮޒިޓިވްވި ފަސް އަހަރުގެ ކުއްޖާގެ ފަހުން ހެދި ދެ ޓެސްޓްވެސް ނެގެޓިވްވެފައިވާއިރު އަދިވެސް އެ ކުއްޖާއާއި މަންމަ ކަރަންޓީން ފެސިލިޓީގައި ބައިތިއްބާފައިވާތީ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ތަކަންދޫން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ދެ އަންހެނުންނާއި އަންހެން ކުއްޖެކެވެ. އެއީ ފަސް އަހަރުގެ އަންހެން ކުއްޖެކެވެ.
އެ އަންހެން ކުއްޖާ ހުރީ އޭނާގެ މަންމައާއެކު ދޮނަކުޅި އައިލެންޑް ހަޑަވޭ ގައެވެ.

އެ ކުއްޖާ ޕޮޒިޓިވްވީ ފަހުން މިހާތަނަށް ދެ ފަހަރު ސާމްޕަލް ނަގާ ވަނީ ޓެސްޓްކޮށްފައެވެ. ދެ ނަތީޖާވެސް ވަނީ ނެގެޓިވްވެފައެވެ. އަދި އެކަން އެޗްޕީއޭއިން ވަނީ އާއިލާއަށް އަންގާފައެވެ. ތިންވަނަ ސާމްޕަލް ނެގެޓިވް ކަމަށް އަންގާފައިވަނީ އިއްޔެއެވެ.

ތަކަންދޫން ކޮވިޑަށް ޕޮޒިޓިވްވި މީހުން ކަރަންޓީނަށް ގެންދިޔަ އިރު ފުރަތަމަ ގެންދިޔަ މީހުންގެ ތެރޭގައި އެ ކުއްޖާ ނުހިމެނެ އެވެ. އެ ފަހަރު އޮޅިގެން ފުރަތަމަ ގެންދެވުނީ ނަން އެއް ގޮތް އެހެން ކުއްޖެކެވެ. ފަސް އަހަރުގެ އަންހެން ކުއްޖާ ޕޮޒިޓިވްވެފައިވާކަން އަންގާ ކަރަންޓީން ފެސިލިޓީއަށް ގެންދިއުމަށްވެސް ގިނަ ވަގުތަކެއް ހޭދަވިއެވެ.

އާއިލާއިން ވާހަކަ ދެއްކި މީހަކު ބުނީ ކުއްޖާގެ މަންމައާއެކު ކަރަންޓީން ފެސިލިޓީގައި މިވަގުތު ބައިތިއްބާފައި ތިބީ ކީއްވެެގެންކަން ނޭންގޭ ކަމަށެވެ. އަދި ދެ ފަހަރު ނަތީޖާ ނެގެޓިވްވުމުން އިތުރަށް ކަރަންޓީން ފެސިލިޓީގައި ބައިތިއްބަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ. އަދި ދެން ވާންވީ ގޮތެއްވެސް އަދި ކަރަންޓީންގައި ބައިތިއްބާފައި ތިބީ ކީއްވެގެންކަންވެސް އަންގާފައިނުވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކުއްޖާގެވެސް އަދި އޭނާގެ މަންމަ އަދި އާއިލާގެ އެއްވެސް މީހެއްގެ ކިބައިންވެސް ކުޑަނަމަވެސް އަލާމާތެއް ނުފެނޭ. އަނެއްކޮޅުން ދެ ނަތީޖާ މިހާރު ނެގެޓިވްވީ. އެހެންވީމަ މިވަގުތު އެކަހެރިކޮށް އެ ދެމައިން ބޭތިއްބުން އެއީ ކަންބޮޑުވުމެއް. އަނެއްކޮޅުން ފުރަތަމަވެސް އެ ކުއްޖާއާ ދޭތެރޭ ކަންތައް ކުރެވުނީ ރަނގަޅަށް ނޫން. އެހެންވީމަ މިހާލަތުގައި އިތުރަށް މިހެން ކަންކަން ވުމަކީ ވަރަށް ކަންބޮޑުވާކަމެއް." ކުއްޖާގެ އާއިލާއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ތަކަންދޫ މައްސަލައާއި ގުޅިގެން ކުރިން އަވަސްގައި ސާއިއުކޮށްފައިވާ ރިޕޯޓެއް

ތަކަންދޫން ޕޮޒިޓިވްވެފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު "ކާވިޔާ" ބޯޓުން ދަތުރުކުރި ބައެކެވެ. އެ ބޯޓުން ތަކަންދޫއަށް ނިސްބަތްވާ 36 މީހަކު ދަތުރުކުރިއެވެ. އޭގެ ތެރެއިން 34 މީހުންގެ ނަތީޖާ ޑަބަލް ނެގެޓިވްވެފައިވެއެވެ. "ކާވިޔާ"ގެ ފުރަތަމަ ކޭސްއަކީ އުލިގަމު މީހެކެވެ. އެމީހާ ޕޮޒިޓިވްވީކަން އެނގުނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން ބޯޓް ދަތުރުކުރި ތަކަންދޫއަށް ނިސްބަތްވާ ހުރިހާ އެންމެން ތިބީ ހޯމް އައިސޮލޭޝަންގައެވެ.

އަދި ޕޮޒިޓިވްވީ މީހުންގެ އާއިލާތައްވެސް ތިބީ ހޯމް އައިސޮލޭޝަންގައެވެ.

"ކުއްޖާ ޕޮޒިޓިވްވިކަމަށް ބުނުމުން މުޅި އާއިލާ އެ ތިބެނީ ގޭގައި. އަސާސީ އެތައް ހިދުމަތްތަކަކުން އެވަނީ މަހުރޫމްވެފައި އެހެން ތިބެން ޖެހުމުން. މިހާރު ބަރާބަރު 25 ދުވަސް މިވީ. މިއީ ކިހާ ދެރަކަމެއްތޯ. އަޅުގަނޑުމެން އެދެނީ ހުރިހާ އެންމެންނާދޭތެރޭވެސް އެއްގޮތަކަށް އަމަލުކުރަން." އައްޑޫއިން ޕޮޒިޓިވްވީ މީހާގެ ދެވަނަ ނަތީޖާ ނެގެޓިވްވުމުން އައްޑޫ ސިޓީ ހުޅުވާލި ހުޅުވާލުމަށް އިޝާރާތްކޮށް ކުއްޖާގެ އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ތަކަންދޫ އަދިވެސް އޮތީ އެޗްޕީއޭގެ މޮނިޓަރިންގެ ދަށުގައެވެ.